ޚަބަރު

18 އަހަރު ނުފުރޭ ކުދިންގެ ރެކޯޑު އަމިއްލަ ފަރާތްތަކަށް ދުލެއް ނުކުރާނެ: ޑީޖޭއޭ

އިބްރާހިމް ޒަކީ

އުމުރުން 18 އަހަރު ނުފުރޭ ކުދިންގެ ރެކޯޑް އަމިއްލަ ފަރާތްތަކަށް ދޫނުކުރާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.

ޑީޖޭއޭ އިން އެހެން ބުނީ، އެކިއެކި ކަންކަމާ ގުޅިގެން ދައުލަތުގެ އިދާރާތަކުންނާއި އަމިއްލަ ފަރާތްތަކުން، ޢުމުރުން 18 އަހަރު ނުފުރޭ ކުދިންގެ ރެކޯޑު ސާފު ކުރުމަށް އެ ޑިޕާޓްމަންޓަށް ހުށަހަޅަމުން ގެންދާތީއެވެ.

އެކަމާ ގުޅިގެން ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު އާއިޝަތު ރިޒްނާ ސޮއިކުރައްވައި މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ، ކުޑަކުދިން ކުރާ ކުށްތަކުގެ ރެކޯޑުތަކަކީ ސިއްރު ގޮތުގައި ބަލަހައްޓާ ތަކެތި ކަމަށެވެ.

އަދި އެފަދަ ރެކޯޑުތަކަށް ވާސިލު ވެވޭނީ ކޯޓު އަމުރަކުން ހުއްދަ ލިބިގެން ކުއްޖާގެ މައްސަލަ ބަލާ ފަރާތްތަކަށާއި ކަނޑައެޅިގެން އެކަމަށް ހުއްދަ ކުރެވޭ އެހެން ފަރާތްތަކަށް އެކަނި ކަމަށް ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 112 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާތީ އާއި އެއްވެސް މީހެއްގެ މައްޗަށް އުފުލޭ ދައުވާއެއްގައި އޭނާގެ ކުޑައިރުގެ ރެކޯޑު އޭނާއާ ދެކޮޅަށް ބޭނުން ކޮށްގެން ނުވާނެ ކަމަށް އެ ގާނޫނުގެ 112 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާތީ 18 އަހަރު ނުފުރޭ ކުދިންގެ ރެކޯޑް އަމިއްލަ ފަރާތްތަކަށް ދޫކުރާ ގޮތަށް ހަމަޖެހިފައިނުވާ ކަމަށް ބުންޏެވެ.

ނަމަވެސް 18 އަހަރު ފުރުމުގެ ކުރިން ކުޑަ ކުއްޖަކު ކޮށްފައިވާ ކުށަކާ ގުޅިގެން ޖުވެނައިލް ކޯޓުން ކޮށްފައިވާ ހުކުމެއް ނުވަތަ ޖުވެނައިލް ކޯޓުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ މައްސަލައެއްގައި މެޖިސްޓްރޭޓް ކޯޓަކުުން ކޮށްފައިވާ ހުކުމެއް ނުވަތަ ޖުވެނައިލް ކޯޓަށް ހުށަހެޅިފައިވާ ނުވަތަ އެ ކޯޓުގައި ހިނގަމުންދާ މައްސަލައެއްގެ ރެކޯޑް، ދައުލަތުގެ ކަމާބެހޭ ފަރާތަކުން ބަލަން ބޭނުން ވެގެން ހުށަހަޅައިފިނަމަ، ރެކޯޑް ބޭނުންވި ސަބަބުތަކަށް ރިއާޔަތްކޮށް ކޮންމެހެން ހާމަކުރަންޖެހޭ ރެކޯޑު ޖުވެނައިލް ކޯޓުން ހުއްދަ ކުރާ މިންވަރަށް ދޫ ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން މަސްތުވާތަކެތީގެ ފަރުވާގެ ޕްރޮގްރާމްގައި ކުއްޖަކު ބައިވެރިކުރުމަށް ކުށުގެ ރެކޯޑް ސާފު ކުރުމަށް ބޭނުން ވެގެން، ފަރުވާ ދޭ މަރުކަޒަކުން އެދެފިނަމަ އެފަދަ ފަރާތްތަކުގެ ރެކޯޑް އެ އިދާރާއަށް ދޫކުރެވޭނެ ކަމަށްވެސް ޑީޖޭއޭގެ ބަޔާނުގައިވެއެވެ.