މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ބައި މިލިއަނަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެއާ ހަމައަށް 500،406 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފައެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ މާޗު މަހުއެވެ. އެ މަހު 109،585 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. ނަމަވެސް އެ ފަހުން ފަތުރުވެރިން އަންނަ އަދަދު ވަނީ ދަށްވާން ފަށައިފައެވެ.

އެގޮތުން އޭޕްރިލް މަހު 91،200 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި އިރު، ހުސްވި މެއި މަހު ޒިޔާރަތް ކޮށްފައި ވަނީ 64،613 ފަތުރުވެރިންނެވެ. އަދި މިމަހުގެ މިހާތަނަށް ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދަކީ 46،023 އެވެ.

އެވްރެޖުކޮށް ދުވާލަކު އަންނަ ފަތުރުވެރިންގެ އަދަދު މިހާރު ހުރީ 1،837 ގައެވެ. އަދި އެވްރެޖްކޮށް ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ދުވަހުގެ ނިސްބަތް ހުރީ 9.0 ގައެވެ.

އިއްޔެއާ ހަމައަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ ރަޝިޔާ އިންނެވެ. އެއީ 120،514 ފަތުރުވެރިންނެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައި އިންޑިއާ އިން 89،599 ފަތުރުވެރިން އައިސްފައިވާ އިރު، ޖަރުމަނުން 27،151 ފަތުރުވެރިން އައިސްފައިވެއެވެ.

ދެން ލިސްޓުގައި ހިމެނެނީ ޔުކްރެއިން، އެމެރިކާ، ކަޒަކިސްތާން، އިނގިރޭސި ވިލާތް، ރޯމާނިއާ، ފްރާންސް އަދި ޗެކްރިޕަބްލިކެވެ.