ޚަބަރު

ކުދި ޖަޒީރާ ގައުމުތަކުގެ ފަރާތުން ލީޑާޝިޕް ދެއްކުމުގައި ރާއްޖެ ދެމި އޮންނާނެ: ޝާހިދު

ރިފާ ހަލީލު

ރާއްޖެއަށް ކުދި ޖަޒީރާ ގައުމުތަކުގެ ފަރާތުން ލީޑާޝިޕް ދައްކަން ފުރުސަތު ލިބިފައިވާ ކަމަށާއި އެކަމުގައި ދެމި އޮންނާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތަށް އިންތިހާބުވުމާ ގުޅިގެން އޮސްޓްރޭލިއާގައި ދިރިއުޅެމުންދާ ދިވެހިން ވެސްޓާން އޮސްޓްރޭލިއާގެ ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގަންނަވާ ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖެއަށް މި އިންތިހާބު ކާމިޔާބު ކުރެވުމަކީ ބައިނަލްއަގުވާމީ ދުނިޔެ އިން ރާއްޖޭގެ ހާރިޖީ ސިޔާސަތު ބަލައިގެންފައިވާކަމުގެ ހެއްކެއް ކަމަށާއި އެ ކަމަށްޓަކާ ރައީސުލްޖުމްހޫރިއްޔާ އަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ، ކުދި ގައުމުތަކަށް ބައިނަލްއަގުވާމީ މައިދާނުގައި އަދާކުރެވިދާނެ ރޯލު ފެނިގެން ހިނގައްޖެ ކަމަށާއި ރާއްޖެއަށް ކުދި ޖަޒީރާ ގައުމުތަކުގެ ފަރާތުން ލީޑާޝިޕް ދައްކަން އަދި މިކަމުގައި ދިވެހި ހާރިޖިއްޔާގެ މުވައްޒަފުން ދެމިތިބޭނެ ކަމަށެވެ.

އަދި ރާއްޖެއިން ބޭރުގައި އެކި ބޭނުންތަކަށް ދިރިއުޅޭ ދިވެހިންނަށް ދިވެހި ސަރުކާރުގެ ފަރާތުން އެހީތެރިކަން ބޭނުންވާ ކޮންމެ ހާލަތެއްގައިވެސް އެ އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަންވެސް ދެއްވަމުން މިނިސްޓަރު ޝާހިދު ވަނީ، ކޮވިޑް-19ގެ ބަލިމަޑުކަމުގައި ދުނިޔެ އޮތް ވަގުތަކަށްވުމާއެކު، ދިމާވާ ތަކާއެކުވެސް ސަރުކާރާއެކު މަސައްކަތް ކުރައްވަމުން ގެންދެވުމަށް އެދިވަޑައިގެންފައެވެ.

އޮސްޓްރޭލިއާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެގައުމުގައި ދިރިއުޅޭ އަދި ކިޔަވަމުންދާ ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވިއެވެ.