އިންޑިއާ އަންހެނަކު އޭނާ އިންނަން އުޅުނު މީހާގެ ލޮލަށް ރަނގަޅަށް ނުފެންނަކަމަށް ބުނެ ކައިވެނި ކުރިއަށް ގެންދަން ދެކޮޅު ހަދައިފިއެވެ.

އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި މިދިޔަ ހަފުތާގެ ތެރޭގައި ކުރިއަށް ދިޔަ އެ ކައިވެނި ހަފުލާގައި އިންނަން އުޅުނު މީހާގެ ލޮލަށް ރަނގަޅަށް ނުފެންނަ ކަމަށް ބުނެ އެ އަންހެން މީހާވަނީ ހަފުލާ ކުރިއަށް ގެންދިއުމަށް ވެސް ދެކޮޅު ހަދާފައެވެ.

އުއްތަރް ޕްރަދޭޝްގެ އައުރަޔާ ކިޔާ އަވަށެއްގައި ދިރިއުޅެމުން އަންނަ އަރުޖުން ސިންގު އޭނާގެ އަންހެން ދަރިފުޅު އަރްޗަނާގެ ކައިވެނި ޝިވަމް ކިޔާ މީހަކާ ކުރުވަން ނިންމީ އެއީ ކިޔަވައިގެން ހުރި މޮޅު މީހަކަށް ވާތީއެވެ. ކައިވެނީގެ ކަންކަން ރޭވި، އަރުޖުން ވަނީ އޭރު ޝިވަމް އަށް ސައިކަލެއްވެސް ގަނެދީފައެވެ.

ނަމަވެސް ކައިވެނި ކުރަން އޮތް ދުވަހު ހަފުލާގެ ތެރެއިން ކަންތައްތައް ވަނީ ބަދަލުވެގެން ގޮސްފައެވެ. ޖޫން 20 ވަނަ ދުވަހު ކުރިއަށް ދިޔަ މި ކައިވެނީގެ ހަފުލާގައި ޝިވަމް އޭނާގެ އާއިލާއާ އެކު ކައިވެންޏަށް ތައްޔާރުވެގެން ދިޔައިރު ޝިވަމް އަޅައިގެން ހުރި އައިނުން ސަލާމަތް ނުވެގެން އުޅުނު މަންޒަރު ފާހަގަ ކުރެވުނު ކަމުގައި އަރްޗަނާގެ ބައްޕަ ވަނީ ބުނެފައެވެ. އަރްޗަނާ އާއި އޭނާގެ އާއިލާއަށް ޝިވަމްގެ ލޮލުގައި ވަރަށް ބޮޑަށް މައްސަލަ އުޅޭ ކަމަށް ޝައްކު ކުރެވި، އައިނު ނާޅާ ނޫސްކަރުދާހެއް ކިޔަން ހަވާލު ކުރިއެވެ. ކަން ދިމާ ކުރި ގޮތުން އޭނާއަށް އެކަން ކުރެވޭ ގޮތެއް ނުވިއެވެ. ޝިވަމްގެ ލޮލުގެ ފެނުން ރަނގަޅު ނުވުމުން، އަރްޗަނާ ވަގުތުން ކައިވެނި ކުރިއަށް ނުގެންދަން ނިންމިއެވެ. އެކަމަށް އަރްޗަނާގެ އާއިލާއިންވެސް ވަނީ ހިތްވަރުދީފައެވެ.

މީގެ އިތުރުންވެސް އަރްޗަނާގެ އާއިލާއިން ވަނީ ޕޮލިހަށް މައްސަލަވެސް ހުށަހަޅައިފައެވެ. ޕޮލިހަށް ހުށަހަޅާފައިވާ މައްސަލައިގައި އަރުޗަނާ އާއި އޭނާގެ އާއިލާއިން ބުނެފައިވަނީ ކައިވެނީގެ ކުރިން ލޮލަށް ރަނގަޅަށް ނުފެނުމުގެ މައްސަލައެއް އުޅޭކަން ޝިވަމްގެ އާއިލާއިން ބުނެފައި ނުވާ ކަމަށާއި، މި ކައިވެންޏަށް އަރްޗަނާގެ އާއިލާއިން ކުރި ހުރިހާ ހަރަދަކާއި ޝިވަމް އަށް ދިން ސައިކަލުވެސް އަނބުރާ ހޯދައިިދިނުމަށް އެދޭކަމަށެވެ. ނަމަވެސް ޝިވަމް އާއި އޭނާގެ އާއިލާއިން ހަރަދުތައް އަނބުރާ ދިނުމަށް އިންކާރުކޮށް މައްސަލަ އޮތީ އެ އަވަށުގެ ފުލުސް އޮފީހަށް ހުށަހަޅައިފައެވެ.