ގދ. ތިނަދޫގައި ކޮވިޑްގެ ހާލަތު ގޯސްވެ، އެރަށުގައި އަޅާފައިވާ ފިޔަވަޅުތައް އަނެއްކާވެސް ހަރުކަށި ކުރަން ނިންމައިފިއެވެ.
ތިނަދޫގައި ކޮވިޑް ފެތުރޭތީ އެރަށް އަދިވެސް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ. އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުއެވެ.
ތިނަދޫ ކައުންސިލުން މިއަދު ނެރެފައިވާ ބަޔާނެއްގައި ވަނީ އެރަށުގައި ކޮވިޑްގެ ބަލިމަޑުކަން ފެތުރި ކޮމިޔުނިޓީ ސްޕްރެޑަކަށް ބަދަލުވެފައިވާތީ، ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި މީގެ ކުރިން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން މިހާރު ކޮންމެ ގެއަކަށް ދޫކޮށްފައިވާ ހައުސްހޯލްޑް ޕާޓިޓްގައި ބޭރަށް ނުކުމެވޭނީ ކޮންމެ ގެއަކުން އެކަކަށް ކަމަށާއި ނުކުމެވޭނީ ހަފުތާއަކު އެއް ފަހަރު، އެއް ގަޑިރަށް ކަމަށް ކައުންސިލުން ބުންޏެވެ.
"މިހާރު ގޭގެއަށް ދޫކޮށްފައިވާ ހައުސްހޯލްޑް ޕާމިޓް ބޭނުންކޮށްގެން ބޭރަށް ނުކުމެވޭނީ ތިނަދޫ ޕޮލިސް ސްޓޭޝަނުން ކަނޑައަޅާ ވަގުތުތަކަށް ކޮންމެ ގޭބިސީއަކުން އެކަކަށް، ހަފުތާއަކު އެއް ދުވަހު އެއް ގަޑިއިރަށް. އެނޫން ގަޑިތަކުގައި ޒަރޫރީ ކަންކަމުގައި ބޭރަށް ނުކުތުމަށް ބޭނުން ކުރެވޭނީ ހަމައެކަނި ޕޮލިސް ޓައިމް ބައުންޑް ޕާމިޓް ކަމުގައި ހަމަޖައްސައި އެކަން އެގޮތުގެ މަތިން ތަންފީޒު ކުރުމަށް ފުލުހުންގެ އިދާރާއަށް ދަންނަވައިފިން،" ބަޔާނުގައިވެއެވެ.
އެގޮތަށް ނިންމީ ބައްޔަށް ފައްސިވާ މީހުންގެ އަދަދު އަދިވެސް މަދުނުވެ، ގިނަ ވަގުތުތަކުގައި ރަށުތެރޭގައި މީހުންގެ ހަރަކާތްތައް އިތުރުވެފައިވާތީ ކަމަށް ކައުންސިލުން ބުންޏެވެ. އެގޮތަށް ނިންމާފައިވަނީ އެރަށު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އީއޯސީ) އިއްޔެ ބޭއްވި ބައްދަލުވުމުގައެވެ.
މީގެ ކުރިން އެރަށުގެ ކޮންމެ ގެއަކަށް ދެ ހައުސްހޯލްޑް ޕާމިޓް ދޫކޮށްފައިވެއެވެ. އަދި ބޭރަށް ނުކުމެވޭނީ ފުލުހުން ކަނޑައަޅާ ވަގުތުތަކުގައި އެކަންޏެވެ.
ތިނަދޫގައި ފިޔަވަޅުތައް ހަރުކަށި ކޮށްފައިވާއިރު، އެރަށުން މިއަދުވެސް ވަނީ 17 މީހަކު ޕޮޒިޓިވްވެފައެވެ. މިހާތަނަށް އެރަށުން 579 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި އެކަކު ވަނީ އެރަށުން މަރުވެފައެވެ.
އެރަށުގައި މިހާރު ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 264 މީހުންނެވެ. އަދި އެޑްމިޓްކޮށްގެން ފަރުވާ ދެނީ ހަ މީހަކަށެވެ. މިހާތަނަށް އެރަށުން 5054 ސާމްޕަލް ވަނީ ނަގައިފައެވެ. އަދި ޕޮޒިޓިވް މީހުންނާ ކޮންޓެކްޓުވެގެން ކަރަންޓީނުގައި 316 މީހަކު އެބަތިއްބެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު