ސައުތު އެފްރިކާގެ އަންހެނަކު އެއްމާބަނޑު 10 ކުދިން ވިހެއި ކަމަށް ބުނެ ހެދި ދޮގު ފަޅާއަރައިފިއެވެ.

ސައުތު އެފްރިކާގެ އަންހެނަކު އެއްމާބަނޑު 10 ކުދިން ވިހެއި ހަބަރުގެ ހަގީގަތް ހޯދުމަށް ރަސްމީ ފަރާތްތަކުން ކުރި މަސައްކަތުން މިވާހަކައަކީ ދޮގެއްކަން ވަނީ ކަށަވަރުކުރެވިފައެވެ.

މިދިޔަ ޖޫންމަހުގެ ތެރޭގައި ސައުތު އެފްރިކާގެ ގޮސިއާމޭ ތަމާރާ ސިތޯލު ކިޔާ އަންހެނަކު އެއްމާބަނޑު 10 ކުދިން ވިހެއި ހަބަރު ވަނީ ވައިރަލް ވެފައެވެ. އަދި މިއީ ދުނިޔޭގެ ރެކޯޑު ފޮތަށް އެރުން އެކަށީގެން ވާ ހަބަރެއް ކަމަށް ބެލެވުނެވެ. ނަމަވެސް އެގައުމުގެ ސަރުކާރުން މިކަމުގެ ސައްހަކަން ޔަގީންކުރަން ބެލި ބެލުމުން މިއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއްކަން ވަނީ ސާބިތު ކުރެވިފައެވެ.

ބީބީސީން އާއްމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ، އެ އަންހެންމީހާ ނިސްބަތްވާ ޕްރޮވިންސުގެ އެއްވެސް ހޮސްޕިޓަލެއްގައި އެއްމާބަނޑު 10 ކުދިން ވިހާފައި ނުވާ ކަން ރަސްމީ ފަރާތްތަކުން ހޯދި ހޯދުމުން ކަށަވަރު ވެފައިވާ ކަމަށާއި، ޓެސްޓުތަކުން ސިތޯލް ބަލިވެ އިނދެފައި ނުވާ ކަމަށްވެސް ދައްކާފައިވާ ކަމަށެވެ.

މި ހަބަރު އެންމެ ފުރަތަމަ ފަތުރާފައިވަނީ އިންޑެޕެންޑެންޓް އޮންލައިންގެ ދަށުން ހިންގަމުން އަންނަ މީޑިއާ ގްރޫޕެއް ކަމަށްވާ ޕްރިޓޯރިއާ ނޫހުންނެވެ. އެނޫހުގައި ސިތޯލު އެއްމާބަނޑު 10 ކުދިން ވިހާފައިވަނީ ސްޓީވް ބައިކޯ އެކެޑެމިކް ހޮސްޕިޓަލުގައި ކަމަށާއި އަދި އެތަނުގެ މުވައްޒަފުން ތިބީ އެއްމާބަނޑު 10 ކުދިން ވިހާނެ ހާލަތަކަށް ތައްޔާރުވެފައި ނޫން ކަމަށްވެސް ވަނީ ރިޕޯޓު ކޮށްފައެވެ.

މިކަމާ ގުޅިގެން އެ ހޮސްޕިޓަލުން ވަނީ، ހޮސްޕިޓަލާ ގުޅުވައިގެން ދޮގު ހަބަރު ފެތުރުމުގެ ކުށުގައި ދައުވާ ކުރާނެ ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. އަދި މިއީ ހޮސްޕިޓަލާއި ގައުޓެން ޕްރޮވިންސުގެ ސަރުކާރުގެ އަގު ވައްޓާލުމަށް ކޮށްފައިވާ ކަމެއް ކަމަށްވެސް އެ ބަޔާނުގައިވަނީ ބުނެފައެވެ.

އެއްމާބަނޑު 10 ކުދިން ވިހެއި ކަމަށް ބުނާ 37 އަހަރުގެ ގޮސިއާމޭ ތަމާރާ ސިތޯލު މިހާރުވަނީ ނަފުސާނީ މައްސަލައެއް އުޅޭތޯ ބެލުމަށް އޮބްޒަވޭޝަންގައި ބަހައްޓާފައި ކަމަށް ބީބީސީގެ ރިޕޯޓުގައިވެއެވެ.