މަރާލުމަށްފަހު ފޮއްޓަކަށް ލާފައި އޮއްވާ ފެނުނު 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލައިގެ ހަބަރުތައް އަވަސް ނޫހުން ގެނެސްދިން ގޮތާމެދު ހިތްހަމަ ނުޖެހިގެން ޖެންޑާ މިނިސްޓްރީން އެ ނޫސް ޖޫރިމަނާކޮށްފިއެވެ.

އަވަސް ނޫހުން ބުނެފައި ވަނީ، ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތުމަތު ޔުމްނާ ސޮއި ކުރައްވާ މިއަދު އެ ނޫހަށް ފޮނުވި ސިޓީއަކުން 2000 ރުފިޔާއިން އެ ނޫސް ޖޫރިމަނާކުރިކަށް އަންގާފައިވާ ކަމަށެވެ.

އެއީ މިނިސްޓްރީގެ ދަށުގައި އޮންނަ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ ފަރާތުން ކަމަށްވެސް ބުނެފައިވެއެވެ.

އެ ކުއްޖާގެ މަރުގެ މައްސަލައިގައި އަވަސް އިން ހަބަރު ފަތުރާފައި ވަނީ ކުޑަކުދިންގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް ކަމަށާއި، އެ ނޫނަސް ކުޑަކުދިންގެ ހައްގުތަކަށް އުނިކަން އަންނަފަދަ ހަބަރުތައް އަވަސްއިން ފަތުރާކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

އެފަދަ ހާދިސާތަކާ ގުޅުންހުރި މައުލޫމާތު ތަކަކީ ސައްހަކަން ކަށަވަރު ނުކޮށް، ސޯޝަލް މީޑިއާ އާއި މީޑިއާގައި އާންމު ކޮށްގެން ވާނެ މައުލޫމާތުތަކެއް ނޫން ކަމަށް ވެސް ބުނެފައިވެއެވެ.

ކުއްޖާ ހެދި ބޮޑުވުމަށް ބެނުންވާ ރައްކާތެރިކަމާއި އަޅާލުން، ކުއްޖާގެ ބެލެނިވެރިންގެ ފަރާތުންނާއި ކުއްޖާގެ އާއިލާގެ ފަރާތުންނާއި، މުޖުތަމައުގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން ލިބުމަކީ ކޮންމެ ކުއްޖަކަށް ލިބިގެންވާ ހައްގެއް ކަމަށް ކުޑަކުދިންގެ ހައްގުތައް ރައްތެރިކުރުމުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ހަނދާންކޮށްދީފައެވެ.

އަވަސް ނޫހަށް ފިޔަވަޅު އަޅާފައި ވަނީ އެ މައްސަލައިގެ ކުޑަބޮޑުމިނަށް ބަލާފައި އެ ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން ކުޑަކުދިންގެ ކަރާމާތައް ގެއްލުންވާ ފަދަ މައުލޫމާތު މީޑިއާގައި އާންމު ކޮށްފިނަމަ މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން ކަމަށް ވެސް ބުނެފައި ވެއެވެ.

ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަކަށް، ކުޑަކުދިންގެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން އާންމުކޮށްގެން ނުވާނޭކަން ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރާ ގާނޫނުގެ 33 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ދެން އެފަދަ ކަންކަން ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމަށްޓަކައި ލިއުމުން އެކަން ޖެންޑާ މިނިސްޓްރީއަށް ލިޔުމުން އަންގައިއެ ލިޔުން އާންމުކޮށް ފެންނާނެހެން ޝާއިއު ކުރުމަށްވެސް އެ ސިޓީން އަވަސް އަށް ވަނީ އަންގައިފައެވެެ.

އެ މައްސަލައާ ގުޅިގެން އިތުރު ތިން ނޫހަކަށް ޖެންޑާ މިނިސްޓްރީން ވަނީ ނަސޭހަތް ދީފަ އެވެ.