އައްޑޫ ސިޓީގެ ގަމުގައި ހުންނަ އޭޝިއަން އެކެޑަމީ އޮފް އެއޮރޮނޮޓިކްސް (އޭއޭއޭ) ހިންގުމަށް އެވިޑް ކޮލެޖުން ގަނެ އެތަން ހިންގުމަށް މިއަދު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.
އައްޑޫ ފްލައިން ސްކޫލްގައި ދަރިވަރުންނަށް ބޮޑެތި ގޮންޖެހުންތައް ދިމާވެ އެ ސްކޫލުގެ ކަންކަން ބޮއްސުލައިގެން ދިއުމުގެ ސަބަބުން ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ފްލައިން ސްކޫލްގެ ހުއްދަވެސް ބާތިލު ކޮށްފަ އެވެ.
އައްޑޫގައި މިއަދު މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެވިޑު ކޮލެޖުން އައްޑޫގައި ހުންނަ ފްލައިން ސްކޫލް ގަނެ އެކަމުގެ އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފަ އެވެ. މި އެއްބަސްވުމުގައި އެވިޑް ކޮލެޖުގެ ފަރާތުން ސޮއި ކުރެއްވީ އެ ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގް ރަޝާދެވެ. އޭއޭއޭ އިން ސޮއިކުރެއްވީ އެ ތަނުގެ ޖެނެރަލް މެނޭޖަރު މުހައްމަދު ފަޒީލް ރަޝީދެވެ.
އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ވާހަކަ ދައްކަވަމުން މުޝްތާގް ވިދާޅުވީ އެވިޑު ކޮލެޖުން ފްލައިން ސްކޫލް ހިންގާނީ "އެވިޑް ސްކޫލް އޮފް އޭވިއޭޝަން" (އަސާ)ގެ ނަމުގައި ކަމަށެވެ.
މުޝްތާގު ވިދާޅުވީ ފްލައިން ސްކޫލެއް ހިންގުމަށް ފުރުސަތު ލިބުނު ހަމަ އެކަނި ދިވެހި ކޮލެޖަށް އެވިޑު ކޮލެޖުވުމަކީ ވަރަށް ފަހުރުވެރިވާ ކަމެއް ކަމަށެވެ. އަދި މިއަދަކީ އެ ކޮލެޖަށް ވަރަށް ހާއްސަ ވަރަށް ތާރީހީ ދުވަހެއް ކަމަށްވެސް އޭނާ ވިދާލުވި އެވެ.
އެންމެ ބޮޑު އަމާޒަކީ މިހާރުވެސް އެ ސްކޫލުގައި ކިޔަވަމުން އަންނަ 170 ދަރިވަރުންގެ ހުރި ކަންބޮޑުވުންތައް އަޑުއަހައި އެ ކަންބޮޑުވުންތައް ހައްލު ކުރުމުގެ މަސައްކަތް ކުރުން ކަމަށާއި އަދި ދަރިވަރުންގެ އަޑު އަހައި ކަންކަން އިހުނަށްވުރެ ރަނގަޅަށް ކުރިއަށް ގެންދިއުން ކަމަށް މުޝްތާގު ވިދާޅުވި އެވެ.
މުޝްތާގު ވިދާޅުވީ މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން މިހާރު އޭއޭއޭގެ ދަށުގައި ހުރި ހުރިހާ މުދަލެއް އެވިޑް ކޮލެޖުގެ ނަމަށް ބަދަލުކޮށްފައިވާ ކަމަށާއި އަދި މިހާރު ކުރެވެމުން އަންނަ މަސައްކަތްތަކާ އެކީ އިންތިގާލީ މަރުހަލާ އަށް ހަ މަސް ދުވަސް ހޭދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ނަމަވެސް އެއަށްވުރެ ކުރިންވެސް މި މަރުހަލާތައް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"މިހާރު އޭއޭއޭ އަށް ސިވިލް އޭވިއޭޝަނުން ދީފަ އޮތް ހުއްދަ މިވަނީ ބާތިލު ކޮށްފަ. އެއީ އެ ކުންފުންޏަށް ދިން ހުއްދަ. އެ ހުއްދަ މިހާރު އެވިޑުގެ ދަށަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ. މި މަސައްކަތުގެ ޓްރާންސިޝަން ފޭސް ޕީރިއަޑަށް ލަފާ ކުރެވެނީ ހަ މަސް ދުވަސް ނަގާނެ ކަމަށް. އެކަމަކު އެއަށްވުރެ އަވަސް ކުރެވޭތޯވެސް މަސައްކަތް ކުރާނަން. މި މުއްދަތަކީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ފްލައިން ސްކޫލް ހިންގަން އޭއޭއޭއަށް ދޫކޮށްފައި އޮތް ލައިސެންސް އެވިޑް ކޮލެޖުގެ ދަށަށް ބަދަލުކުރަން ހިނގާނެ މުއްދަތު. އެކަމަކު މި މުއްދަތުގެ ތެރޭގަ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދާނެ ގޮތެއް އަޅުގަނޑުމެން މިދަނީ ބަލަމުން." އޭނާ ވިދާޅުވި އެވެ.
މުޝްތާގު ވިދާޅުވީ މިހާރު އެ ސްކޫލުގައި ތިބި ދަރިވަރުންގެ ކިޔެވުން މި އަހަރު ސެޕްޓެމްބަރު މަހު ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
މީގެ އިތުރުން މުޝްތާގު ވިދާޅުވީ އެވިޑް ކޮލެޖްގެ ދަށުން ފްލައިން ސްކޫލް ހިންގުމަށް އެ ސްކޫލުގައި މިހާރު ތައުލީމު ހާސިލު ކުރަމުން އަންނަ ދަރިވަރުންނާއި އެ ދަރިވަރުންގެ ވަރަށް ބޮޑު ތަރުހީބަކާއި އެއްބާރުލުމެއް ލިބޭ ކަމަށެވެ. އަދި އަމާޒަކީ ކުދިންގެ ކަންބޮޑުވުންތައް އަހައި ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅުކޮށް ކުރިއަށް ދިޔުން ކަމަށް ވިދާޅުވި އެވެ.
އައްޑޫގައި ހިންގާ ފްލައިން ސްކޫލް މިހާރު ހިންގަމުން އަންނަ އޭއޭއޭ ކުންފުންޏަށް އެ ސްކޫލް ހިންގަމުން އަންނަ އިމާރާތް ހުސްކުރުމަށް އަންނަ ޖުލައި މަހުގެ ނިޔަލަށް މުއްދަތެއް ވަނީ ދީފަ އެވެ. މިކަމާ ގުޅިގެން މުޝްތާގު ވިދާޅުވީ ދަރިވަރުންގެ ކިޔެވުން ނިމެންދެން ތަން ހުސްކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް ކަމާ ގުޅޭ އިދާރާތަކުގައި މިހާރު އެދިފައިވާނޭ ކަމަށާއި މިކަމަށް ހުއްދަ ނުދީފި ނަމަ އެހެން ތަނެއްގައިވެސް މި ސްކޫލް ހިންގުމަށް އެ ކޮލެޖުން ތައްޔާރަށް އޮތް ކަމަށެވެ.
އައްޑޫ ފްލައިން ސްކޫލުގައި ތައުލީމު ހާސިލު ކުރާ ދިވެހި ދަރިވަރުންގެ ހައްގުތައް ނިގުޅައިގެންފައިވާތީ ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދައިދީ، ޒިންމާ ވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ސަަރުކާރަށް އަންގަން ރައްޔިތުންގެ މަޖިލީހަށް މި މައްސަލަ ވައްދައި އެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީން ވަނީ އެކަން ފާސްކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު