ކޮވިޑް-19އާ ގުޅިގެން އިގްތިސޯދަށް އައި ހީނަރުކަމުން ކުދި ވިޔަފާރިތައް އަރައިގަތުމަށް އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ލިބޭ ސްކީމެއް މިއަދު ތައާރަފުކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީ އާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ކޮވިޑް-19 ސަސްޓެއިނެބަލް ސްޓިމިއުލަސް ލޯނުގެ ނަމުގައި އެ ލޯން ދޫކުރަން ނިންމާފައި ވަނީ ތިން ޕެކޭޖެއްގެ ގޮތުގައެވެ.
އެއީ ހިނގަމުން އަންނަ ޕްރޮޖެކްޓުތައް ނިންމުމަށާއި ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާގެ އެހީގެ ގޮތުގައި އަދި ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ފުޅާ ކުރުމަށެވެ. ލޯނު ނުހިމެނޭ ގޮތަށް ވިޔަފާރިއާ ގުޅޭ ފަންނީ ލަފާ ދިނުންވެސް ހިމެނެއެވެ.
ކެފޭ/ރެސްޓޯރެންޓާއި ޖިމްގެ އިތުރުން ސެލޫން އަދި ގެސްޓްހައުސްތަކަށް ދޫކުރާ މި ލޯނުގެ ގޮތުގައި ގިނަވެގެން ދޫކުރާނީ އެއް މިލިއަން ރުފިޔާއެވެ. އިންޓަރެސްޓުގެ ގޮތުގައި އަހަރަކު ހަ ޕަސެންޓު ނަގާ އިރު ލޯނު އަނބުރާ ދައްކަން ޖެހެނީ ފަސް އަހަރާއި އަށް އަހަރާ ދެމެދުގެ މުއްދަތެއްގައެވެ. އަދި ލޯނު ދެއްކުމަށް ގްރޭސް ޕީރިއަޑްގެ ގޮތުގައި އެއް އަހަރާއި ދެ އަހަރުގެ މުއްދަތެއް ލިބޭ އިރު, މި ލޯނަށް ރަހުނެއް ބޭނުމެއް ނުވާނެއެވެ.
- 2018 އިން ފެށިގެން 2020 އަށް ތިން އަހަރު ފައިދާ ވެފައިވާ ވިޔަފާރިއަށް ވުން
- ފާއިތުވި 12 މަސް ދުވަސް ތެރޭގައި ނޮން ޕާފޯމިން އެސެޓް ފެސިލިޓީއެއް ނެތުން
- ކޮވިޑް ރިކަވަރީ ސްކީމެއްގެ ފެސިލިޓީ ލިބިފައިވާ ނަމަ, އާ ފެސިލިޓީގެ ތެރެއަށް ތާވަލު ކުރެވޭނެ
- ވޭތުވެދިޔަ އެއް އަހަރު ދުވަހު ވިޔަފާރި މެދުނުކެނޑުމެއް ނެތި ހިންގާފައިވުން
އިކޮނޮމިކް މިނިސްޓްރީން ބުނީ, މި ލޯނަށް ޖުލައި ފުރަތަމަ ހަފުތާއިން ފެށިގެން ހުށަހެޅޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު