އައްޑޫ ސިޓީގެ ގަމުގައި ހުންނަ އޭޝިއަން އެކެޑަމީ އޮފް އެއޮރޮނޮޓިކްސް (އޭއޭއޭ) ހިންގުމަށް އެވިޑް ކޮލެޖާ ހަވާލު ކުރަން ނިންމައިފި އެވެ.
އައްޑު ފްލައިން ސްކޫލްގައި ދަރިވަރުންނަށް ބޮޑެތި ގޮންޖެހުންތައް ދިމާވެ އެ ސްކޫލުގެ ކަންކަން ބޮއްސުލައިގެން ދިޔުމުގެ ސަބަބުން ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ފްލައިން ސްކޫލްގެ ހުއްދަވެސް ބާތިކޮށްފަ އެވެ.
އެވިޑް ކޮލެޖުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާލުވީ އައްޑޫ ފްލައިން ސްކޫލް ހިންގުމަށް އެ ކޮލެޖާއި ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއްބަސްވުމުގައި ސޮއި ކުރަން ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައި ކަމުން މިވަގުތު އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.
އައްޑޫ ފްލައިން ސުކޫލްގެ މައްސަލަ ބޮޑުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ އެ ތަނުގެ ދެ ވެރިޔަކަށް ފިޔަވަޅު އެޅުމަށް އަންގަވައިފަ އެވެ. އަދި ފްލައިން ސުކޫލް އޮޑިޓްކޮށް ސިވިލް އޭވިއޭޝަން އޮތޯރިޓީން މީގެ ކުރިން ފާހަގަ ކޮށްފައިވާ ކަންކަމާއި ގުޅިގެން އެ ސުކޫލްގެ ހެޑް އޮފް ޕައިލެޓް ޓްރެއިނިން ކެޕްޓަން ސުރަންޖަން ޑީ ސިލްވާ އާއި އެކައުންޓެބަލް މެނޭޖަރު އަލީ އަކްބަރު ޖީވަންޖީގެ މައްސަލަ އިތުރަށް ބަލައި ފިޔަވަޅު އަޅަން ވެސް ރައީސް ވަނީ އަންގަވާފަ އެވެ.
އައްޑޫ ފްލައިން ސްކޫލުގައި ތައުލީމު ހާސިލު ކުރާ ދިވެހި ދަރިވަރުންގެ ހައްގުތައް ނިގުޅައިގެންފައިވާތީ ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދައިދީ، ޒިންމާ ވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ސަަރުކާރަށް އަންގަން ރައްޔިތުންގެ މަޖިލީހަށް މި މައްސަލަ ވައްދައި އެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީން ވަނީ އެކަން ފާސްކޮށްފަ އެވެ.
ދަރިވަރުންގެ ކިބައިން ނިގުޅައިގަނެވިފައިވާ ހައްގުތަކާއި އެ ދަރިވަރުންނަށް މާލީގޮތުން ލިބިފައިވާ ގެއްލުންތަކުގެ ބަދަލު އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސްގެ ކިބައިން ދަރިވަރުންނަށް ސަރުކާރުން ހޯދައިދޭން ޖެހޭނެ ކަމަށްވެސް ކޮމެޓީގައި މެންބަރުން ވަނީ ވިދާޅުވެފައެވެ. އެ ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކިބައިން ނިގުޅައި ގަނެފައިވާ ހައްގުތަކާމެދު ޒިންމާ ވާން ޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވައި އެފަރާތްތަކާ މެދު ދައުލަތުގެ ކަމާގުޅޭ އިދާރާތަކުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށްވެސް ވަނީ ފާސްކޮށްފަ އެވެ.
މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި މިފަދަ އިންސްޓިޓިއުޓްތައް ރާއްޖޭގައި ހިންގުމުގެ ހުއްދަ ދޭން ޖެހޭނީ، ހަރުދަނާ ގަވާއިދުތައް ހެދުމަށްފަހު އެ ގަވާއިދުތަކުގެ ތެރެއިން ކަމަށްވެސް ކޮމެޓީން ވަނީ ބުނެފަ އެވެ.
ދިވެހި ދަރިވަރުންގެ އިތުރުން ބިދޭސީ ދަރިވަރުންނަށްވެސް ހުޅުވާލެވިގެން، ރާއްޖޭގައި ބައިނަލް އަގުވާމީ ފެންވަރުގެ ފްލައިން ސްކޫލެއް ހިންގުމަކީ އެކަމުގެ ސަބަބުން ގައުމުގެ ކުރިމަގަށާއި އިގްތިސޯދަށް އެތައް ފައިދާއެއް ކުރާނެ މުހިއްމު ކަމަކަށްވާތީ ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކުން އެފަދަ ފްލައިން ސްކޫލެއް ރާއްޖޭގައި ހިންގޭނެ މަގު ވީ އެންމެ އަވަހަކަށް ފަހިކޮށްދިނުމަށްވެސް ވަނީ ފާސްކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު