އަހަރެންނަށް ބޯއަޅާއިލެވުނީ ވިއާންގެ މޭގައެވެ. އެވަގުތު ބަދިގޭ ދޮރުމަތީގައި އަހަރެމެންނަށް ބަލަހައްޓައިގެން ހުރި ޒިޔާން އަހަރެންނަށް ފެނުނެވެ.
ދުވަހުގެ ބާކީ އޮތް ވަގުތުތަކުގައި އަހަރެން އުޅުނީ ޒިޔާނަށް ވަރަށް ފާރަވެރިވެގެންނެވެ. މެންދުރު ކާން އެރި ވަގުތުވެސް އަހަރެން މަސައްކަތްކުރީ އޭނާ އާ ދުރުގައި އިންނާށެވެ. އެންމެން ހަމައަށް ތިބޭ ވަގުތުތަކުގައި އަހަރެންނާ ވާހަކަދައްކަން ޒިޔާން މަސައްކަތް ކުރެއެވެ. އެހެންނަމަވެސް ފާޅުގައި އަހަރެން ޒިޔާން ދުރުކޮށްލަމެވެ.
"ބަދިގޭގައި ހުރެފައި އަހަރެން ކޮޓަރިއަށް ވަންއިރު އެނދުގައި އިން ވިއާން އިނީ ހެވިފައެވެ. ކޮޓަރިއަށް ވަންގޮތަށް އަހަރެން އުޅުނީ އެއްޗެހި އިސްތިރި ކުރަން ތައްޔާރު ކުރާށެވެ. ވިއާން މާބޮޑަށް ހެވިފައި ހުރުމުން އަހަރެންނަށް އަހައިނުލާ ނުހުރެވުނެވެ.
"ހާދަ އުފާވެފަ" އަހަރެން އެހީމެވެ.
"އުފާވާނެތާ އުފާވާ ކަހަލަގެ ހަބަރެއް ލިބުނީމަ" ވިއާން ބުނެލިއެވެ.
"އަނެއްކާ ކޮން ހަބަރެއް؟" އިސްތިރިކުރަން ޖެހޭ އެއްޗެހި އަލަމާރިން ނަގަމުން އަހަރެން އެހީމެވެ.
"އެގުޅީ ޒިޔާން. އެނގޭތަ އޭނައަށް ޖޮބް ހަމަޖެހިއްޖެ" ވިއާން ބުނެލިއެވެ. އަލަމާރި ތެރެއިން ކޮނޑެއް ނަގަން އަތްލިގޮތަށް އަހަރެން ހުއްޓުން އެރިއެވެ. މޫނުމަތީގައި ވަށާލީ ފޫހިކަމެވެ. ވިއާނަށް ފުރަގަސްދީގެން ހުރެވުނުކަން ނަސީބެކެވެ.
"މަލް އުފަލެއްނުވޭތަ؟" އަހަރެން ޖަވާބެއްނުދީ ހުރުމުން ވިއާން އެހިއެވެ.
"އަހަރެން ނުވޭ އުފަލެއް" ފަރުވާކުޑަ ގޮތަކަށް އަހަރެން ބުނީމެވެ. ބުނެވުނީ ހިތުގައި އޮތް ގޮތަށް އެއްވެސް ފޮރުވުމެއް ނެތިއެވެ.
އިރުކޮޅަކުން ވިއާން އައިސް އަހަރެން ކައިރީގައި ހުއްޓިއްޖެއެވެ. އަހަރެން ކޮނޑުގެ ދެފަރާތުގައި ހިފާލާފައި އޭނާ އާ ހަތަރުކަޅި ހަމަކުރުވިއެވެ.
"ތެދަށް ބުނައްޗެ. ތިހެން ތިބުނީ ކީއްވެތަ؟" ވިއާން އެހިއެވެ. ދެލޯ ބޮޑުކޮށްގެން އަހަރެންނަށް ހުރެވުނީ ވިއާނަށް ބަލާށެވެ. ވިއާނަށް ޒިޔާންގެ ހަގީގަތް ކިޔައިދޭންވީ ވަގުތު ޖެހިއްޖެކަން ހަނދާންވިއެވެ. އަދި އެކަމަށް އެންމެ ރަނގަޅު ވަގުތު އެއީ ކަމުގައި އަހަރެންގެ ހިތް ވިސްނައިދިނެވެ.
"އެއްވެސް ކަމެއް ގޯސްވީތަ؟" އަނެއްކާވެސް ވިއާން އެހިއެވެ.
"އެންމެ ރަނގަޅު. ތިސުވާލުގެ ޖަވާބުގައި އަހަރެން ޒިޔާން އަދިވެސް ބަދަލުނުވެއޭ ބުނެފިއްޔާ ވިއާން ކިހިނެއްހަދާނީ؟" ވިއާން ކުރި ސުވާލުގެ ބަދަލުގައި އަހަރެންވެސް ކުރީ ސުވާލެކެވެ.
"ވަރަށް ވަރަށް ދެރަވާނެ. އެންމެ ކަންބޮޑުވަނީ މަންމަ އާ މެދު" ވިއާން ބުނެލިއެވެ. ވިއާންގެ މޫނުމަތީ ކުލަވަރު ބަދަލުވެގެންދިޔަ ގޮތް ފެނި އަހަރެން އިންތިހާއަށް ދެރަވިއެވެ. މީގެކުޑައިރުކޮޅެއް ކުރިން ވިއާންގެ މޫނުމަތިން ފެންނަން ހުރި ހިނިތުންވުން އަހަރެން ދޭ ޖަވާބެއްގެ ސަބަބުން ގެއްލޭކަށް އަހަރެންނަށް ނޭދެވޭނެއެވެ. ޒިޔާންގެ ހަގީގަތް ކިޔައިދޭން އަހަރެން ބޭނުންނުވިއެވެ. އެހެންނަމަވެސް އަހަރެންގެ ބަސްތަކުން ވިއާން އިތުރަށް އަހަރެންނާމެދު ސަމާލުވާން ބޭނުންވިއެވެ.
"އެއްވެސްކަމެއް އަދި ގޯހެއްނުވޭ. އެކަމަކު ގޯސްވެދާނެ" ވިއާންގެ އަތުގައި ހިފައިލަމުން އަހަރެން ބުނީމެވެ.
"ތިބުނީ؟" ވިއާން އެހިއެވެ.
"މިބުނީ މިގޭ ހުރިހާ މީހުންގެ އިތުބާރު ޒިޔާން ހޯދިޔަސް އަހަރެންގެ އިތުބާރު އެހާ ފަސޭހައިން އޭނައަށް ނުލިބޭނެޔޭ. އަހަރެން އެ އިންސާނާއަށް އިތުބާރެއް ނުކުރަން. އަހަރެންގެ އިތުބާރު ހޯދަން އޭނައަށް ފަސޭހައެއްވެސް ނުވާނެ" އަހަރެން ބުނީމެވެ.
"މާނައަކީ ޒިޔާން އަދި ގޯހެއް ނަހަދައޭ ދޯ. އަލްހަމްދުލިﷲ. ހިތަށް ހަމަޖެހުމެއް ލިބިއްޖެ" ފުން ނޭވައެއް ދޫކޮށްލަމުން ވިއާން ބުނެލިއެވެ.
"ވިއާން، އަހަރެން ބުނަންތަ ވާހަކައެއް؟ އެއްވެސް މީހަކަށް ތިމާގެ ލޮލާ ބޮލުން އިތުބާރު ނުކުރާތި. އެއީ ތިމާގެ ކިތަންމެ ގާތް މީހަކަށްވިޔަސް. އަދި އަމުދުން އެއް އިރެއްގައި އެމީހަކީ ތިމާގެ ލެޔަށް ދަހިވެތިވެފައިވާ މީހަކަށް އަމުދުން ފުދިގެން ނޫޅޭތި. އަހަރެންނަށް ރަނގަޅީ އަހަރެން މިދެއްކި ވާހަކަތައް އިންޒާރެއް ފަދައިން ވިއާން ބަލައިގަތިއްޔާ" އަހަރެން ބުނީމެވެ.
"އަބަދުވެސް ހަނދާނުގަ ބަހައްޓާތި އަހަރެންނަކީ ވިއާންގެ ޒިންމާއެއްކަން. އަހަރެންނަށް ރައްކާތެރިކަމާ ހިމާޔަތް ދިނުމަކީ ވިއާންގެ މައްޗަށް ވާޖިބެއް. އަމާނާތާށް ހިޔާނަތްތެރިނުވާތި. މިގޭތެރޭގަ އުޅުނަސް އަހަރެންނަށް ވާނުވާ ބަލާތި. މާދަމާ އަހަރެން ގެއްލުމުން ކަރުނައަޅާ ރޯއިރު އޮންނާނީ ވަގުތު ފާއިތުވެފަ" އަހަރެން ވާހަކަދެއްކީމެވެ. އަދި ވިއާނަށް ފުރަގަސްދީފައި ގޮސް އަޔަން ބޯޑު ފަތުރާލާފައި އިސްތިރިކުރަން ތައްޔާރުކޮށްލީމެވެ.
"މަލް،" ކުއްލިއަކަށް އަހަރެން އަތުގައި ހިފައި ވިއާން އަނބުރާލައިފިއެވެ.
"މިއަދު ކޮންކަހަލަ ވާހަކައެއް ތިދައްކަނީ. އަހަރެން ވަރަށް ބިރުގަންނަވާލައިފި" ވިއާން ބުންޏެވެ.
"ހެހެހެ... އެއީ ޔެލޯ އެލާޓް. އަހަރެންގެ ކުރީގެ ފިރިމީހާ އާ އަހަރެންނާ އެއް ގެއެއްގައި އުޅެންޏާ އަބަދުވެސް އެލާޓް ނެރެފަ ބަހައްޓަން ޖެހެނީ" އަހަރެން ބުނީމެވެ.
"ކިއްވެ މާ ފާޑަކަށް ތިބަލަނީ. ވިއާން ތިބަލާގޮތުން މިހާރު އަހަރެން ބިރުގަނެއްޖެ" އަހަރެން ބުނީމެވެ.
"ބަލާނެއްނު. މަލް ތިދައްކާ ވާހަކަތައް އަހަރެން ބަލައިގަނެފިން. އެކަމަކު ދެން ތިކަހަލަ ވާހަކަ ނުދައްކާތި. އަހަރެންގެ އަތުން މަލް ބީވެގެން ދިޔުން އަހަރެން ނޭދެން. އެދުވަހެއް އައިސްފިއްޔާ އަހަރެން މޮޔަވެދާނެ" ވިއާން ބުންޏެވެ.
މަންމަ ކައިރީގައި އެކޮޓަރީގައި އިނދެފައި އަހަރެން އަސުރުނަމާދުކޮށްލަން ކޮޓަރިއަށް ދިޔައިރު ގަޑިން ތިންގަޑި ބައިވެ ބޮޑުވެއްޖެއެވެ. ބަނޑުގައި އާދަޔާހިލާފަށް ރިއްސާތީ އަހަރެންނަށް އަނެއްކާވެސް ނަމާދު ޗުއްޓީ ލިބެން އުޅޭކަން ހަނދާންވިއެވެ. ފާހާނާއަށް ވަދެ ބެލިއިރު އިތުރަށް ޔަގީންވެއްޖެއެވެ. އެނދުގައި އޮށޯވެފައި ވިއާނަށް ގުޅިއިރު ފޯނެއް ނުނަގައެވެ. ކުރިން ފޯނަށް ޖަވާބުދިނަސް ފަހުން ޖަވާބެއް ނުދެއެވެ. އަހަރެން ހިތުގައި ބިރުވެރިކަމެއް ވަށާލިއެވެ. ކޮޓަރިން ނިކުންނަން ދާން އެނދުން ތެދުވިތަނާ މަންމަ ކޮޓަރިއަށް ވަދެއްޖެއެވެ.
"މަންމާ، ވިއާންގެ ހަބަރެއްވިތަ؟ ފޯނެއް ނުނަގާ. މެންދުރު ރިޕޯޓްތައް ހިފައިގެން ދިޔަ މީހާ އެއީ" އަހަރެންނަށް ޝަކުވާ ކޮށްލެވުނެވެ.
"އާނ. މަންމަ ގުޅިން މަލް އެކޮޓަރީގައި އިނދެފައި ނިކުތްތަނާ. ބުނީ ޑޮކްޓަރ އުބައިދުﷲ އާ އެކުގައޭ. އިރުކޮޅަކުން އަންނާނަމޭ ބުނީ" މަންމަ ބުންޏެވެ.
އެވަރަކުން އަހަރެން ހިތްހަމައެއްނުޖެހުނެވެ. އިތުރަށް އޮޅުންފިލުވަން ބޭނުންވިއެވެ. ރިޕޯޓްތައް ދައްކަން ދާން އަހަރެން ގެންދަން ބުނުމުން އެކަމަށް ދެކޮޅުހެދީ ވިއާނެވެ.
"ޒި...ޒިޔާން ކޮބާ؟" އަހަރެން އެހީމެވެ.
"ޒިޔާން އެބައިން ކާން. ބަނޑުހައިވީޔޯ މާ އަވަހަށް" މަންމަ ބުންޏެވެ. އަހަރެންގެ ހިތުގައި އޮތް އެއްޗެއް މަންމައަށް ވިސްނުނީ ކަންނޭނގެއެވެ. އަހަރެން ކައިރީގައި އިށީނދެފައި މޫނުގައި ފިރުމާލައިފިއެވެ.
"މަންމައަށް އެނގޭ މަލް ހިތްނުތަނަވަސްވާކަން ވިއާންގެ ހަބަރެއްނުވެ ގިނައިރުވީމަ. ތިހާ ހާސްނުވެބަލަ. ކުރިން ހެދި ކަހަލަ ގޯހެއް ޒިޔާން ދެން ނަހަދާނެ" މަންމަ ބުންޏެވެ. އަހަރެން އިސްޖަހާލީމެވެ. މަންމަމެން ޒިޔާނަށް އެކުރަނީ ހާދަ އިތުބާރެކެވެ. އޭނާގެ ހަގީގަތް އިނގިއްޖިއްޔާ އެންމެންނަށް ވާނީ ކިހިނެއް ހެއްޔެވެ؟
"ކިހިނެއްވެފަ ތިއޮންނަނީ؟ މިހާރު ނަމާދުކޮށްފިންތަ؟" އަހަރެންގެ އިސްތަށިގަނޑުގައި ފިރުމައިލަމުން މަންމަ އެހިއެވެ.
"ނޭރުނު. ކުޑަކޮށް ބަނޑުގަ ރިއްސާތީ މިއޮންނަނީ" އަހަރެން ބުނީމެވެ.
"އެހެންތަ. އެހެންވީމަ ރެސްޓްކޮށްލާ. މަންމަ އުޅުނީ މިތާ ކައިރި ފޮތި ފިހާރައަށް މަލް ގޮވައިގެން ދާން ކަމަށް. ދެން މިޖެހުނީ މާމަ ގޮވައިގެން ދާކަށްނު" މަންމަ ބުންޏެވެ.
"އާނ. މާމަ ގޮވައިގެން ދޭ. މާމަ ހުރީ ހިނގާލަން ބޭނުންވެފަ" އަހަރެން ބުނީމެވެ.
މަންމަ ނިކުމެގެން ދިޔުމުން އަހަރެން އެނދުގައި އޮތީ ފޯނާ ކުޅޭށެވެ. ކަމެއް ހަނދާންވެގެން ކުއްލިއަކަށް ތެދުވެފައި އަހަރެން ގޮސް ކޮޓަރީ ދޮރު ތަޅުލީމެވެ. މަންމަ އާ މާމަ ގޭގައި ނެތްކަން އިނގުނިއްޔާ ކޮޓަރިއަށް ވަންނަން ޒިޔާން ފަސްނުޖެހޭނެކަން އަހަރެންނަށް ޔަގީނެވެ. އޭނާއަށް ކުޑަވެސް ފުރުސަތެއްދޭން އަހަރެން ބޭނުމެއްނޫނެވެ.
ފާހާނާއިން ނިކުތްގޮތަށް ގަޑި ބަލައިލިއިރު ފަސްގަޑި ބައިވާން ކައިރިވެއްޖެއެވެ. ކޮޓަރީގައި އޮވެއޮވެ ފޫހިވެގެން ބޭރަށް ނިކުންނަން ހިތަށް އަރާފައިވެސް އެ ހިޔާލު ދޫކޮށްލީ ގޭތެރޭގައި ޒިޔާން އިންނާނެކަން ހަނދާންވެފައެވެ. އަލުން އެނދުގައި އިށީނދެފައި މަންމަގެ ފޯނަށް ގުޅާލިއިރު އަދިވެސް ގެއަށް ނާދެއެވެ. ފޫހިވެގެން އަހަރެން ކޮޓަރީގައި ދެކޮޅަށް ހިނގަންފެށީމެވެ. މަގުމައްޗަށް ހުޅުވޭ ކުޑަދޮރު ހުޅުވާލައިގެން ހަލަބޮލިވެފައިވާ ބޮޑު މަގަށް ބަލަހައްޓައިގެން އަހަރެން ހުރީ ވިއާން ގެއަށް އަންނަންދެކަށެވެ. އެހެން ހުއްޓާ އަހަރެން ސިހިގެން ދިޔައީ ކުއްލިއަކަށް ކޮޓަރީގެ ތަޅު ހުޅުވުނު އަޑަށެވެ. ފުރަތަމަވެސް އަހަރެންގެ ހިތަށް އައިސް ވަނީ ޒިޔާންގެ ނަމެވެ. އެތެރެއިން އަޅުވަން އިންނަ ބޮޑު ތަންޑު އެޅުވިފަ އިންކަން ހަމަ ނަސީބޭ ހިތަށް އެރިއެވެ. ހުރިތަނުން ގުޑާލާން ނުކެރިފައި ހުއްޓާ ހިތަށް ފިނިކަމެއް ލިބިގެން ދިޔައީ ވިއާންގެ އަޑު އިވިފައެވެ.
"މަލް،" ކޮޓަރިން ބޭރުގައި ހުރި ވިއާން ގޮވާލިއެވެ. އެނދު މައްޗަށް ފޯނު އެއްލާފައި އަހަރެން ގޮސް ހުއްޓުނީ ދޮރު ކައިރީގައެވެ. އަވަސް އަވަހަށް ދޮރު ހުޅުވާލިއިރު ދިމާ ކުރިމަތީގައި ހުރީ ވިއާނެވެ. އޭނާގެ އަތުގައި މެޑިކަލް ޑޮކިިޔުމަންޓްސްތައް ހުރި ފައިލް އޮތެވެ. ނުރުހުނު ކަމަށް ހަދާފައި ހީވެސްނުލާ އަހަރެން ކޮޓަރިއަށް ދެމިގަތީމެވެ. ވިއާން ފުރަގަސްދީގެން ހުއްޓާ ފަހަތުން އައިސް ބައްދާލައިފިއެވެ.
"ހާދަ ރުޅިވަސް ދުވައޭ" ވިއާން ބުންޏެވެ. އަހަރެންނަށް ރުޅިން ނުހުރެވުނެވެ. ވިއާނާ ދިމާލަށް އެނބުރިފައި އޭނާގެ އުނަގަނޑުގެ ދެފަރާތުން ހިފައިލެވިއްޖެއެވެ.
"ވިސްނަބަލަ. ކިހާއިރެއް މިވީ. ތިއީ ކިހާ އިރަކު މިގެއިން ދިޔަ މީހެއް. ދިޔަފަހުން އަހަރެންނަށް ވާނުވާއެއް އަންގާލީކީ ނޫން. އަހަރެން ބިރުވެސްގަންނާނެކަން އިނގޭނެ" އަހަރެން ވާހަކަދެއްކީމެވެ.
"އެނގޭތަ! ފިރިމީހާދެކެ ވަރަށް ލޯބިވާ އަނބިން ތިކަހަލަ ޝަކުވާކުރާނީ" އަހަރެންގެ ނޭފަތުކޮޅުގައި ޖަހައިލަމުން ވިއާން ބުނެލިއެވެ.
"އާނ އަހަރެން ވަރަށް ލޯބިވޭ. ނޭނގޭތަ އެކަމެއް" އަހަރެން ބުނީމެވެ.
'އެނގޭ. އާދެބަލަ. ވަރަށް ޓަޔަޑްވެސް ވެއްޖެ. އިހަށް އަހަރެންނަށް ވަރަށް ފިނި ފެންތައްޓެއް ގެނެސްދީބަލަ" ވިއާން ބުނެލިއެވެ.
"މިއަންނަނީ" އަހަރެން ހިނގައިގަތީމެވެ. ކޮޓަރިން ބޭރަށް ނިކުމެފައި ބަލައިލިއިރު ޒިޔަން ފެންނަން ނެތެވެ. ސިޓިންގރޫމް އޮތީ ހުސްކޮށެވެ. ބަދިގެ އާ ދިމާލަށް ހިނގައިގަނެފައި އަމިއްލަ ހިތާ ޝަކުވާކޮށްލެވުނެވެ. އަމިއްލަ ގޭގައި އުޅެންވެސް ޖެހިފައި މިވަނީ އެއްވެސް މިނިވަންކަމެއް ނެތިއޭ ހިތަށް އެރިއެވެ. ބަދިގޭ ދޮރަށް އެރިތަނާ ކުއްލިއަކަށް އަހަރެން ސިއްސައިގެން ދިޔައީ ކުރިމައްޗަށް އެރި ޒިޔާން ފެނިފައެވެ. އައި ނައި ތަނެއްވެސް ނޭނގެއެވެ.
"ހާދަ ވަގޭ. ވަރަށް ހީވޭ އަހަރެން ނުފެނިގެން ވަރަށް ހޯދައިފިހެން" ޒިޔާން ބުނެލިއެވެ. އަހަރެން ބިރުގަތްކަމަށް ނަހަދާ ހިނގައިގަނެފައި ފަހަތް ބަލައިލީމެވެ.
"މަންމާ،" ފަހަތް ބަލައިލާފައި އަހަރެން މަންމަގެ ނަން ކިޔާލިތަނާ ޒިޔާންގެ މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލައިފިއެވެ.
"ހާދަ ފިނޑި އޭ ދޯ" ޒިޔާނަށް ވި ގޮތުން އަހަރެން ބުނީމެވެ. ޒިޔާން ބަހެއްނުކިޔާ ފަހަތް ބަލައިލާފައި އަހަރެންގެ ފަހަތުން ބަދިގެއަށް ވަދެއްޖެއެވެ. ނަސީބަކުން ގައިގައި އަތްލާކަށް މަސައްކަތެއް ނުކުރެއެވެ.
"އަހަރެން މިރޭ މަލް އާ ބައްދަލުކުރަން ބޭނުން. މަލްއަށް ނޭނގޭ ކަންތައްތަކެއްގެ ވާހަކަ ކިޔައިދޭން ބޭނުން. އައި ޕްރޮމިސް އޭގެފަހުން އަހަރެން މަލްއަށް އެއްވެސް އުނދަގުލެއް ނުކުރާނަން" ޒިޔާން ބުންޏެވެ. ފެންފުޅި ހިފައިގެން ހިނގައިގަނެފައި ދެން ފަހަތް ބަލައިލީ ޒިޔާން ބުނެލި ޖުމްލައެއްގެ ސަބަބުންނެވެ.
"އެވާހަކަތައް އަޑުއެހުމަށްފަހު މަލް ނަގާ ޑިޒިޝަނެއް ނަގަންވީ" އަހަރެން ބަލައިލުމާއެކު ޒިޔާން ބުނެލިއެވެ. ޖަވާބެއްނުދީ ހިނގައިގަތްއިރު ހިތުގައި ވަނީ ސުވާލު އުފެދިފައެވެ. ޒިޔާންގެ ވާހަކަތަކުގައި ހަގީގަތެއްވާކަން އަހަރެންގެ އަހަރެންގެ ހިތް ބުނަނީ ކީއްވެގެން ކަމެއް ނޭނގެއެވެ. އޭނާގެ ދެލޮލުން އަހަރެންނަށް ޔަގީންކަމެއް ފެނިއްޖެއެވެ. މިރޭ އޭނާ އާ ބައްދަލުކުރަންވީ ހެއްޔެވެ؟ ނޫނީ އަހަރެންގެ ދިރިއުޅުމަށް ފުންމާލާނެ އާގޮތެއް ރާވަނީ ހެއްޔެވެ؟ ކޮންމެއަކަސް އަހަރެން ކޮޓަރިއަށް ވަންއިރު އެކަމަށް ހިތް ގޮތެއް ނުނިންމައެވެ.
މަޣްރިބަށް ގޮވުމުން ކޮޓަރި ތެރޭގައި ވިއާން ނަމާދުކުރަންދެން އަހަރެން އިނީ އެނދުގައެވެ. ހެޑްބޯޑުގައި ލެގިލައިގެން ފޯނުން ޤުރުޢާން ކިޔަވަމުން ދިޔައިރު ވިއާން އިނީ ނަމާދަށް އެރި ގޮނޑި މަތީގައި ދުޢާއަށް އަތް ނަގައިގެންނެވެ. އިރުކޮޅަކުން އެނދުމަތީގައި އޮތް ވިއާންގެ ފޯނު ރިންގުވާން ފަށައިފިއެވެ. އަހަރެން ވިއާންގެ ފޯނު ނެގީ އޭގެ ރިންގު އޮފްކޮށްލުމަށެވެ. ރިންގުގެ އަޑާ ހެދި ވިއާނަށް އުނދަގުވެދާނެތީއެވެ. އެކަމަކު ފޯނަށް އަރާ އިން ޒިޔާންގެ ނަން ފެނުމުން އަހަރެންނަށް ދެބުމަ ގޮށްޖަހައިލެވުނެވެ.
"ކާކުތަ؟" ވިއާން އެނދާ ދިމާލަށް އަންނަމުން އެހިއެވެ. ޖަވާބެއްނުދީ އަހަރެން ވިއާން އަތަށް ފޯނު ދިއްކޮށްލީމެވެ.
"ނޭނގެ. އަހާލަންޖެހޭނީ. ބޭބެ ބޭނުން ދާން" ވިއާން ކިޔަމުން ދިޔައެވެ. އަހަރެންގެ ދެލޯ އަތުގައި އޮތް ފޯނަށް ހުއްޓިފައި އޮތަސް ދެކަންފަތް ދެވިފައިވަނީ ވިއާން ދައްކަމުންދިޔަ ވާހަކަތަކަށެވެ.
"އެހެންތަ. އެހެންވިއްޔާ ހީވަނީ ދާނެހެން. އަހާލާފަ ޖަވާބެއްދޭނަން އިނގޭ" ވިއާން ބުނެލިއެވެ. ފޯނު ބާއްވާފައި ވިއާން އެނބުރިލީ އަހަރެންނާ ދިމާލަށެވެ.
"ޒިޔާން އެގުޅީ" ވިއާން ބުނެލިއެވެ.
"އަހަރެންނަށް އެނގޭ" އަހަރެން ބުނީމެވެ.
"އޭނައަށް ޖޮބް ހަމަޖެހުނީމަ މިރޭ ގޭ އެންމެންނަށް ބޭރުން ކާންދޭންވެގެންނޭ ބުނީ" ވިއާން ބުނެލިއެވެ. ހިނދުކޮޅަކަށް އަހަރެންނަށް ވިއާނަށް ބަލައިލެވުނެވެ.
"ދެން؟ ވިއާން ދާން ބޭނުންދޯ" އަހަރެން ބުނީމެވެ.
"މަލް ނުރުހުންޏާ އަހަރެން ނުދާނަން. އެކަމަކު މަންމަ އާ މާމަ ސުވާލުކުރާނެ ދޯ" ވިއާން ބުނެލިއެވެ.
"މަންމަމެން ބުނިތަ ދާނަމޭ" އަހަރެން އެހީމެވެ.
"ޒިޔާން ބުނި އެންމެ ފުރަތަމަވެސް ބުނީ މާމަ އާ މަންމަ ކައިރީގައޭ" ވިއާން ބުނެލިއެވެ.
ކިޔަވަން އިން ސޫރަތް ނިމުމުން ފޯނު ބާއްވާފައި އަހަރެން ގޮސް ހުއްޓުނީ އަލަމާރި ކައިރީގައެވެ. ހެދުން އަޅުވާ ބައި ހުޅުވާލާފައި ވިއާންގެ ޓީީޝާޓެއް ނަގައިގެން ބަލަން ހުއްޓާ ވިއާން ގޮވާލައިފިއެވެ.
"ކީއްކުރަން ތިއުޅެނީ" ޖަވާބެއްނުދީ އެ ޓީޝާޓާ އެކުގައި ލާނެ ޖީންސެއް ހިފައިގެން ގޮސް އެނދުގައި ބާއްވާފައި ގޮސް ދެން ނެގީ އަހަރެންގެ ހެދުމެކެވެ.
"މަލް، ޖަވާބުދީބަލަ. ކީއްކުރަން ތިއުޅެނީ؟" ވިއާން އެހިއެވެ.
"ހެދުމެއް ރެޑީކުރަނީނު. ތިބުނީނު މިރޭ ބޭރަށް ދާ ވާހަކަ" އަހަރެން ބުނީމެވެ. އިރުކޮޅަކުން ވިއާން އައިސް އަހަރެންގެ ކުރިމަތީގައި ހުއްޓިއްޖެއެވެ.
"އަހަރެމެން ދެމީހުން އެކަންޏެއްނޫން. ޒިޔާން ދޭ ކެއުމެއް" ވިއާން ބުނެލިއެވެ. އަހަރެން ދާން އުޅޭކަން އަދިވެސް އޭނާއަށް ޔަގީންނުވާ ކަހަލައެވެ.
"އާނ ދެންމެ ވިއާން ބުނީމެއްނު. އެންމެން ދަންޏާ އަހަރެމެންވެސް ދާންޖެހޭނެއެއްނު" އަހަރެން ބުނީމެވެ. ވަގުތުން ވިއާން އަހަރެންގެ ގައިގައި ބައްދާލައިފިއެވެ. ކޮލުގައި ނިކަން ބާރަށް ބޮސްދީފިއެވެ. ތެދުވެގެން އަހަރެންނަށް ވިއާން ބޮސްދިން ތަނުގައި އަތްޖައްސައިލެވުނެވެ. އެހިނދު ވިއާން ސޮރީ އޭ ބުނެލިއެވެ.
ޓެކްސީއަށް ގުޅައިގެން ހުރިހާ މީހުން ގޭ ދޮރުމަތީގައި މަޑުކޮށްލައިގެން ތިބި ވަގުތެވެ. ޒިޔާން އަހަރެން ކައިރީގައި ހުއްޓިފައި އެދައުވަތު ގަބޫލުކުރީތީ އަހަރެންނަށް ޝުކުރުއަދާކުރިއެވެ. އަހަރެން ޖަވާބެއްނުދިނަސް ހީލީ ހަމައެކަނި ދެއްކުމަކަށެވެ. ޓެކްސީ އައުމާއެކު އަހަރެންނާ މަންމަ އާ މާމަ އެރީ ޓެކްސީއަށެވެ. ސައިކަލާ ދިމާލަށް ދިޔަ ޒިޔާން ފަހަތުން ވިއާން ހިނގައިގަތުމާއެކު އަހަރެންނަށް ތެޅިގަނެވުނެވެ. ވަގުތުން ޓެކްސީން ފައިބައިގެން ގޮސް ވިއާން ހުއްޓުވަން ބޭނުންވިއެވެ. އެދާގޮތަށް ތަނެއްގައި ސައިކަލު ޖައްސާ ވިއާން މަރާލަންވެސް ޒިޔާން ފަހެއް ނުޖެހޭނެއެވެ.
"ކިހިނެއްވީ؟" އަހަރެން އަވަސް ނޭވާތަކެއްލާން ފެށުމުން ކައިރީގައި އިން މަންމަ އަހައިފިއެވެ.
"ކަމެއްނުވޭ" އަހަރެން ބުނީމެވެ. އަނެއްފަރާތުގައި އިން މާމައަށް އަހަރެންގެ ހާލު ވިސްނުނީ ކަންނޭނގެއެވެ. އަހަރެންގެ އަތުގައި ހިފާފައި ފިތާލައިފިއެވެ.
ރެސްޓޯރަންޓް ކުރިމައްޗަށް ޓެކްސީ މަޑުކޮށްލިއިރު އެދެމީހުން ތިބީ ރެސްޓީރަންޓް ދޮރުމަތީގައެވެ. ވިއާން ގަދަވެ ހެޔޮހާލުގައި ހުރިތަން އަހަރެންނަށް ފެނުމާއެކު އަހަރެންގެ ހިތަށް ހީވީ ފިނި ވައިރޯޅިއެއް ހެހުނު ހެންނެވެ. ހަމަޖެހުމުގެ ނޭވައެއް ލެވިއްޖެއެވެ. އެތެރެއަށް ވަދެގެން ގޮސް އެންމެ މޭޒު ކައިރީގައި އިށީނދެފައި ހަމަޖެހިލީމެވެ.
"މިތަނަށް ވަރަށް ފިނި ވައިޖެހޭ ދޯ" މާމަ ބުނެލިއެވެ.
"މާމަމެން ބޭނުން އެއްޗަކަށް އޯޑަރ ދީ އަވަހަށް" ޒިޔާން ބުންޏެވެ. ޒިޔާނާ ވިއާން ކައިރި ކައިރީގައި ތިބިއިރު އަހަރެން އިނީ މާމަ ކައިރީގައެވެ. މަންމަ އިނީ މޭޒުކޮޅުގައެވެ.
"މަލް ކޯޗެއް ކަނީ؟" ވިއާން އެހިއެވެ.
"ބީފް ރައިސްއެއް" އަހަރެން ބުނީމެވެ.
"ބޭބެ ކޯޗެއް ކާނީ؟" ޒިޔާން އެހިއެވެ.
"އަހަރެން ކާނެ އެއްޗެއް އެނގޭނީ އަހަރެންގެ ވައިފީއަށް" ވިއާން ބުނެލިއެވެ. އެވަގުތު ޒިޔާންގެ މޫނުމައްޗަށް އަރައިގެންދިޔަ ކުލަވަރު އަހަރެންނަށް ފެނުނެވެ.
ރެސްޓޯރަންޓުން ކައި ނިމިގެން ވިއާން ގޮވައިގެން ސައިކަލުގައި ޒިޔާން ނައްޓައިލުމުން އަހަރެމެން މަޑުކޮށްލައިގެން ތިބީ ޓެކްސީ އަންނަންދެކަށެވެ. މާގިނައިރު ނުވަނީސް ޓެކްސީ އަތުވެއްޖެއެވެ.
"ކޮބާ އެމީހުން؟" ގޭ ކައިރިއަށް ޓެކްސީ މަޑުކުރުމުން ފޭބިއިރު ވިއާން ފެންނަން ނެތެވެ. އަހަރެންގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދުވެލިއެވެ.
"މިއޮށްއައީނު" މަންމަ ބުންޏެވެ.
"އަނެއްކާވެސް ކިރިޔާ މަރުގެ އެތިފަހަރަކުން ސަލާމަތްވީ" ޒިޔާން ބުންޏެވެ. އަހަރެންގެ ދެލޯ ބޮޑުވިއެވެ. ވަގުތުން ވިއާން ކައިރީގައި ހުއްޓިފައި އޭނާގެ އަތުގައި ހިފިއްޖެއެވެ.
"ކަމެއްވިތަ؟ ތަދުވިތަ؟" އަހަރެން އެހީމެވެ.
"ނުވޭ. ޒިޔާން ދުއްވަނިކޮށް އެހެން ދެ ސައިކަލެއް މުޑިއެރީ. އޭގެން އެއް ސައިކަލުގަ މި ސައިކަލް ނުޖެހި ސަލާމަތްވީ ކިރިޔާ" ވިއާން ބުންޏެވެ.
އެންމެން ގެއަށް ވަދެ ހަމަޖެހުމުން އަހަރެން ޒިޔާނާ ކައިރިވެލީމެވެ. އަހަރެންނަށް ޒިޔާން ބަލައިލީ ހިނިތުންވެލާފައެވެ.
"ހަނދާންކުރައްޗެ ކަލޭގެ ސަބަބުން އަހަރެންގެ ވިއާންގެ ހަށިގަނޑުގައި ކިތަންމެ ކުޑަ ކޫރުމެއް އެޅުނަސް އަހަރެން މަޑަކުން ނުހުންނާނަން. އަހަރެންނަށް ކަލެ އާ ހިލާފަށް ލިބިފައި ހުރި ހުރިހާ ހެއްކެއް ފުލުހުންނާ ހަވާލުކުރާނަން" އަހަރެން ބުނީމެވެ.
"އަދި ނުކުރަމެއްނު ކަމެއް. އިންނާނެ ފޯނަށް މެސެޖަށް ފޮނުވާލާފަ" އެތެރެއަށް ވަންނަމުން ޒިޔާން ބުނެލިއެވެ. އަހަރެންނަށް ބަލައިލެވުނީ އަތުގައި އޮތް ފޯނަށެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ