ރައްޔިތުންގެ މަޖިލިސް

މެންބަރު ސިޔާމަށް ނަސޭހަތްތެރިވެއްޖެ

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ތިއްބެވި ތަނެއްގައި، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން 'ދަންޖައްސަންޖެހޭ' ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް ވާހަކަ ދައްކަވާފައިވާ ކަމަށް ބުނާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން ނަސޭހަތްތެރި ވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ނާއިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވިދާޅުވީ، މެންބަރު ހިސާން އަކި ދަންޖައްސަން ޖެހޭ މީހެއް ކަމަށާއި، އޭނާ މަރާލިއަސް ފާފަވެރި ނުވާނެކަމަށް ވިދާޅުވެ މެންބަރު ސިޔާމު ވާހަކަ ދައްކަވާފައި ވާތީ، އެ މެންބަރަށް ލިޔުމުން ނަސޭހަތްތެރި ވުމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ލަފާ ދީފައިވާ ކަމަށެވެ.

އެހެންކަމުން މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، މަޖިލީހުގެ ގަދަރާއި އަބުރާއި ޝަރަފު ދެމެހެއްޓޭނޭހެން މެންބަރުންގެ އަމަލުތައް ބެހެއްޓުމަށާއި، މިފަދަ ކަމެއް ތަކުރާރު ނުކުރުމަށް މެންބަރު ސިޔާމަށް ނަސޭހަތްތެރިވާ ކަމަށާއި، އެކަމާބެހޭ ލިޔުން މެންބަރު ސިޔާމަށް ފޮނުއްވާނެ ކަމަށްވެސް އީވާ ވިދާޅުވިއެވެ.

އެމްޑީއޭގެ ލީޑަރު، އަދި މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރަށް ނަސޭހަތް ދެއްވާފައިވާ އިރު، ސިޔާމް ވަނީ އެފަދަ ނިޔަތެއްގައި ހިސާނަށް މުހާތަބު ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. ހިސާނާ ދެމެދު ހިނގި ދެބަސްވުމަކީ ކޮމެޓީ ބައްދަލުވުމުގެ ބޭރުން ހިނގި ކަމެއް ކަމަށާއި އެ ކަމަށް މައާފަށް އެދިވަޑައިގެންފައިވާ ކަމަށް ވެސް ސިޔާމް ވަނީ ވިދާޅުވެފައެވެ.