ކަރެކްޝަންގެ ބެލުމުގެ ދަށުގައި ހުރި ޖަލުތަކުގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރު ނަމަވެސް މިހާރު ޖަލުތަކުގައި އެ ބަލި ކޮންޓްރޯލްކޮށް އަދި މިވަގުތު އެކްޓިވްކޮށް ތިބީ ދެ މީހުން ކަމަށް ބުނެފި އެވެ.

ވަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ކޮމިޝަނަރު އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވީ، މި ފަހުން ޖަލުތަކުގައި ޕޮޒިޓިވް ކޭސްތައް ވަރަށް ބޮޑަށް އިތުރުވެގެން ދިޔަ ކަމަށާއި އޭގެ ތެރެއިން އެންމެ ގޯސް ހާލަތަކަށް ދިޔައީ މާލެ ޖަލާއި ހިންމަފުށި ޖަލު ކަމަށެވެ.

އެގޮތުން 200 އެއްހާ ގައިދީން ތިބޭ މާލޭ ޖަލުގެ ޕޮޒިޓިވް ކޭސްތަކުގެ އަދަދު 60 އެރި ކަން އަހްމަދު މުހައްމަދު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އެހާ ގިނަ މީހުން ޕޮޒިޓިވް ވުމުން އެ މީހުންނާ ޑައިރެކްޓް ކޮންޓެކްޓް ވި 150އެއްހައި މީހުން ކަރަންޓީނު ވާން ޖެހުނު ކަމަށެވެ. އޭގެ ތެރޭގައި ގައިދީންގެ އިތުރުން ޖަލު އޮފިސަރުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އެ އަދަދު ދެއަކަށް ތިރިވެއްޖެ. އެކަމަކު އަދި ކަރަންޓީނުގައި ތިބި މީހުން ދޫކޮށްލުމުގެ ކުރިން ޖެހޭނެ ރިލީޒް ސާމްޕަލެއް ނަގަން. މިހާރު ވެސް ކަރަންޓީނުގައި އެބަތިބި 52 މީހުން،" އަހްމަދު މުހައްމަދުފުޅު ވިދާޅުވި އެވެ.

އެ ނަގާ ސާމްޕަލްތައް ޕޮޒިޓިވްވުމުގެ ފުރުސަތު އޮތުމުން އެކްޓިވް ކޭސް ކޮންމެވެސް ވަރަކަށް އިތުރުވުމަކީ އެކަށީގެން ވާ ކަމެއް ކަމަށް އަހްމަދު މުހައްމަދުފުޅު ވިދާޅުވި އެވެ.

"އެންމެ ގިނަ މީހުން ޕޮޒިޓިވް ވި ހިންމަފުށި ޖަލުގައި ވެސް މި ވަގުތު ޕޮޒިޓިވް ކޭހެއް ނެތް،" އަހްމަދު މުހައްމަދުފުޅު ވިދާޅުވި އެވެ. އަދި މާލެ ޖަލު ފިޔަވައި ކަރެކްޝަންގެ ބެލުމުގެ ދަށުގައި ހުރި ޖުމުލަ ހަތަރު ޖަލުގެ ތެރެއިން އިތުރު އެއްވެސް ޖަލެއްގައި މި ވަގުތު ކޮވިޑަށް ޕޮޒިޓިވް މީހަކު ނެތް ކަމަށް ވެސް އަހްމަދު މުހައްމަދުފުޅު ވިދާޅުވި އެވެ.

ޖަލުތަކުގައި ހަލުވިކަމާއި އެކު ކޮވިޑް ފެތުރުމާ ގުޅިގެން ކޯޓުތަކުގައި ކުރިއަށް ދިޔަ ގިނަ ޝަރީއަތްތަކެއް ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އެގޮތުން މާލޭ ޖަލުގައި ބަންދުގައި ތިބި އެއްވެސް މީހެއްގެ ޝަރީއަތް ކުރިއަށް ނުގެންދެވޭތާ ހަފުތާއަކަށްވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. ކޮވިޑް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެކު ކްރިމިނަލް ކޯޓަށް މީހުން ހާޒިރުކޮށްގެން ޝަރީއަތް ކުރުން މެދުކަނޑާލާފައި އޮތުމުން މާފުށީ ޖަލުގައި ތިބި ބައެއް މީހުންގެ ޝަރީއަތް އޮންލައިންކޮށް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.