މުސްލިމަކާ ދިމާލަށް އާންމު ތަނެއްގައި ކާފަރެކޭ ބުނުން (ލާދީނީ ކިޔުން) އެއީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ހުށަހެޅުއްވި ބިލު އަނބުރާ ގެންދިއުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ވެސް ގޮވާލައިފިއެވެ.

ސަންޓްރެވަލްގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމު މުހައްމަދުގެ ޕާޓީ، އެމްޑީއޭ އިން އެކަމަށް ގޮވާލައި މިއަދު ނެރުނު ބަޔާނެއްގައި ވަނީ، އެ ބިލުގައި ރައްިޔތުންގެ ތެރެއިން ގިނަ ބަޔަކު ކަންބޮޑުވާ ގިނަ ކަންތައްތަކެއް ހުރިކަން ފާހަކުރެވޭ ކަމަށެވެ.

އެ ބިލުގެ ސަބަބުން ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ އިސްލާމްދީނުގެ އަސްލުތަކާ ހިލާފް ނުވާގޮތުގެ މަތިން ހިޔާލު ފާޅު ކުުރުމުގެމިނިވަންކަން ހަނިކުރެވޭ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އިސްލާމް ދީނުގެ މުހިއްމު އެއް އަސާސް ކަމަށްވާ މުންކަރާތްތައް ނަހީ ކުރުމުގެ ދޮރު ބަންދުވެގެންދާގޮތަށް، ބިލު ފަރުމާ ކުރެވިފައި އޮތް ކަމަށް ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ވިދާޅުވަމުން ގެންދަވާ ކަމަަށާއި، ވީމާ އަސާސީ ހައްގެއް ހަނި ކުރުމުގައި އިސްލާމީ އެފަދަ މުހިއްމު ވާޖިބަކަށް ހުރަސްއެޅޭފަދަ ގޮތަކަށް ގާނޫނެއް ވުޖޫދަށް ގެނައުމަކީ، އިސްލާމްދީނާ ހިލާފް އެއްވެސް ގާނޫނެއް ނުހެދުމަށް ގާނޫނުއަސާސީން ލާޒިމުކުރާ އުސޫލާ ހިލާފަށް ކުރެވޭކަމެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެެވެ.

"ދާދި ފަހުން މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުގެ ނަމުގައި ޖަމާއަތެއް ހަދައިގެން އުޅުނު ބަޔަކު މާތް ﷲ ތައާލާ އަށާއި ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކޮށް ބަދު ބަސްތައް ރައްދުކޮށް، ރިޕޯޓެއްް ލިޔެ އާއްމު ކޮށްފައިވާއިރު އެފަދަ ކަންކަަމަކީ ނުހިނގާނެ ކަމެއްކަން ބެލެވޭކަށްނެތް، ވީމާ މިފަދަ ގޮތަކަށް އޮތް ބިލެއް ފާސްވެއްޖެނަމަ ކުރިމަގުގައި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ރައްޔިތުންގެ ޝުއޫރުތައް ފާޅުކޮށް، ކަމާބެހޭ ފަރާތްތަކާ ހަމައަށް އަޑު އިއްވުމުގެ ދޮރު ބަންދު ވެގެންދާނެ ކަމަށްގަބޫލު ކުރެވޭ،" އެ ބަޔާނުގައި ވެއެވެ.

އެހެންކަމުން ދީނުގެ ދިފާއުގައި ދިވެހި ރައްޔިތުން ތެދުވެ އަޑު އުފުުލުމަށް ހުޅުވިފައިވާ ދޮރުތައް އެކުގައި ބަންދުވެގެންދާނެ ގޮތަށް، ނުވަތަ ކަންކަމުގެ ސައްހަ މައުލޫމާތު މީހުންނަށް ފޯރުކޮށްދިނުމަށް އިލްމުވެރިން އަދާކުރައްވާ ދައުރަށް ހުރަސް އެޅޭގޮތަށް ގާނޫނުތައް ފަރުވާކުރެވިގެން ދިއުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއްނޫން ކަމަށްވެސް އެމްޑީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.