ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމުގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ ގޮޅުގެ ގޮތުގައި ބޭނުން ކުރައްވަމުން ގެންދެވީ ތީމުގެ އެވެ.

އެމަނިކުފާނު ވެރިކަމަށް ވަޑައިގެން މުލީއާގޭގައި އުޅުއްވި ނަމަވެސް ފަހުން ތީމުގެ ބިނާ ކުރައްވައި އެ ގެއަކީ ރިޔާސީ ގަނޑުވަރުކަމުގައި ހަމަޖައްސަވާފައި ވަނީ 1 ޖެނުއަރީ 1995 ގައެވެ.

އެއަށްފަހު 2008 ވަނަ އަހަރު އެމަނިކުފާނުގެ ވެރިކަން ނިމުމާ ހަމައަށް ވެސް ހުންނެވީ އޭރުގެ ރިޔާސީ ގަނޑުވަރު ތީމުގޭގައެވެ.

ތީމުގެ އަކީ ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ކޮށްގެން އެކަމާބެހޭ މާހިރުންގެ ލަފައާއެކު ބިނާކޮށްފައިވާ ތަނެކެވެ. އޭގެ އިތުރުން ތީމުގެއަކީ އޭރު އޭޝިއާ ސަރަހައްދުންވެސް ފާހަގަކޮށްލެވޭ ގަނޑުވަރެކެވެ.

ނަމަވެސް 2008 ވަނަ އަހަރު ރައީސް މައުމޫނުގެ ދިގު ވެރިކަން ނިމުމަކަށް އައިސް، ދެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން، ތީމުގެ ފާހަގަ ކުރީ ރިޔާސީ ގަނޑުވަރެއްގެ ގޮތުގައި ބޭނުންކުރަން ޖެހޭ ތަނެއްގެ ގޮތުގައެއް ނޫނެވެ.

އޭގެ އިތުރުން އެ ތަނަކީ ރައީސް މައުމޫނުގެ ސަރުކާރުން ކޮށްފައިވާ ބޭކާރު ހަރަދެއް ކަމަށް ވެސް ސިފަކުރިއެވެ.

އެއާއެކު އެގެ އިމާރާތް ކޮށްފައިވާ ގޮތާއި އެތަނުގައި ހުރި ތަކެއްޗާއި މުޅިގެ އާއްމުންނަށާއި ނޫސްވެރިންނަށް ރައީސް ނަޝީދުގެ ސަރުކާރުން އާއްމުކޮށް ހުޅުވާލައި ބޭނުން މީހަކަށް އެތަނަން ވަންނަން ވެސް ފުރުސަތު ދިނެވެ.

އެކަމާ ގުޅިގެން ބައެއް މީހުން އެތަނަށް ވަދެ ބައެއް ތަކެއްޗަށް ގެއްލުންދީފައި ވެސް ވެއެވެ. އޭރު އެންމެ ބޮޑަށް އެމްޑީޕީ މެންބަރުން ދެއްކި އެއް ވާހަކަ އަކީ، ތީމުގޭގައި ހުރި ރަން ފާހާނާ ތައްޓެއްގެ ވާހަކައެވެ.

އެއަށްފަހު ރައީސް ނަޝީދުގެ ސަރުކާރުން، ތީމުގޭގެ އެއްބައި ވަނީ ހައިކޯޓަށް އަދި އަނެއްބައި ސުޕްރީމް ކޯޓުގެ ގޮތުގައި ބަދަލު ކޮށްފައެވެ. ނަމަވެސް އޭރު ތީމުގެއާމެދު ނަފުރަތާއި ރުޅިވެރިކަމާއެކު ވާހަކަ ދެއްކި އެމްޑީޕީ މެންބަރުންނަށް މިއަދު ތީމުގެ ވަރެއް ނެތެވެ.

އެކަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ވަނީ ވަަރަށް ބޮޑަށް ފާހަގަވެގެން ގޮސްފައެވެ.

ހުސްވި މެއި މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ދައުލަތުގެ ތިންބާރުގެ ވެރިންނަށް ދޭ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރުމަށްޓަކައި، މަޖިލިސް ރައީސާއި، އުއްތަމަ ފަނޑިޔާރުގެ ސަލާމަތަށް ހާއްސަ ގެގޮޅެއް އެބޭފުޅުންނަށް ހަމަޖައްސައިދިނުމަށް ގާނޫނަށް ވަނީ އިސްލާހު ހުށަހަޅައިފައެވެ.

އެކަމަށްޓަކައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ދެ އިސްލާހުގެ ތެރެއިން އުއްތަމަ ފަނޑިޔާރަށް ގެ ކޮޅެއް ހަމަޖެއްސުމަށް އިސްލާހު ހުށަހަޅާފައި ވަނީ ފަނޑިޔާރުންގެ ގާނޫނަށެވެ. މަޖިލިސް ރައީސަށް ގެ ކޮޅެއް ހަމަޖައްސަން އިސްލާހު ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށެވެ.

މި ދެ އިސްލާހު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކޮށް، މަޖިލީހަށް ހުށެޅި ރިޕޯޓަށް މިއަދުގެ ޖަލްސާގައި ކުރިއަށްގެންދިޔަ ބަހުސްގައި، އެ ކޮމިޓީގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވުމަށް މީގެ އަހަރުތަކެއް ކުރިން ދައުލަތުން ހަރަދު ކޮށްގެން ތަނެއް ބިނާކޮށްފައިވާ ކަމަށެވެ.

އެއީ ތީމުގެ ކަމަށާއި، ތީމުގެއަކީ ރައީސުލްޖުމްހޫރިއްޔާއަކު ދިރިއުޅުމަށްޓަކައި ސަލާމަތީ ގޮތުން އެތައް ފިޔަވަޅުތަކެއް، ހަރުދަނާ ގޮތަކަށް އަޅައިގެން ބިނާކޮށްފައިވާ ގެއެއް ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އޭރު ރައީސް މައުމޫނަށް ވަރަށް ބޮޑަށް އެމްޑީޕީގެ ތެރެއިން ފާޑުވިދާޅުވި އަސްލަމް މިއަދު ވިދާޅުވީ، "ތީމުގެ ބިނާ ކުރިއިރު ވަރަށްގިނަ ފާާޑުކިޔުންތަކެއް ހުރި ނަމަވެސް މިއަދު އަޅުގަނޑުމެން ވިސްނާލާއިރު އޭރުގެ ރައީސުލްޖުމްހޫރްިޔާ މައުމޫނު އަބްދުލްގައްޔޫމުގެ އިސްތިރާޖީ ދުރު ވިސްނުންފުޅާއެކު އެ ނިންމެވުމަކީ ރަނގަޅު ނިންމެވުމެއް،" ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެހެންކަމުން އަސްލަމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތީމުގެއަށް ބަދަލުވެވަޑައިގަތުމަށް ކަމާބެހޭ ފަރާތްތަކުން ކުރަން ޖެހޭ ކަންކަން ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި ރައީސުލް ޖުމްހޫރިއްޔާގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް މަތި ކޮށްފައިވާ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަރާތުންނާއި އެކަމާ ބެހޭ އެހެން ފަރާތްތަކުން ވީ އެންމެ އަވަހަކަށް ރައީސް ތީމުގެ އަށް ބަދަލު ކުރުމަށް ކުރަން ޖެހޭ އެންމެހައި ކަންކަން ކުރުމަށް އަސްލަމް ގޮވައިލެއްވިއެވެ.

"ރައީސުލް ޖުމްހޫރިއްޔާގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް މަތި ކޮށްފައިވާ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަރާތުންނާއި ރައީސުކްލްޖުމްހޫރިއްޔާގެ އެހެނިހެން ކަންކަން ބެލެހެއްޓުމަށްޓަކައި ރައީސް އޮފީހުގައި އައްޔަން ކުރައްވާފައިވާ ފަރާތްތަކުން އެކަމާމެދު ވިސްނަވައި އަވަސް ފިޔަވަޅުތަކަކާއެކު ރައީސްގެ ދިރިއުޅުއްވުން ތީމުގެށް ބަދަލު ކުރަން ޖެހޭ،" އަސްލަމް ވިދާޅުވިއެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، ސެކިއުރިޓީ އެސެސްމެންޓްތަކެއް ހެދުމަށްފަހު ތީމުގެ ބިނާކޮށްފައިވަނީ ދައުލަތުގެ އެންމެ ހައި ސެކއިުރިޓީގެ ގޮތުގައި ކަމަށެވެ.

އެެގޮތަށް އެތަން ބިނާކުރީވެސް ރައީސުލްޖުމްހޫރިއްޔާގެ ގަނޑުވަރުގެ ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ.

އެއީ ވަރަށް ބޮޑަށް ވިސްނައި ވަރަށް ގިނަ ސަބަބުތަކެއް ހުރެގެން އޭރު ކޮށްފައިވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް މިހާރު އެތަނުގައި ހުރީ ސުޕްރީމް ކޯޓު ކަމަށާއި، އެކަށީގެންވާ އެހެން އިމާރާތަކަށް ސުޕްރީމް ކޯޓު ބަދަލުކޮށް ވީ އެންމެ އަވަހަކަށް ރިޔާސީ ގަނޑުވަރުގެ ގޮތުގައި އެ ގެ ބަދަލު ކުރަން ޖެހޭ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.