ކުއްލިއަކަށް އަހަރެންނަށް ހަމަހޭވެރިކަމެއް ވިއިރު އަހަރެން ހުރީ ބަދިގެ އާ ސިޓިންރޫމް ވަކި ކުރަން ޖަހާފައި ހުރި ތަނބާ ޒިޔާނާ ދެމެދުގައި ތާށިވެފައެވެ. ގަދަހަދާފައިވެސް އަހަރެންނަށް ނިކުމެވޭނެ އެއްވެސް ޖާގައެއް ނެތެވެ. ޒިޔާން ހުރީ އަހަރެންގެ ހަށިގަނޑުގައި ޖެހޭނުޖެހޭ ހިސާބުގައެވެ.
"އަހަރެންނަށް އިނގޭ ހުޅަނގު ފަރާތުން އިރު އެރިޔަސް ކަލޭ އިސްލާހެއް ނުވާނެކަން. އެންމެފަހު މީހަކަށް ދައްޖާލުގެ ހެލްޕާއަކަށް ވެގެން ކަލޭ ހުންނާނެކަން" އަހަރެން ބުނީމެވެ.
"ހެހެހެ... ތިބުނީ ރަނގަޅަށް. އަހަރެން ބަދަލެއްނުވޭ. އަހަރެން ޖެހި މަޅިއަކީ ލޯބިވާ ކައިރިއަށް އައުން. އަބަދު ފެންނަ ހިސާބުގަ ހުރުން. އަހަރެންނަށް އެކަން މިއަދު ކާމިޔާބުވެއްޖެ" ޒިޔާން ވާހަކަދެއްކިއެވެ.
"އަހަރެން ހުރިހާ މީހުން ކައިރީގައި ކަލޭގެ ވާހަކަ ބުނާނަން" އަހަރެން ބުނީމެވެ.
"އޯކޭ. އެކަމަކު ބުނެވޭނީ އަހަރެން ކައިރިން ސަލާމަތްވެގެނެއްނު" ނުލަފާ ފާޑަކަށް ޒިޔާން ބުނެލިއެވެ. އަހަރެން ހިތުގައި ބިރުވެރިކަމެއް ވަށާލިއެވެ. މޭގުޑައިގެން ދިޔައެވެ.
"ކިހިނެއް ހަދަން އަހަރެންނަށް ތިއުޅެނީ؟" ޖެހިލުންވުމެއްގައި ހުރެ އަހަރެންނަށް އެހުނެވެ.
"އަދި ނުކުރަމެއްނު. އެކަމަކު މާބޮޑަށް އަނގަ ގަދަވަންޏާ ކުރަން ޖެހިދާނެ" އަހަރެން އަތުގައި އިނގިލިތަކުން ފިރުމައިލަމުން ޒިޔާން ބުނެލިއެވެ. އެވަގުތު އަހަރެންނަށް އަތް ގަޔާ ގާތްކޮށްލެވުނެވެ. ހަށިގަނޑު ގުރުޑުކޮށްލާފައި ގޮތްހުސްވެފައިވާ މީހަކު ހެން ޒިޔާނަށް ބަލައިލެވުނެވެ.
"އަހަރެން ގައިގައި އަތްނުލާ. އެންޑް ޑޯންޓް ފޮގެޓް ދެޓް އައިމް ޔުއަރ ބްރަދާރސް ވައިފް" އަހަރެން ބުނީމެވެ.
"ހެހެހެ... ނަމެއްގަ ވައިފް. އެކަމަކު ހަޒްބެންޑް އެންޑް ވައިފް އާ ދެމެދުގައި އޮންނަންޖެހޭ ފިޒިކަލް ރިލޭޝަންޝިޕެއް އެބައޮތްތަ؟" ޒިޔާން ބުނެލިއެވެ. އޭނާގެ އަޑުގައިވީ މަލާމާތެވެ.
"އެއީ ކަލެއަކާ ބެހޭކަމެއް ނޫން" އަހަރެން ބުނީމެވެ.
"އެއީ ދުވަހަކުވެސް ތި ލޯބި ކުއްޖާއަށް ލިބޭނެ ލޯތްބެއްނޫން. އެނގޭތަ އެއީ ކާކުކަން. ހެހެހެ... އަދި އެއްވެސް އެއްޗެއް ނޭނގޭ ދޯ. އިނގުނީމަ ޝޮކެއް ލިބޭނެ ދޯ" ޒިޔާން ވާހަކަދެއްކިއެވެ.
"ކަލޭގެ ތި ހާސަރުތައް އަހަން އަހަރެންނަކަށް ވަގުތެއްނެތް. ދުރަށްދޭ" ޒިޔާންގެ މޭގައި ހިފައި ކޮށްޕައިލުމާއެކު އޭނާ ފަހަތަށް ދިޔައެވެ. އެވަގުތަކީ އަހަރެންނަށް ވިއާންގެ އަޑުވެސް އިވުނު ވަގުތެވެ. އަހަރެންނަށް ބަލައިލެވުނީ ޒިޔާނަށެވެ. އެވަގުތު ޒިޔާން އައިސް އަހަރެން ކައިރީގައި ހުއްޓިފައި ކަންފަތާ ގާތްވެލައިފިއެވެ.
"އަހަރެންގެ ވާހަކަ އެކަކުވެސް ޤަބޫލެއްނުކުރާނެ. އެމީހުންނަށް އެހާ އިތުބާރާ ޔަގީންކަން އަހަރެން އޮންނާނީ ދީފަ" ޒިޔާން ބުނެލިއެވެ.
"މަލް، އެބައުޅެންތަ؟" އެ އިވުނީ އަނެއްކާވެސް ވިއާންގެ އަޑެވެ.
އަހަރެންނަށް ދެވުނީ އަޑު އައި ދިމާލަށެވެ. ވިއާން ހުރީ ކޮޓަރި ދޮރުމަތީގައެވެ. އަހަރެން ފެނުމާއެކު ހިނިތުންވެލައިފިއެވެ.
"ވަރަށް އިރުވެއްޖެތަ ދިޔަފަހުން. ފެން ހުސްވީ ދޯ" ވިއާން ބުނެލިއެވެ. އަހަރެންނަށް ބަހެއް ނުކިޔުނެވެ. ވިސްނެމުން ދިޔައީ ޒިޔާނާ މެދުގައެވެ.
"އަހަރެންނަށް ހޭލެވުނުއިރު މަލް ނެތްވިއްޔާ. ފާހާނައިގައިވެސް ނެތީމަ އިނގިއްޖެ ވާނީ ބަދިގެފަރާތުގަ ކަން" ވިއާން ވާހަކަދައްކަމުން ދިޔައެވެ. ފެން ޖަގު ސައިޑްކަބަޑު މަތީގައި ބަހައްޓާފައި އަހަރެން މުސައްލަ މަތީގައި ހުއްޓިފައި ދެފަޔަށް އިސްޓާކީން ލައްވަމުން ދިޔައިރުވެސް ވިއާން ދައްކަމުން ދިޔަ ވާހަކަތަކަށް ޖަވާބެއް ނުދެވުނެވެ.
ފަތިސްނަމާދަށްފަހު އަހަރެން ހެނދުނުގެ ޒިކުރުތައް ކިޔަން އެނދުގައި ވަގުތުކޮޅެއް ހޭދަކުރީމެވެ. ހައެއްޖަހަން ކައިރިވުމުން ބަދިގެއަށް ނިކުންނަން ދަނިކޮށް ވިއާން އަހަރެންގެ އަތުގައި ހިފައިފިއެވެ.
"އިހަށް މިތާ އިށީނދެބަލަ" ވިއާން ބުނެލިއެވެ. އަހަރެން އިށީނދެފައި ވިއާނަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.
"ހާދަ އިރެއްވެއްޖޭ އަހަރެންނަށް ނޯޓިސް ކުރެވޭތާ. ބަލީތަ؟" އަހަރެންގެ ނިތްކުރި އާ ކަރުދަށުގައި އަތް ޖައްސައިލަމުން ވިއާން ބުނެލިއެވެ. ހީލާފައި އަހަރެން ހިފީ ވިއާންގެ އަތުގައެވެ.
"އުނހު. ބައްޔެއްނޫން. ކުޑަކޮށް ބޮލުގައި ރިއްސަނީ" އަހަރެން ބުނީމެވެ.
"ވަރަށް ބޮޑަށްތަ؟ އަހަރެން މަސާޖެއް ދެންތަ؟" ވިއާން ބުނެލިއެވެ.
"ނޫން. މިހާރު ކުޑަކޮށް ރަނގަޅު. މިއަންނަނީ އިނގޭ ކޮފީއެއް ހިފައިގެން" އަހަރެން ތެދުވެގެން ދާން ހިނގައިގަތްތަނާ އަނެއްކާވެސް ވިއާން ހިފީ އަހަރެންގެ އަތުގައެވެ.
"މަލް އޮށޯވޭ އަހަރެން އެބައަންނަން ވަރަށް މީރު އެއްޗެއް ހިފައިގެން" ވިއާން ބުނެލިއެވެ.
"އޭރުން ކަމަކުނުދާނެ. ހެނދުނުގެ ސައި ހަދަން އުޅޭނީ މަންމަ އެކަނި. ރޭގައިވެސް މަންމަ އުޅުނީ ދަތެއްގަ ރިއްސާވަރުން. މިއަދުވެސް ރަނގަޅު ކަމެއް ނޭނގޭ. އެހެންވީމަ އަހަރެން ދާންޖެހޭނެ" އަހަރެން ބުނީމެވެ.
"މަލް ހާސްނުވެބަލަ. އަހަރެން މިހިރީނު. އަހަރެންނަށް ބަދިގެ ތެރޭގައި ކުރަން ނޭނގުނު ކަމެއް ވަކި މަންމައަކަށް ވެސް ކުރަން ނޭނގޭނެ" ވިއާން ބުނެލިއެވެ. އެންމެފަހުން އަހަރެން ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. އަހަރެން އެނދުގައި ބާއްވާފައި ކުއިލްޓް އަޅައިދިނެވެ. ބޮލުގައި އޮތް ބުރުގާ ނަގާފައި ނިތްކުރިމަތި މަސާޖްކޮށްދިނެވެ. އެބައަންނަމޭ ކިޔާފައި ދިޔައީ ބޮލުގައި ބޮސްދީފައެވެ.
ކޮޓަރީގެ ހަތަރުފާރުން ބޭރަށް ވިއާން ނިކުތުމާއެކު އަހަރެންގެ މޫނުމަތީގައި ނުތަނަވަސްކަން ވަށާލައިފިއެވެ. ޒިޔާން ދެއްކި ވާހަކަތައް ކަންފަތް ބުޑުގައި ގުގުމަން ފަށައިފިއެވެ. އަހަރެން ޒިޔާންގެ ވާހަކަ ހުރިހާ މީހުން ކައިރީގައި ދައްކަން ބޭނުމެވެ. އެކަމަކު އެއްވެސް މީހަކު ގަބޫލުކުރާނެބާއެވެ؟ ޔަގީނުންވެސް ޒިޔާންގެ އުނދަގޫ އެއީ ހުއްޓޭނެ ކަމެއް ނޫނެވެ. އަހަރެންނާ ޖެހިފައި ހުރި މުސީބާތެއް ކަހަލަ ކަމެކެވެ.
ޒިޔާނާ މެދު ވިސްނޭ ވަރަކަށް އަހަރެންގެ ބޮލުގެ ރިހުން ގަދަވަމުން ދިޔައެވެ. ކުއްލިއަކަށް ހިތަށް އައިސް ވަނީ ޒިޔާން ބުނި ދެތިން ޖުމްލައެވެ. އަހަރެންނަށް ވިއާން ލޯބި ނުދޭނޭ ބުނީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ ވިއާން ބަލިވީމަ ހެއްޔެވެ؟ އޮޕަރޭޝަނަކަށް ފަހު ވިއާން ރަނގަޅުވެފައި ހުރިކަން ޒިޔާނަށް ނޭނގެނީ ހެއްޔެވެ؟ ކޮންމެގޮތެއް ވިޔަސް ވިއާންގެ ފަރާތުން އަހަރެން އުފާ ބޭނުމެވެ. ޒިޔާންގެ ދުލުގައި ތަޅު އަޅުވަން އަހަރެން ބޭނުމެވެ. ޒިޔާންގެ ފަރާތުން އަހަރެންނަށް ނުލިބުނު ލޯބި ވިއާންގެ ފަރާތުން ލިބެން އަހަރެންނަށް އެދެވެއެވެ. އަހަރެންގެ ރަހިމުގައި ވިއާންގެ ދަރިއަކު ހެދިބޮޑުވެ އެފުރާނަ ދުނިޔެއަށް ގެންނަން އަހަރެން އިންތިހާއަށް ބޭނުމެވެ. ވިއާން އެއްކޮށް ރިކަވާވާން ޑޮކްޓަރުން ދިން މުއްދަތު ހަމަވާން ދިހަ ވަރަކަށް ދުވަހަށް ވެއްޖެއެވެ. އެހެންވީއިރު މިހާރުވެސް ވިއާނަށް ކުރިން އުޅުނު ގޮތަށް އުޅެވޭނެއެވެ. ޒިޔާންގެ އުނދަގޫތަކުން އަހަރެން ސަލާމަތްވާނީ ވިއާން އަހަރެންނާ ގާތްކުރި ވަރަކަށެވެ.
ވިސްނުންތަކުގެ ދުނިޔެއަށް އަހަރެން ގެނބެމުން ދަނިކޮށް ވިއާން ކައިރީގައި އިށިން އިރުވެސް އަހަރެންނަށް ނޭނގުނެވެ. ބަލައިލެވުނީ ވިއާން އަހަރެންގެ ނަމުން ގޮވާލި އަޑަށެވެ. އޭރު ހޫނު މައިލޯ ތައްޓެއް ހިފައިގެން ކައިރީގައި ވިއާން ހެވިފައި އިނެވެ.
"މިހާރު ކިހިނެއް؟" ވިއާން އެހިއެވެ.
"ރަނގަޅު" އަހަރެން ބުނީމެވެ.
"އަހަރެން އައިރު މަލް އޮތީ ވަރަށް ފުން ވިސްނުމެއްގަ. އަނެއްކާ އަހަރެން ދޫކޮށްދާން ވިސްނަނީތަ؟ ބަލިވީމަ ފޫހިވަނީތަ؟" ވިއާން އެހިއެވެ. އަހަރެންނަށް އެނދުން ތެދުވެވުނީ ފުންމައިގެންނެވެ. އަހަރެންނަށް ވިއާންގެ އަނގަމަތީގައި އަތްއެޅުނުއިރު އެދެލޮލުން އަހަރެންނަށްޓަކައި ލޯބި ފެނުނެވެ.
"ދެން ދުވަހަކުވެސް ތިކަހަލަ އެއްޗެއް ނުބުނާތި. އަހަރެން ހުވަފެނުންވެސް ދެކެން ބޭނުންވާ ދުވަހެއްނޫން އެއީ" އަހަރެން ބުނީމެވެ. ވިއާން ހީލާފައި އޭނާގެ އަނގަމަތިން އަހަރެންގެ އަތް ނަގައިފިއެވެ.
"އެހެންވިއްޔާ މި ފިނި ނުވަނީސް ބޯލަބަލަ" އަހަރެންގެ އަތަށް މައިލޯ ތަށި ލައިދެމުން ވިއާން ބުނެލިއެވެ. އިތުރު ޝަކުވާއަކާ ނުލާ އަހަރެން މައިލޯ ތަށިން އެއްބައި ބޮއެފައި އަނެއް ބައި ބެހެއްޓީ ސައިޑް ކަބަޑް މަތީގައެވެ.
"މަންމަ އެހި މަލްގެ ވާހަކަ. އަހަރެން ބުނިން ކުޑަކޮށް ބަލި ވާހަކަ. މިއައީވެސް މަންމައަށް ރޮށި ފިހެދެން އަންނާނަމޭ ބުނެފަ. އެނގޭތަ! މިއަދު އަހަރެންގެ ކޮއްކޮވެސް ބަދިގޭގަ އުޅޭ ދުވަހެއް" ވިއާން ވާހަކަދެއްކިއެވެ.
"އިހަށް މަޑުކޮށްފާނަންތަ؟ އަހަރެން ވާހަކައެއް ބުނަންވެގެން" އަހަރެން ވިއާންގެ އަތުގައި ހިފީމެވެ. ވިއާން އަހަރެންގެ މޫނަށް ބަލަހައްޓައިގެން އިންދާ މަޑުމަޑުން ވިއާނާ ގާތްވެލީމެވެ. ދުލުން ހާމަނުކޮށް އަހަރެން އަމަލުތަކުން ވިއާނަށް އަހަރެން އޭނާއަށް ބޭނުންވެފައިވާ މިންވަރު އަންގައިދެމުން ދިޔައީމެވެ.
"މަލް،" އަހަރެން ދެއަތުގައި ހިފައި ހުއްޓުވަމުން ވިއާން ގޮވާލިއެވެ.
"މިހާރު ރަނގަޅެއްނު. ޕްލީޒް އައި ކާންޓް ޓޭކް އިޓް އެނީ މޯރ" އަހަރެން ބުނީމެވެ.
"ސޭމް ހިއަރ. އަދި ކުޑަކުޑަ ދުވަސްކޮޅެއް. އޭގެފަހުން އައިމް އޯލް ޔުއރަސް. މަލް ބޭނުންކަމެއް" ވިއާން އަހަރެންގެ މޫނުގައި ދެއަތުން ހިފަހައްޓައިލަމުން ބުނެލިއެވެ.
"ކިހިނެއްވީ؟" އުޅެވުނު ގޮތުން އިސްޖެހިފައި އިންދާ ވިއާން އަހައިފިއެވެ.
"ސޮރީ. ވަރަށް ބޮޑަށް ސޮރީ" އަހަރެން ބުނީމެވެ.
"އިޓްސް އޯކޭ ލަވް. މަލް ތިހާ ދެރަވަންޏާ އައިމް ރެޑީ. އެހެން ހުރިހާ ކަމަކަށް ވުރެ އަހަރެންނަށް މަލްގެ ހިތްހަމަޖެހުން މުހިންމު" ވިއާން ބުނެލިއެވެ.
"ނޫން" އަހަރެން ވިއާންގެ މޭގައި ބޯއަޅާލައިފީމެވެ. އަހަރެންގެ ބުރަކަށީގައި ވިއާން ފިރުމަމުން ދިޔައިރު އަހަރެންނަށް ރުޅިއިސްކުރެވެމުން ދިޔައީ ޒިޔާން ދެކެއެވެ. އަހަރެންގެ ކެތްތެރިކަން ކޮޅުންލީ ޒިޔާންގެ ސަބަބުންނެވެ. ފަހުން އަމިއްލަ ނަފްސުދެކެވެސް ރުޅި އާދެވުނެވެ. ޒިޔާން ހަމަ އެއްޗެއް ބުނެލާއިރަށް އަހަރެން އެހާ ފީކަޅާވާން ނުޖެހެއެވެ. އަހަރެންނަށް ހަމަޖެހިގެން ދިރިއުޅެވޭނީ ޒިޔާނަށް ރައްދު ދީގެންނެވެ. ޒިޔާނަށް ބަލިކަށިކަން ދައްކައިގެނެއް ނޫނެވެ. އަހަރެންގެ ދިރިއުޅުން ސަލާމަތް ކުރެވޭނީ އަހަރެންނަށެވެ. އަހަރެންނާ ވިއާންގެ ދިރިއުޅުމަށް ވަންނަން ޒިޔާނަށް ހަނި ފުރުސަތެއްދޭންވެސް އަހަރެން ބޭނުމެއްނުވެއެވެ. ދެލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލާފައި އަހަރެން ވިއާންގެ މޫނަށް ބަލައިލެވިއްޖެއެވެ.
"މިއަދު ކޮލެޖަށް ނުދިޔަސް އޯކާވާނެއްނު" ވިއާން ބުނެލިއެވެ. އަހަރެން ބޯޖަހައިލީމެވެ.
އަހަރެންނަށް ހޭލެވުނީ ދުވާލުގެ އަލީގެ އަސަރު މާބޮޑަށް ދެލޮލަށް ކުރަން ފެށުމުންނެވެ. ދެލޯ ހުޅުވާލިއިރު ކޮޓަރި ތެރެއަށް ވަނީ ދުވާލުގެ އަލި ފެތުރިފައެވެ. ސައިޑްކަބަޑް މަތީގައި އޮތް ފޯނު ނަގައި ގަޑި ބަލައިލިއިރު ހެނދުނު ދިހައެއް ޖަހައިފިއެވެ. ކައިރީގައި ވިއާން ވެސް ނެތެވެ. ތެދުވެ އެނދުގައި އިށިންއިރު މާގިނައިން ނިދުމުގެ ސަބަބުން ބޮލުގައި ބަރުކަމެއް ހުއްޓެވެ. ޒިޔާންގެ ސަބަބުން ބޮލުގައި ރިހުނު ރިހުން ހުރީ އެއްކޮށް ކެނޑިފައެވެ. ތެދުވެގެން އެނދުގެ ތަންމަތި ރީތިކޮށްލާފައި ތުވާލި ހިފައިގެން ގޮސް އަހަރެން ވަނީ ފާހާނާއަށެވެ.'
ކޮޓަރިން އަހަރެން ނިކުތީ ޟުހާ ނަމާދުކޮށްގެނެވެ. ސިޓިންރޫމުގައި ތަންކޮޅެއް އަޑުގަދައެވެ. ޒިޔާނާއެކު ވިއާން ކެރަމް ކުޅެނީއެވެ. އާދައިގެ މަތިން މާމަ ބެލްކަނީގައި ހުއްޓެވެ. ބަދިގެއިން ތަށި ތަޅުވާ އަޑު އިވުމުން އެތަނުގައި ވީ މަންމަ ކަން އަހަރެންނަށް އިނގުނެވެ.
"މަލް،" ބަދިގެ އާ ދިމާލަށް ހިނގައިގަތް ވަގުތު ވިއާން ގޮވާލައިފިއެވެ. އެހެންކަމުން އަހަރެން ދިޔައީ ވިއާނާ ދިމާލަށެވެ.
"މިހާރު ކިހިނެއްތަ؟ އަދިވެސް ބޮލުގަ ރިއްސާތަ؟" ވިއާނަށް ވުރެ ކުރިން އަހަރެން ކައިރިން ހާލު އެހީ ޒިޔާނެވެ. އަހަރެންނަށް ޒިޔާނަށް ބަލައިލެވުނީ ހިތްހަމަނުޖެހިފައެވެ. ވިއާން ކުރިމަތީގައި އަހަރެންނާ ވާހަކަދައްކަން މި ފިރިހެނާ އެ މަސައްކަތް ކުރަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ޖަވާބެއް ނުދީ ހުރުމުން ވިއާން އަހަރެންނަށް ބަލައިލިއެވެ.
"އެއީ ތެދެއް. މިހާރު ކިހިނެއްތަ؟ އަދިވެސް ރިއްސާތަ؟" އަހަރެންގެ އަތުގައި ހިފަމުން ވިއާން އެހިއެވެ.
"މިހާރު ރަނގަޅުވެއްޖެ" އަހަރެން ޖަވާބުދިނީ ވިއާނަށެވެ.
"ސައި ބުއިންތަ؟ ބޭސްކާ ގަޑިވެސް ޖެހިއްޖެ ދޯ" ވިއާންގެ ބޮލުގެ އިސްތަށިގަނޑުގައި އަތްފުނާ އަޅައިލަމުން އަހަރެން އެހީމެވެ. އެ މަންޒަރު ބަލަން ޒިޔާން އިންކަން އަހަރެންނަށް އިނގެއެވެ.
"ތިކަން ނިންމައިފިން. މަލް ދޭ ކޮންމެސް އެއްޗެއް ކާން. މަންމަ އެބައުޅޭ ކަންނޭނގެ ބަދިގޭގަ" ވިއާން ބުނެލިއެވެ. އަހަރެން ހިނގައިގަތީ ބުޅާ މަސްގަނޑަށް ދަހިވެތިވެގެން ބަލައި އުސޫލުން އަހަރެންނަށް ބަލަން އިން ޒިޔާނަށް ދެލޯ އަޅައިފައެވެ.
"އަހަރެން ދޭތަ؟" އަހަރެން ހިނގައިތަތްނާ ވިއާން އަހައިފިއެވެ. އަހަރެން ވިއާނަށް ބަލައިލަމުން ދެފަރާތަށް ބޯ ހޫރާލީމެވެ.
މޭޒު މަތީގައި އަލުވި ރިހަ އާ ރޮއްޓާ ހުއްޓެވެ. މާބޮޑަށް ލަސްވެފައި ހުރުމުން އަހަރެން ކާހިތެއް ނުވިއެވެ. އެހެންކަމުން ކޮފީ ތައްޓެއް ގިރަން ހުއްޓާ މަންމަ ގޮވާލައިފިއެވެ. ތަރުކާރީ ބަތްގަނޑެއް ހަދަން މަންމަ ހުރީ އުނދުން ކައިރީގައެވެ.
"ދަރިފުޅާ. މިގަޑީގަ ތި ކޮފީ ނުބޮއެބަލަ. އެތަނުން ދެތިން ރޮށި ކައިބަލަ. ކާއެއްޗެއް ނުކައި ތިކަހަލަ ކެފެއިން ހުންނަ އެއްޗެހި ބޮންޏާ މާބޮޑަށް ވައިގެ އުނދަގޫވެދާނެ" މަންމަ ބުނެލިއެވެ. އަހަރެން ކޮފީ މަގު ބާއްވާފައި އައިސް މޭޒު ކައިރީގައި އިށީނީމެވެ. މަންމަ އެބުނީވެސް ދޮގެއް ނޫނެވެ. މިހާރުވެސް ވައިގެ އުނދަގު އެބަކުރެއެވެ.
މާމަ ވަދެގެން އައީ އަހަރެން ކާން އިންދައެވެ. މާމަގެ އަތުގައި ހުރި ތަށީގައި ރަތާއި ފެހި ކުލައިގެ ތޮޅި މިރުސްތަކެއް ހުއްޓެވެ.
"ގަހުން ބިން މިރުސްކޮޅެއް މީ. ދެ ގިތެޔޮ ގަހުގަ އެއްކޮށް މާ އަޅާ ފުރާލާފަ ހުރީ މިހާރުވެސް" މާމަ ބުންޏެވެ. ކައި ނިމިގެން ތަށި ހިފައިގެން އަހަރެންނަށް ޒިންކު ކައިރިއަށް ނުދެވި އިނީ މާމަ މިރުސްތައް ދޮންނަން ހުރީމައެވެ.
"މަޖުދީ ފިހާރައަށް އެއްބައި ވިއްކަން ލާނީ" މާމަ ބުނެލިއެވެ.
އިރުކޮޅަކުން މާމަ މިރުސްތައް ހިފައިގެން މޭޒު ކައިރިއަށް އައިސް އެ ތިންބަޔަށް ބަހައިފިއެވެ.
"މަލް، މިބައި ބަލައި އަންނާށޭ ރީޝަމް ކައިރީގަ ބުނޭ. މިގޭ ގަހުގަ އަޅާ މޭވާ އާ ތަރުކާރީއަކީ އެމަންޖެގެވެސް އެއްޗެއް" މާމަ ބުންޏެވެ. އަހަރެންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. މާމަ އާ މަންމަ އަހަރެންނަށް ބަހައްޓާ އޯގާތެރިކަމާ ކުލުނު ރީޝަމްއަށް ވެސް ހުންނާތީ އަހަރެން ހިތްހަމަޖެހުނެވެ.
"އަދިވެސް ބޮލުގަ ރިއްސާތަ؟" އަތް ދޮވެގެން އައިސް އަހަރެން އިށިންތަނާ މާމަ އެހިއެވެ.
"ނުރިއްސާ. އޭރުގަވެސް އެހާ ބޮޑަށް ނުރިއްސައޭ. ވިއާން އަޅުގަނޑު ބޭރަށް ނިކުތަ ނުދިނީ" ހީލަމުން އަހަރެން ބުނީމެވެ.
"މަންމަ ދެން ދޭ. އަޅުގަނޑު ބާކީ ހުރި މަސައްކަތް ކޮށްލާނަން" އަހަރެން ބުނީމެވެ.
"އާނ. މަންމަ އެބަޖެހޭ ޒިޔާންގެ ހެދުންތައް ދޮންނަންވެސް. ދަރިފުޅު މި މަސްކޮޅު ހިކިކޮށް ހަދާލާ އިނގޭ" މަންމަ ބުންޏެވެ.
މާމަ އާ މަންމަ ބަދިގެއިން ނިކުތުމުން އަހަރެން އެކަނިވިއެވެ. އަހަރެން ފިޔައިކޮށާ މަސްކޮޅު ހަދަން ތައްޔާރުވަމުން ދިޔައީ މޭޒު ކައިރީގައި ކޮޅަށް ހުރެއެވެ. ކުއްލިއަކަށް އަހަރެންގެ ފުރަގަހުގައި މީހަކު ހުރި ކަމުގެ އިހުސާސް ވެއްޖެއެވެ. ބުރުގާ މަތިން ކަނދުރާއަށް ހޫނު ނޭވައެއްގެ އިހުސާސްވުމާއެކު މުޅި ހަށިގަނޑުން ހީބިހި ނަގައިގަތެވެ. އެއްޗެއް ނުބުނެވި އުޅެނިކޮށް ވިއާން ޖަހައި ސެންޓް ވަސް އަހަރެންގެ ނޭފަތުގައި ޖެހިއްޖެއެވެ. އަހަރެންގެ ދެލޯ ވިދައިގަތެވެ. ވިއާންގެ އެފަދަ ލޯބި ސަމާސާތައް އެއީ އަހަރެންނަށް އެންމެ ކަމުދާ އެއް ކަންތަކެވެ. ވިއާން ދެކެ އަހަރެން އެންމެ ލޯބިވާ ކަންތަކެވެ. އިރުކޮޅަކުން އަހަރެންގެ އުނގަނޑުގެ ދެފަރާތުން ދެއަތް ގެނެސް ބާރަށް ހިފަހައްޓާލައިފިއެވެ. ފަހަތުން އަހަރެންނާ ގާތްވެލިއިރު ވިއާންގެ ފަރާތުން އެހެންޏާ އިހުސާސް ނުވާ ކަމެއް އިހުސާސް ވެއްޖެއެވެ. ދުވާލުގެ އެފަދަ ވަގުތެއްގައި ވިއާން އެސަކަރާތް ޖަހަން އުޅުމުން އަހަރެން ވަގުތުން ވިއާން ހުއްޓުވަން އުޅުނީމެވެ.
"އޫމް... މިފަހަރު އަހަރެން ހުއްޓުވަން ނޫޅޭތި" ސަމާސާ އެކުލެވޭ ރާގެއްގައި އަހަރެން ބުނީމެވެ.
"ދުވަހަކުވެސް ނުހުއްޓުވާނަން" ވައި އަޑުން އަހަރެންގެ ކަންފަތް ދަށުގައި ބުނެފިއެވެ. އެއީ ވިއާނެއް ނޫން ކަން އަހަރެންނަށް އިނގުނީ އަތުގައި އޮތް ގަޑި ފެނުމުންނެވެ. ވަގުތުން ދެއަތުގައި ހުރި ބާރެއް ލާފައި ޒިޔާން ދުރަށް ކޮށްޕާލެވިއްޖެއެވެ. ދެލޮލުން އަލިފާން ކަނި ބުރާ ހާލު އަހަރެންނާ ޒިޔާނާ ދެމެދަށް އަހަރެންނަށް ހުރަސްކޮށްލެވުނީ އަތުގައި އޮތް ވަޅިއެވެ. ރުޅިއައިވަރުން ދެލޮލުން ކަރުނަ ނީރާލިކަންވެސް އަހަރެންނަށް ނޭނގެއެވެ.
"ހަމަ ތެދެއް މިބުނީ. އަހަރެންގެ އަތުން ފައިން ގޯހެއް ނަހަދަނީސް ކަލޭ އަހަރެންނާ ދުރުގައި ހުރޭ" އަހަރެން ބުނީމެވެ. އިންޒާރެއް ދޭ ފަދައިންނެވެ.
"މަލް،" ބަދިގެއަށް ވަންނަން އައި ވިއާންގެ އަޑު އިވުމާއެކު އަވަސް އަވަހަށް އަހަރެން ދެލޯ ކައިރި ފޮހެލާފައި އަނެއްފަރާތަށް އެނބުރުނީމެވެ. ބޭނުންވީ އަހަރެންގެ ދެލޮލުން ފާޅުވަމުންދިޔަ އަސަރުތައް ވިއާނަށް ސިއްރު ކުރާށެވެ.
"ޒިޔާންވެސް ތަ؟ އަހަރެން ފާހާނާއިން އައިރު ނެތްވިއްޔާ" ވިއާން ބުނެލި އަޑު އިވުނެވެ. އޭރު އަހަރެން ފިޔާ ތަށި ހިފައިގެން އުނދުން ކައިރިއަށް ޖެހިފީމެވެ.
"އާނ. ފެންބޯންވެގެން. ފަހަރި މާ ފަރިތަކޮށް ފިޔާ ކޮށަން ހުރީމަ ބަލަން ހުރެވުނީ" ޒިޔާން ބުންޏެވެ.
"ހެހެހެ... ހިނގާ ބުރު ނިންމަން. ހަނދާންކުރާތި ބަލިވެއްޖިއްޔާ ކުރި ވައުދާ ޚިލާފުނުވާތި" ވިއާން ބުންޏެވެ. ޒިޔާން ބަދިގެއިން ނިކުންނަން ހިނގައިގަތެވެ.
ވިއާން އައިސް އަހަރެންގެ ފަހަތުން ހުއްޓުމާއެކު އެނބުރިފައި އަހަރެންނަށް ވަރަށް ބާރަށް ވިއާންގެ ގައިގައި ބައްދައިލެވިއްޖެއެވެ. ދުވަހަކުވެސް ދޫކުރަން ބޭނުންނުވެފައި ހުރެ އަހަރެންނަށް ވިއާންގެ ހަށިގަނޑަށް ބާރުލެވެމުން ދިޔައެވެ.
"ހެހެހެ... އަހަރެންނަށް ހީވަނީ މަލް ދެން ދުރުގައި ބަހައްޓައިގެން އަހަރެންނަށްވެސް ކެތެއް ނުވާނެހެން. މާދަމާ ރެއަށް އިންތިޒާރުކޮށްލާ ޖާނާ. އަހަރެމެން ދެމީހުންނަށްވެސް ސްޕެޝަލްވާނެ ރެއެއް އެއީ" އަހަރެން ދުރުކޮށްލާފައި މޫނުގެ ދެފަރާތުން ހިފައިލަމުން ވިއާން ބުންޏެވެ. ކަރުނައިގެ ތެރެއިންވެސް އަހަރެންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.
"ޕްރްމިސްތަ؟" އަހަރެން އެހީމެވެ.
"ޕްރޮމިސް" ވިއާން ބުންޏެވެ. އަހަރެންގެ ތުންފަތުގައި ބޮސްދިނުމަށްފަހު ބުރުގާ މަތިން ބޮލުގައި ފިރުމައިލިއެވެ.
"އެކަމަކު އެފަދަ ގުޅުމަކަށް ދިޔުމުގެ ކުރިން އަހަރެން މަލް ކައިރީގައި ވާހަކައެއްދައްކަން ބޭނުން" ވިއާން ބުންޏްވެ.
"އަވަހަށް ބުނޭ" އަހަރެން ބުނީމެވެ.
"މާދަމާ ރޭ" ވިއާން ބުނެލިއެވެ.
އަހަރެންނަށް ބޯއަޅާއިލެވުނީ ވިއާންގެ މޭގައެވެ. އެވަގުތު ބަދިގޭ ދޮރުމަތީގައި އަހަރެމެންނަށް ބަލަހައްޓައިގެން ހުރި ޒިޔާން އަހަރެންނަށް ފެނުނެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ