ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ބަންދުން ދޫކޮށްލަން ނިންމި މައްސަލަ ދައުލަތުގެ ފަރާތުން ޕްރޮސިކިއުޓާރ ޖެނަރަލް (ޕީޖީ) އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކުރަން ހުށަހަޅައިފި އެވެ.

އައްމަޓީ ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރިއަށް ގެންދަން ޖެހޭ ހާލަތެއް ނެތް ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި ޖެހިގެން އައި ދުވަހު އެ މައްސަލަ ހައި ކޯޓަށް އިސްތިއުނާފަށް ހުށަހަޅާފައިވާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އަދި ހައި ކޯޓުން އެ މައްސަލަ ބަލައިގަތް ކަމާ މެދު ގޮތެއް ނުނިންމަ އެވެ.

އައްމަޓީ ބަންދުން ދޫކޮށްލާފައިވަނީ ޝަރުތުތަކަކާއެކު އެވެ. އެއީ މާލެ އިން ފުރައިގެން ނުދިޔުމާއި ރާއްޖެއިން ބޭރަށްވެސް ނުދިއުމަށް ޝަރުތު ކޮށްފަ އެވެ.

ބަންދާމެދު ގޮތެއް ނިންމުމަަށް ބުރާސްފަތި ދުވަހު ބޭއްވި ޝަރީއަތުގައި އައްމަޓީގެ އެންމެ ބޮޑު ޝަކުވާއަކަށް ވީ އޭނާގެ ބަލި ހާލަތެވެ. މައިބަދައިގެ ދެ ބަދައެއް ފިތި މައި ނާރު ފިތުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހަކު މާފުށީގައި ހުރުމަށްފަހު ބޭސްފަރުވާއަށް މާލެ އައުމަކީ އުނދަގޫ ކަމެއް ކަމަށް އަައްމަޓީ ފާހަގަކުރި އެވެ. އަދި ބުނީ، ޝަރީއަތަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށާއި ފިލައިގެން ވެސް ނުދާނެ ކަމަށެވެ. އެއަށްފަހު އައްމަޓީ އެދުނީ ބަންދަށް ލުޔެއް ދިނުމަށެވެ.

ނަމަވެސް ދައުލަތުން އެކަމަށް އިއުތިރާޒު ކުރިއެވެ. އައްމަޓީ އަކީ މީގެ ކުރީން ވެސް ފިލައިގެން އުޅެފައިވާ މީހެއް ކަމަށާއި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތަތީ އޭނާ ބަންދުން ދޫކޮށްލުމަށް ދައުލަތަށް ނުފެންނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް(ޕީޖީ)ގެ ވަކީލު ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވީ، ކުށެއް ކުރިކަމަށް ސާބިތު ނުވާހާ ހިނދަކު އެ މީހަކީ ކުށްވެރިއެއް ނޫން ކަމަށާއި ތުހުމަތު ކުރެވޭ ހުރިހާ ފަރާތްތަކަށް ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބެއިތިއްބުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

ހުޅުމާލޭގައި ފުލެޓް އިމާރާތްކުރަން އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފުލެޓް އިމާރާތް ކޮށް ނުދީ، އަދި އެ ފައިސާ ވެސް ދީފައި ނުވާ މައްސަލައިގައި އައްމަޓީ ފިލައިގެން ގޮސް އުޅެމުން ދިޔައީ ސްރީލަންކާގައެވެ. 18 އޭޕްރީލް 2019 ގައި އޭނާ ހޯދަން އިންޓަޕޯލްގެ ރެޑް ނޯޓިސް އޮތީ ނެރެފައެވެ. ފިލައިގެން އުޅެނިކޮށް ލަންކާއިން އައްމަޓީ ހައްޔަރުކުރިކަން ފުލުހުން ހާމަކުރީ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. އަދި އިންޓަޕޯލާ ގުޅިގެން އޭނާ ވަނީ ރާއްޖެ ގެނައިސްފަ އެވެ.

އައްމަޓީގެ މައްޗަށް އުފުލާފައިވަނީ ހިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާ އެކެވެ. އެ ދައުވާތައް އައްމަޓީގެ މައްޗަށް އުފުލާފައިވަނީ ގާނޫނުލްއުގޫބާތުގެ 215 ވަނަ މާއްދާއާ ހަވާލާދީ އެ ގާނޫނުގެ 210 ވަނަ މާއްދާގެ ދަށުންނެވެ. އައްމަޓީގެ މައްޗަށް އުފުލާފައިވާ 42 ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 65 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލާ ދިމާލުން ސީލައިފަށް ބިމެއް ހަވާލުކުރީ އެތަނުގައި 3000 ހައުސިން ޔުނިޓް އެޅުމަށް ޓަކައެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓްތައް ގަތުމަށް 280 މީހަކު، ކޮންމެ މީހަކު ބުކިން ފީގެ ގޮތުގައި 50،000 ރުފިޔާގެ ރޭޓުން 14 މިލިއަން ރުފިޔާއަށް ވުރެ ގިނައިން އެ ކުންފުންޏަށް ވަނީ ފައިސާ ދައްކައިފަ އެވެ.

ނަމަވެސް އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު، ހައުސިން ޔުނިޓްތައް ހަދާފައި ނުވުމާއި ފައިސާ ވެސް ދީފައިނުވާތީ، 200އަށްވުރެ ގިނަ މީހުން އެ މައްސަލަ ކޯޓަށް ހުށަހެޅި އެވެ.

ނަމަވެސް ސަރުކާރުން މައްސަލައިގެ ތެރެއަށް ވަދެ، ދައުވާކުރި މީހުންނަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި އަދި ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތުމަށް އެމީހުންނަށް ފުރުސަތު ދޭ ގޮތަށް ވަނީ ސެޓްލްމަންޓް އެގްރީމެންޓެއް ހަދައި ކޯޓުން ބޭރުގައި މައްސަލަ ނިންމައިފަ އެވެ.