އިންތިގާލީ އިންސާފުގެ އޮފީހަށް މިދިޔަ ހަފްތާގެ ނިޔަލަށް ނުވަ މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ އޮފީހުން ބުނެފިއެވެ.

ޖެނުއަރީ 1953 އިން ފެށިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވެރިކަން ނިމުނު 17 ނޮވެމްބަރު 2018އާ ދެމެދުގައި ދައުލަތުންނާއި ދައުލަތުގެ މުއައްސަސާތަކުންނާއި އިދާރާތަކުން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތައް ބަލައި، ތަހުގީގުކޮށް ހަގީގަތް ހާމަކޮށް، އިންސާފު ހޯދައި ދިނުމަށް އޮމްބަޑްސްޕާސަންގެ އޮފީސް އުފައްދަވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގައެވެ.

ޗީފް އޮމްޕަޑްސްޕާސަން އަބްދުއް ސަލާމް އާރިފް މިއަދު "ވަން" އަށް ވިދާޅުވީ އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަޅަން ހުޅުވާލިތާ ހަފުތާއެއްގެ ތެރޭގައި ނުވަ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މައްސަލަތައް ބަލައި، ބަލަންޖެހޭ ކަންކަން ބަލަމުންދާތީވެ، އިތުރު ތަފްސީލެއް މިވަގުތު ދެވެން ނެތް ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހުށަހަޅާ މައްސަލައަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު މައްސަލަ ހުށަހަޅާތާ 15 ދުވަސް ތެރޭގައި ބަލައިގަތުމާ ގުޅޭ ގޮތުން ގޮތެއް ނިންމާނެ ކަމަށެވެ.

"މައްސަލަ ހުށަހެޅުމުގައި މި އޮންނަނީ ދެ ގޮތެއް. ކަމާ ގުޅިގެން އެ ކަމުގެ މަސްލަހަތު އޮންނަ ފަރާތުން މައްސަލަ މި ހުށަހަޅަނީ. ހުށަހަޅައިގެން އެ ފަރާތަކަށް ބަދަލު ހޯދައިދިނުން. ދެވަނަ ގޮތަކީ އަމިއްލަ އިސްނެގުމުގެ ތެރޭގައި ބަލަން ޖެހޭ ކަންކަން ބެލުން. މިހާރު އޮފީހުން އެކަންކަން ދިރާސާ ކުރަމުން މިދަނީ،" ޗީފް އޮމްޕަޑްސްޕާސަން ވިދާޅުވިއެވެ.

ޗީފް އޮމްބަޑްސްޕާސަން ވިދާޅުވީ މަސައްކަތް ކުރާނީ ހުށަހެޅޭ މައްސަލަތައް ވަކި ތަރުތީބަކުން ބަލައި، ވީހާވެސް އަވަހަކަށް ބަދަލެއް ހޯދައިދީ، އެކަންކަން ކަމަށް ހައްލެއް ހޯދައި ދިނުމަށް ކަމަށެވެ. އަދި ގާނޫނުގައި ބުނާ މަގްސަދުތައް ހާސިލު ކުރުމަށް ވީ އެންމެ ރަނގަޅު ގޮތަކަށް މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިކަމުގައި ބައެއް ގޮންޖެހުންތައް ހުރިކަން ފާހަގަ ކުރައްވައި ޗީފް އޮމްޕަޑްސްޕާސަން ވިދާޅުވީ ކުރީގެ އިންވެސްޓިގޭޝަންތަކުން ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށާއި ނަމަވެސް މައްސަލަތައް ބެލުމުގައި ތާރީހީ ލިޔުންތަކާއި އަދި ސަރުކާރުގައި ރައްކާކޮށްފައި ހުރި މުހިންމު ލިޔެކިޔުންތަކަށް ރިއާޔަތް ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ޓީމަށް ރައްޔިތުން ބޭނުންވާ އިންސާފު ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ދެ އަހަރު ތެރޭގައި އެކަން ކުރާނެ ކަމަށެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމަށް ދީފައިވަނީ ދެ މަސް ދުވަހުގެ މުއްދަތެކެވެ. އެގޮތުން އަންނަ އޯގަސްޓް މަހުގެ 13ގެ ނިޔަލަށް އެ އޮފީހަށް މައްސަލަ ހުށަހެޅޭނެއެވެ.