އޭނާ އަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ރައީސް މަރިޔަމް ޝިއުނާ ކުޅެން ގެންގުޅޭ ބޯޅައެއް ނޫން ކަމަށް ވިދާޅުވެ، ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް އެ ކޮމިޝަނަށް ފާޑު ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން މަހުލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ވަނީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މައްސަލަ ފޮނުވާފަ އެވެ. ނަމަވެސް އެ މައްސަލައިގެ ބައެއް ކަންކަން ރަނގަޅުކުރަން ޕީޖީ އޮފީހުން މިހާރު ވަނީ އޭސީސީއަށް އަންގާފަ އެވެ.
އެކަމާ ގުޅިގެން މިނިސްޓަރު މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނުކޮށް މިއީ ކުޅޭ ކުޅިވަރަކަށް ނުހެދޭނެ ކަމަށެވެ.
"އަޅުގަނޑަކީ ޝިއުނާ ކުޅެންގެންގުޅޭ ބޯޅައެއްނޫން،ކަންކުރަން ނޭގެންޔާ އިސްތިއުފާ ދެއްވީމަ މާރަނގަޅުވާނެ،" މަހުލޫފް ވިދާޅުވި އެވެ.
މަހުލޫފްގެ މައްސަލާގައި ދައުވާ ކުރުމާ މެދު ޕީޖީ އޮފީހުން ގޮތެއް ނިންމަންދެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އޭނާ ސަސްޕެންޑުކޮށްފަ އެވެ.
މަހުލޫފްގެ މައްސަލަ ޕީޖީއަށް ފޮނުވުމަށްފަހު އޭސީސީން ނެރުނު ބަޔާނެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުރެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި 33,000.00 އެމެރިކާ ޑޮލަރު މަހުލޫފަށް ލިބިފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
އޭސީސީން ބުނިގޮތުގައި އެސްއީޒެޑް ބިލް ފާސްކުރުމަށް ވޯޓް ދިނުމުގެ ގޮތުން މެލޭޝިޔާގައި ހުރުމަށްފަހު އޮގަސްޓް 27، 2014 ގައި ބޭއްވި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެފައި ވަނީ ސީދާ މަޖިލީހުގެ ވޯޓަށެވެ.
"ރައްޔިތުންގެ މަޖިލީހުގައި ހްމަދު މަހްލޫފް އެ ބިލަށް ވޯޓު ދީފައިވަނީ ސަރުކާރާ އެއްކޮޅަށް ބިލް ފާސްކުރުމަށްކަމާއި، އެސްއޯއެފްގެ ޗެކަކުން އަހްމަދު މަހްލޫފުގެ އެކައުންޓަށް 33,000.00 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަހްގީގުން އެނގެންއޮތްއިރު، އެ ވޯޓަށްފަހު އަޙްމަދު އަދީބު އަބްދުލްޣަފޫރު އާއި އަހްމަދު މަހްލޫފް އާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސް.އޯ.އެފް ގެ ޗެކް އަޙްމަދު މަޚްލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީޚްތަކާއި ގުޅުވުމުން، އަހްމަދު މަހްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ އިސްވެ ދެންނެވުނު ފައިސާއަކީ، އަހްމަދު އަދީބު، އަޙްމަދު މަހްލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގެއެވެ،" އޭސީސީގެ ބަޔާނުގައިވެ އެވެ.
އެ ފައިސާ އަކީ ޑޮލަރު ގެނެވިއްކުމަށް އެސްއޯއެފްއާ އެކު ކޮށްފައިވާ މުއާމަލާތެއްކަމަށް ވިދާޅުވެ މަހްލޫފްގެ ފަރާތުން އޭސީސީއަށް 'ޕޭމަންޓް ރިސީވްޑް' ލިޔުމެއް ހުށަހެޅި ނަމަވެސް އެ ފައިސާއަކީ ޑޮލަރު ގަތުމަށް ދީފައިވާ ފައިސާކަން ތަހުގީގަށް އެގެން ނެތް ކަމަށް އޭސީސީން ބުންޏެވެ.
މިނިސްޓަރު އަހުމަދު މަޙުލޫފް
މިނިސްޓަރު އަހުމަދު މަޙުލޫފް
މިނިސްޓަރު އަހުމަދު މަޙުލޫފް