ކުޅިވަރު

ބީޗް ވޮލީ ތަރި ޝިއުނީޒް ކަކުލުގެ އޮޕަރޭޝަނެއް ކޮށްފި

ގައުމީ ބީޗް ވޮލީބޯޅަ ޓީމުގެ ތަރި ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) ކަކުލުގެ އޮޕަރޭޝަނެއް ކޮށްފި އެވެ.

އުމުރުން 33 އަހަރުގެ ޝިއުނީޒް މިދިޔަ ހަފްތާ ތެރޭ ކަނާތު ކަކުލުގެ އޮޕަރޭޝަނެއް ކުރީ އޭޑީކޭ ހޮސްޕިޓަލްގަ އެވެ.

ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފައި ވަނީ ޝިއުނީޒްގެ އޮޕަރޭޝަން ކާމިޔާބު ކަމަށާއި، އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރަނޭޝް އިއްޔެ ޝިއުނީޒަށް ޒިޔާރަތްކޮށް ހާލު ބައްލަވާފައިވާ ކަމަށެވެ. ގައުމީ ލެވަލްގެ ގިނަ މުބާރާތްތަކެއްގައި ދިވެހި ސިފައިންގެ ކްލަބަށް ކުޅުނު ޝިއުނާޒް ވަނީ ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ރާއްޖެ ތަމްސީލްކޮށްފަ އެވެ.

ގައުމީ ބީޗް ވޮލީބޯޅަ ޓީމަށް 2013 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ޝިއުނާޒްގެ ކެރިއަރުގެ އެންމެ ބޮޑު އުސްއައްޔަކީ 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ޝިއުނީޒް ވަނީ ބީޗު ވޮލީ ޓީމް އިވެންޓުން ރާއްޖެއަށް ރިހި މެޑަލް، އަދި އިންޑިވިޖުއަލް ބައިން ލޯ މެޑަލް ގެނެސްދީފަ އެވެ.

ބީޗްވޮލީ ގައުމީ ޓީމުގައި ހިމެނިގެން ޝިއުނާޒް ވަނީ ދެކުނު އޭޝިއާ އާއި އޭޝިއާ އަދި ދުނިޔޭގެ ލެވަލް މުބާރާތްތަކުގައި ވެސް ވާދަކޮށްފަ އެވެ.