ހަމް ދިލް ދޭ ޗުކޭ ސަނަމްގެ ބަތަލާ އައިޝްވަރިޔާ ރާއީގެ ލޮލުގެ ޖާދޫގައި ފިލްމުގެ ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީ ޖެހުނު ގޮތް ކިޔައިދީފިއެވެ.

ސަންޖޭ ލީލާ ބަންސާލީ އާއި އައިޝްވަރިޔާ ފުރަތަމަ ބައްދަލުވީ އާމިރުހާން އާއި ކަރިޝްމާ ކަޕޫރުގެ ފިލްމު ރާޖާ ހިންދުސްތާނީގެ ޕްރިމިއާގައި ކަމަށް ސަންޖޭ ވަނީ ބުނެފައެވެ.

1999 ވަނަ އަހަރު ރިލީސް ކުރި ހަމް ދިލް ދޭ ޗުކޭ ސަނަމް އަށް އިއްޔެއަށް މިވަނީ 22 އަހަރު ފުރިފައެވެ. އެ ފިލްމަކީ އައިޝްވަރިޔާ ރާއީގެ ރީތި ހުސްކުރި ރީތިކަމާ އެއްވަރަށް އޭނާގެ މޮޅު އެކްޓިންއެއްވެސް ފެނިގެންދިޔަ ފިލްމެކެވެ. އެއަށްފަހު ސަންޖޭ ލީލާ ބަންސާލީއާ އެކު ދޭވްދާސް އަދި ގުޒާރިޝްގައި ވެސް މޮޅު ހުށަހެޅުމެއް ދައްކައިދީފައިވާ އައިޝްވަރިޔާއަށް ސަންޖޭގެ ޕަދްމާވަތު އަދި ބާޖިރާއޯ މަސްތާނީ ކުޅެން ވަނީ ފުރުސަތު ލިބިފައެވެ. ނަމަވެސް އައިޝްވަރިޔާ ވަނީ އެ ދެ ފިލްމު ދޫކޮށްލައިފައެވެ.

މީގެ ކުރީން ފިލްމްފެއާއަށް ދީފައިވާ އިންޓަވިއުއެއްގައި ސަންޖޭ ބުނެފައިވަނީ އައިޝްގެ ލޮލުގައި އަޖައިބު ކުރުވަނިވި ބާރެއް ހުންނަ ކަމަށެވެ. ހުރިހާ ރީތިކަމެއް އެލޮލަށް ހުއްޓިގެން ދާ ކަމަށާއި އެއީ އާދައިގެ ލޮލެއް ނޫން ކަމަށްވެސް ސަންޖޭ މި ވަނީ ބުނެފައެވެ. ''އެއީ ބާރުގަދަ ލޮލެއް، ވާހަކަ ނުދެއްކި ނަމަވެސް އެ ލޮލުން ތަފާތު ވާހަކައެއް ބުނެދޭ ކަހަލަ...ރީތި ކުލައެއްގެ ދެލޯ! ފުރަތަމަ ބައްދަލުވުމުންވެސް އަހަރެން އެ ލޮލުގައި ޖެހިއްޖެ!'' އައިޝްވަރިޔާއަށް ތައުރީފުކޮށް ދީފައިވާ އިންޓަވިއުއެއްގައި އޭނާ ކިޔައިދެއެވެ.

ސަންޖޭ އިތުރަށް ބުނެފައިވާ ގޮތުގައި އައިޝްވަރިޔާ އާ އެންމެ ފުރަތަމަ ބައްދަލު ވީ ރާޖާ ހިންދުސްތާނީގެ ޕްރިމިއާއަށް ގޮސް އުޅެނި ކޮށެވެ. ސްކްރީނިން އަށްފަހު ލޮބީއިން އަމިއްލައަށް ބައްދަލުކޮށް އައިޝްވަރިޔާ އަމިއްލައަށް ތައާރަފު ވެ ސަލާން ކޮށް ވާހަކަދެއްކި ކަމަށް ވަނީ ބުނެފައެވެ. އެދުވަސްވަރު އޭނާ ދިޔައީ ހަމް ދިލް ދޭ ޗުކޭ ސަނަމް ގެ ނަންދިނީގެ ރޯލަށް ބަތަލާއެއް ހޯދަމުން ކަމަށާއި، އެވަގުތުން ވަގުތަށް އޭނާގެ ނަންދިނީ އާ ދިމާވެއްޖެކަމަށް ސަންޖޭ ބުނެފައިވެއެވެ.

ކޮންމެއަކަސް އައިޝްވަރިޔާ ނަންދިނީގެ ރޯލު ވަނީ ވަރަށް ފުރިހަމައަށް ދައްކައިދީފައެވެ. ޖޫން 18 އަށް އެފިލްމަށް 22 އަހަރު ފުރުން ފާހަގަކޮށް ފިލްމުގެ ހަނދާންތައް ގިނަ ބަޔަކު އާކުރަމުން އަންނައިރު ފިލްމުން ފެނިގެން ދިޔަ އަޖޭ ދޭވްގަން، އައިޝްވަރިޔާ އަދި ސަލްމާން ހާންވެސް ވަނީ ފިލްމުގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އެފިލްމާ ގުޅޭ ފޮޓޯތައް މީސްމީޑިއާގައި ހިއްސާކޮށްފައެވެ.