ވިއާންގެ ކޯލު ލިބުމާއެކު ދަބަސް ހިފައިގެން ކޮޓަރިން ނިކުތްއިރު މާމަ ސޯފާގައި އިނެވެ. އެހެންރޭތަކުގައި އެވަގުތު މާމަ ކޮޓަރީގައި އިންނަ މީހަކު ބޭރުގައި އިނުމުން އަހަރެންގެ ހިތަށް އެއްވެސް އެއްޗެއް ނޭރިއެވެ. ބޭނުންވެފައި ހުރީ އަވަހަށް ހޮސްޕިޓަލަށް ދާށެވެ. ދޮރުގެ ބެލް އަޅައިލި އަޑުވެސް އިވުނީ އެވަގުތުއެވެ. އަހަރެން ދޮރުހުޅުވަން ދިޔަ އިރު އެއް އަތުގައި އަރަން ގެންގުޅުނު ބޫޓޫގެ އެއްކިބަ އޮތެވެ.

ދޮރުމަތީގައި ހުރި މީހަކު ފެނުމާއެކު އަހަރެންނަށް ވީގޮތެއްވެސް ނޭނގުނެވެ. އެންމެ ފުރަތަމަ ގަބޫލުކުރަންވެސް ދަތިވިއެވެ. އަސާގަނޑެއްގެ އެހީގައި ދޮރުމަތީގައި ކޮޅަށް ހުރީ އަހަރެންގެ ވިއާން ނޫން ދެވަނަ އިންސާނެއް ނޫނެވެ. އޭނާގެ އުނަގަނޑުގައި ކައިރީގައި ހުރި ޒިޔާން ހިފަހައްޓައިގެން ހުއްޓެވެ. ވިއާންގެ އަނެއް އަތް އޮތީ ޒިޔާންގެ ކޮނޑަށް އެއްލާފައެވެ. އެ ދެމީހުންނަށް ވުރެ ތަންކޮޅެއް ފަހަތުގައި ހުރި މަންމަވެސް ހުރީ ހެވިފައެވެ.

"ވިއާން" އަހަރެންނަށް ބުނެވުނެވެ. ސަލާމަތުން ގެއާ ހަމައަށް ވިއާނަށް އާދެވުމުން އަހަރެންނަށް އުފަލުން ރޮވުނެވެ. ހެއްދެވިފަރާތަށް ޝުކުރު ދެންނެވުނެވެ. ގާތަށް ޖެހިލާ ވިއާންގެ އަތުގައި އަހަރެން ހިފުމާއެކު ޒިޔާން ދުރަށް ޖެހުނެވެ.

"ސަޕްރައިޒް!!" ވިއާން ބުނެލިއެވެ.

"ދުވަހަކުވެސް އަދި މިހާ ބޮޑު ސަޕްރައިޒެއް ނުލިބޭ" އަހަރެން ބުނީމެވެ.

"މަލް، އަވަހަށް އާދޭ ވިއާން ގޮވައިގެން އެތެރެއަށް" ސޯފާގައި އިން މާމަ ބުނެލިއެވެ.

އަހަރެން ވިއާން އަތުގައި ހިފައިގެން އައިސް ބޭންދީ ސޯފާގައެވެ. އަދި އޭނާގެ ބަލި ފައި މަޑުމަޑުން ހިއްލާލާފައި ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ބެއްވީމެވެ. މަންމަ އައިސް ވިއާންގެ އަނެއްފަރާތުން އިށީނދެފައި އަތުގައި ހުރި ކޮތަޅުތައް ތިރީގައި ބެހެއްޓިއެވެ. މަޑުނުކޮށް ކޮޓަރި އާ ދިމާލަށް ދިޔަ ޒިޔާނަށް މަންމަ ބަލަހައްޓައިގެން ހުރެފައި ޒިޔާންގެ ފަހަތުން ހިނގައި ގަނެއްޖެއެވެ.

"ދަރިފުޅު މިހާރު ކިހިނެއް؟" ވިއާންގެ މޫނުގައި ފިރުމައިލަމުން މާމަ ބުނެލިއެވެ.

"ރަނގަޅޭ މާމާ. ﷲގެ އިރާދަފުޅުން ލަހެއްނުވެ އެއްކޮށް ރަނގަޅުވެދާނެ" މާމަ ކޮނޑުގައި ހިފައި ގެނެސް ގަޔާ ކައިރިކޮށްލަމުން ވިއާން ބުނެލިއެވެ.

"މަލް، ދާންވީނުން ވިއާން ގޮވައިގެން ކޮޓަރިއަށް" މާމަ ބުނެލިއެވެ.

"ތެދެއް ދަރިފުޅު ދެން ދޭ ކޮޓަރިއަށް އަރާމުކޮށްލަން. މިއަދު ޑިސްޗާޖުކުރާ ވާހަކަ ބުނި އިރުން ފެށިގެން ބުރަކަށި ޖައްސައިވެސްނުލާ. ގެއަށް އާދެވޭނެ އިރަކަށް އިންތިޒާރު ކުރީ" ޒިޔާނާއެކު ނިކުމެގެން އައި މާމަ ވާހަކަދެއްކިއެވެ. ވިއާން ތެދުވަން އުޅުނު ވަގުތު ޒިޔާން އެހީވެދިނެވެ. ކޮޅަށް ތެދުވެފައި ވިއާން ބަލައިލީ އަހަރެންނަށެވެ. އަހަރެން ކައިރިވެލާފައި މޭޒު މަތީގައި ބާއްވާފައި އޮތް އަސާގަނޑު ވިއާނާ ކައިރިކޮށްލީމެވެ. އަދި އަނެއް އަތުން ވިއާންގެ އުނަގަނޑުގައި އަތް އަޅުވާލައިގެން ކޮޓަރިއަށް ދިޔުމަށް ހިނގައިގަތީމެވެ.

"އެއްޗެއް ބޭނުންތަ؟" އެނދުގައި ވިއާން ބައިންދާފައި އަހަރެން ބުނީމެވެ.

"އާނ ބޭނުން" ވިއާން ބުނެލިއެވެ.

"ކޯޗެއް؟" އަހަރެން އެހީމެވެ. އަދި ވިއާނާ ދާދި ކައިރީގައި އެނދުގައި އިށީނީމެވެ.

"ބުނަންވީތަ؟" ވިއާން ބުނެލިއެވެ.

"ހޫމް. ބުނީމަ ދޯ އިނގޭނީ" އަހަރެން ބުނީމެވެ. ޖަވާބެއް ނުދީ ވިއާން އަހަރެންގެ މޫނާ މޫނު ގާތްކޮށްލިއެވެ. ދެތިން ސިކުންތަށް ދެމިގެން ދިޔައީ އަހަރެންނާ ވިއާން ބަދަލުކޮށްލި ލޯބީގެ ހަދިޔާއެކެވެ. އަހަރެންގެ މޫނާ ވަކިވެ ވިއާން ދުރަށް ޖެހުނު ވަގުތު އަހަރެންގެ މޫނު މައްޗަށް ވެރިވި ލަދުވެތިކަމުގެ ކުލަވަރާއެކު ވިއާންގެ ހީލި އަޑު އިވިގެން ދިޔައެވެ.

ދޮރުގައި ޓަކި ޖަހައިލި އަޑުވެސް އިވުނީ ހަމަ އެވަގުތުގައެވެ. އަހަރެން ދޮރު ހުލުވާލި އިރު ދޮރުމަތީގައި މާމަ ހުއްޓެވެ.

"ދަރިފުޅު ހޯދަން މީހަކު އައިސް އެބަހުރި" މާމަ ބުނެލިއެވެ. ވިއާން ކައިރީގައި ބުނެލާފައި ނުކުތް އިރު ގޭތެރޭގައި ރީޝަމް ހުއްޓެވެ. އޭނާ ހުރީ ކޭކު ހިފައިގެން އައިހެވެ.

"މާދަމާ އަހަރެމެން އަންނާނަން. ސެލެބްރޭޓް ކުރަންވާނެއްނު ވިއާން ގެއަށް ދޫކޮށްލީމަ. މިރޭ ދެކުދިން ކޭކު ފަޅާލައިގެން މަޖާކޮށްލާ އިނގޭ. ވަރަށް އަވަހަށް ގެއަށް ދާންޖެހޭތީ މިދަނީ" ރީޝަމް ބުންޏެވެ. އޭނާ ވާހަކަދެއްކި ގޮތުންވެސް އަވަސް އަރައިގަނެފައި ހުރިކަން އިނގުނެވެ.

ރީޝަމް ދިޔުމުން އަހަރެން ކޭކު ހިފައިގެން ކޮޓަރިއާ ދިމާލަށް ހިނގައިގަތީމެވެ. ކޮޓަރިއަށް ވަންނަން އުޅެނިކޮށް އަހަރެންގެ ލޮލުގައި އަޅައިގަތީ ކޮޓަރި ދޮރުމަތީގައި އަހަރެންނަށް ބަލަހައްޓައިގެން ހުރި ޒިޔާނަށެވެ. އަހަރެންނަށް ހީވީ ފައިގައި ކަސްތޮޅު އެޅުނުހެންނެވެ. ޒިޔާންގެ އެ ނުރައްކާތެރި ނަޒަރު އަނެއްކާވެސް އަހަރެން ބިރުގަންނުވާލައިފިއެވެ. އެ ދެލޮލުން އަހަރެންނަށް އިންޒާރެއްދޭން އުޅޭހެން ހީވީ ކީއްވެ ކަމެއް ނޭނގެއެވެ. ޒިޔާނަށް އަހަރެންގެ ނަޒަރު ހިނދުކޮޅަކަށް ހުއްޓުނުކަން ޔަޤީނެވެ. ހަމަ އެހިނދު އަހަރެން ޒިޔާނާ ނަޒަރު ވަކިކޮށްލާ ކޮޓަރިއަށް ވަނީމެވެ.

ކޮޓަރިއަށް ވަން ގޮތަށް ދޮރުލެއްޕުނީވެސް ފުދޭވަރަކަށް ބާރަށެވެ. ދޮރުފަތުގައި ލެގިލައިގެން ފުން ނޭވާތަކެއް ލަމުން ދިޔަ އިރު އެނދުގައި އިން ވިއާންގެ ނަޒަރު އަހަރެންނަށް ހުއްޓިފައި ހުރިކަމެއް ނޭނގެއެވެ. ހަމަހޭވެރިކަމެއް ވި އިރު އަހަރެންނާ ދާދި ގާތުގައި ވިއާން ހުއްޓެވެ.

"ވިއާން" ލިބުނު ސިހުމުގައި އަހަރެންނަށް ބުނެވުނެވެ. ވިއާން އަހަރެން ކައިރީގައި ކޮޅަށް ހުރުމުން އަވަސް ނަޒަރެއް ވިއާނަށް ދެވުނެވެ.

"ކިހިނެއްވެފަ؟ ހާދަ ބިރުން. ބޭރުން ޖިންނިއެއް ފެނުނީތަ؟" ސަމާސާ އެކުލެވޭ ރާގެއްގައި ވިއާން ބުނެލިއެވެ. އަހަރެންނަށް ޖަވާބެއް ނުދެވުނެވެ. ދެފަރާތަށް ބޯ ހޫރާލާފައި ވިއާނަށް ބަލައި ލެވިއްޖެއެވެ.

"ކީއްކުރަން ތެދުވެގެން އައީ. ހިނގާ އިށީންނަން. ނޫނީ ވަރުބަލިވެގެން ވެއްޓިދާނެ" އަހަރެން ބުނީމެވެ.

"ނުވެއްޓޭނެކަން ޔަގީން. މިހާރުވެސް ތިކޭކާއެކު މަލް އުރާލައިގެން ހިގައިދާނަން އެނދާ ހަމައަށް" ވިއާން ބުނެލިއެވެ.

"ވަރަށް ހީވޭ. އެކަމަކު އަހަރެން އުރަން އަދި ނުވޭ. ހިނގާ" އަހަރެން ވިއާންގެ އުނގަނޑުގައި ހިފަހައްޓާލައިގެން ހިނގައިގަތީމެވެ. އެނދުގައި ވިއާން އިށީނުމުން އަހަރެން ސައިޑްޓޭބަލް ދަމާލާފައި ގެނެސް ވިއާން ކުރިމަތީގައި ބެހެއްޓީމެވެ. އަދި އޭގެމަތީގައި ކޭކު ބެހެއްޓުމަށްފަހު ޑްރެސިންޓޭބަލްގެ ވަތްގަނޑު ހުޅުވާލާފައި ކުޑަ ވަޅިއެއް ވިއާން އަތަށް ދިނީމެވެ.

ވިއާން ކޭކު ފަޅާލިއެވެ. އަދި ކޭކު ކޮޅެއް ވަކިކޮށްލާފައި އަހަރެންގެ އަނގައަށް ލަވައިދިނެވެ.

"ކޭކު އައިސްއަލަމާރިއަށް ލާފައި އަންނަންވީނުން. އޭރުން ޒިޔާނަށްވެސް ކެވޭނީ" ވިއާން ބުނެލިއެވެ. ޒިޔާންގެ ނަން އިވުމުން ވެސް އަހަރެންގެ ހަށިގަނޑުން ހީބިހި ނަގައިގަނެފިއެވެ. އެކަން އަހަރެން ވިއާނަށް ސިއްރުކުރަން ބޭނުންވީ ވަރުން ތުންފަތަށް ހިނިތުންވުމެއް ގެންނަން ޖެހުނީ ގަދަކަމުންނެވެ.

"މިގަޑިއަކު ނޫން. ނިދުމުގެ ކުރިން ގެންދާނަން" އަލުން ޒިޔާންގެ ކުރިމައްޗަށް އަރަން ބޭނުންނުވާތީ އަހަރެން ބުނީމެވެ. ނަސީބަކުން ވިއާން އިތުރަށް އެވާހަކައެއް ނުދެއްކިއެވެ.

"ނިދަންވެއްޖެތަ؟" އަހަރެން ވިއާން ކައިރީގައި އިށީންނަމުން އެހީމެވެ.

"ނިންޖެއް އަދި ނާދޭ. އެކަމަކު ނިދި އަންނަންދެން މަލް ކައިރީގައި އޮވެގެން އެކިއެކި ވާހަކަދައްކަން ބޭނުމީ" ވިއާން ބުނެލިއެވެ. އަހަރެން ހީލާފައި ތެދުވެ އަލަމާރި ކައިރިއަށް ގޮސް ވިއާން ނިދަންލާ ސޯޓު ހިފައިގެން އައިސް ވިއާން އަތަށް ދިނީމެވެ.

"މަލް ލައްވަ ދޭންވީނުން" ވިއާން ބުނެލިއެވެ. އަހަރެންނަށް ހުރެވުނު ތަނެއްވެސް ނޭނގުނެވެ. ލަދުގަތްވަރުން ހުރި ދިމާލުން އަޑިއަށްދާނެ ނަމައޭ ހިތަށް އެރިއެވެ. އަވަސް އަވަހަށް މޫނު އަނެއްފަރާތަށް އަނބުރާލި އިރު އަހަރެންނަށް ތުންފަތުގައި ދަތްއެޅިއްޖެއެވެ.

"މަލް،" ވިއާން އަހަރެންގެ ކޮނޑުގައި ހިފައި އޭނާ އާ ދިމާލަށް އަނބުރައިލިއެވެ. ދެލޯމަރައިގެން ހުރެ އަހަރެން އެނބުރިލިތަނާ އިވުނީ ވިއާންގެ ހީލުމުގެ އަޑެވެ.

"ލަދުނުގަނެ މީގަ ހިފާބަލަ" ވިއާން ބުނެލިއެވެ. އަހަރެންނަށް ދެލޯ ހުޅުވަން ނުކެރުނެވެ.

"މަލް، ދެން ތިދެލޯ ހުޅުވަބަލަ. ކީއްވެ ލަދު ތިގަންނަނީ. މިއީ މަލްގެ ފިރިމީހާއެއްނު" ވިއާން ބުނެލިއެވެ. އަހަރެންގެ ހިތް އަވަސްވަމުން ދިޔައެވެ. އެއްލޯ ހުޅުވާލާފައި ވަރަށް ހަނި ދޭތެރެއަކުން ބަލައިލި އިރު ވިއާން ހުރީ ސޯޓަށް ބަދަލުކޮށްގެންނެވެ.

"ދެންވެސް ހިފާބަލަ. އަހަރެން އަތަށް ވަރުބަލިވެއްޖެ" ވިއާން ބުނެލިއެވެ. ވިއާން އަހަރެންނަށް ދިއްކޮށްގެން ހުރީ އޭނާ ބޭލި ޖީންސުކަން އަހަރެންނަށް އިނގުނީ ދެނެވެ. އަވަސް އަވަހަށް ޖީންސުގައި ހިފާފައި އަލަމާރި އާ ދިމާލަށް ހިގައިގަތީމެވެ. މޭގައި އަތްއަޅައިލަމުން ފުން ނޭވައެއް ދޫކޮށްލެވިއްޖެއެވެ. މިވީ ކުޑަ ވަގުތުކޮޅުގެ ތެރޭގައި އަހަރެންގެ ހިތަށް ވަރަށް ފާޑުފާޑުގެ އެއްޗެހި އަރައިފިއެވެ. އަމިއްލައަށްވެސް އަހަރެންނަށް ހެވިއްޖެއެވެ.

ނިދަންލާ ހެދުން ނަގާފައިވެސް އަހަރެންނަށް ވިއާން ކުރިމަތީގައި ހުރެ ބަދަލުކުރަން ނުކެރުނެވެ. ހެދުން ހިފައިގެން ފާހާނާއަށް ދާންވެސް ނުކެރުނެވެ. ފާހާނާއާ ދިމާލަށް ދިޔުންވެސް ރަނގަޅެއް ނޫނޭ ހިތަށް އެރިއެވެ. ކޮންމެގޮތެއްވިޔަސް ވިއާނަކީ އަހަރެންގެ ފިރިމީހާއެވެ. އަހަރެންގެ ހަށިގަނޑުގައި ވިއާނަށް ފޮރުވަންޖެހޭ ތަނެއް މިހާރު އޮވެގެން ނުވާނެއެވެ.

"ކިހިނެއްވެފަ ތިހުންނަނީ" އަހަރެން އަލަމާރި ކައިރީގައި ޓީޝާޓާ ސޯޓު އަތަށް ލައިގެން ހުރިތަން ފެނި ވިއާން އެހިއެވެ.

"ކަމެއްނުވޭ" އަހަރެން ބުނީމެވެ. އެއަށްފަހު އަތުގައި އޮތް ނިދަންލާ އެއްޗެހި އެނދުމަތީގައި ބަހައްޓާފައި އަހަރެން ގޮސް ހުއްޓުނީ ޑްރެސިންޓޭބަލް ކައިރީގައެވެ. އަޅައިގެން ހުރި ބުރުގާ ބޮލާ ވަކިކޮށްލާފައި ހަރުގައި އަޅުވާފައި ދެން ހިނގައިގަތީ އެނދާ ދިމާލަށެވެ. އަނެއްކާވެސް ނިދަންލާ އެއްޗެހި ހިފައިގެން ގޮސް ކުރިން ހުއްޓުނު ތަނުގައި ހުއްޓެވިއްޖެއެވެ.

ހަށިގަނޑަށް އިތުރު ހަރަކާތެއް ގެންނަން ނުކެރިފައި ހުއްޓާ ސިހުނީ ކުއްލިއަކަށް ވިއާން އައިސް އަހަރެންގެ ކުރިމަތީގައި ހުއްޓުމުންނެވެ.

"އަހަރެން ހިއެއް ނުކުރަން އަހަރެންގެ ވައިފްއަކީ ލަދުމަލެއް ކަމެއް" ވިއާން ބުނެލިއެވެ. އަހަރެންނަށް ހެވުނެވެ. އަހަރެންގެ ކޮންމެ އިޝާރާތެއް ވިއާން ދެނެއެބަގަނެއެވެ.

"އަހަރެން ދެމީހުންގެ މެދުގައި މިއޮތް ދުރުކަން އެއްކޮށް ކަޑުވަން އަހަރެން ބޭނުންވަނީ. އަހަރެމެންނަކީ ކުރިއަށް އޮތް ދުވަސްތަކުގައި އެކުގައި އުޅެން ތިބި ބައެއް. ކުރު ގޮތަކަށް ބުނާނަމަ އެއް ވިންދެއްޖަހާ ދެ ހަށިގަނޑެއް" ވިއާން ބުނެލިއެވެ. އަހަރެންނަށް އިސްޖެހުނެވެ.

"އެނގޭ މަލްއަށް އުނދަގުވާނެކަން. ކުއްލިއަކަށް ލަދުވެސް ނުކެނޑޭނެކަން. އެކަމަކު މަޑުމަޑުން ހުރިހާ ކަމެއް ހަމަޔަކަށް އެޅިދާނެ. އެކަމަކު އެއީ ދެމީހުންވެސް އެކަމަށް އެއްބާރުލުން ދިނިއްޔާ" ވިއާން ބުނެލިއެވެ.

މަލް،" އަހަރެންގެ ދަތްދޮޅީކޮޅުގައި އިނގިލި ޖައްސާފައި މައްޗަށް ހިއްލާލަމުން ވިއާން އަހަރެންނަށް ގޮވައިލިއެވެ. އެސްފިޔަތައް އުފުލައިލުމަށްފަހު އަހަރެން ވިއާނަށް ބަލައިލީމެވެ.

"އަހަރެން ހިޔާލެއް ދީފާނަން. މަލް ގަބޫލުކުރާނަންތަ؟" ވިއާން ބުނެލިއެވެ.

"އަހަރެން ބޯޖަހައިލީ ވިއާނަށް ބަލަހައްޓައިގެން ހުރެފައެވެ.

"މަލް، ދެލޯ މަރާލައިގެން ހުރޭ. ޖާދޫގެ ބާރުން އަހަރެން މަލް ގެންގޮސް އެނދަށް އަރުވާނަން" ވިއާން ބުނެލިއެވެ. އޭނާގެ އަޑުގައި ލޯތްބާ ސަމާސާ އެކުލެވިގެންވިއެވެ.

"އެ ކިހިނެއް؟" އަހަރެންނަށް އެހުނެވެ. އަހަރެން އެހެން ބުނުމުން ވިއާން ގާތްވެލީ އަހަރެންގެ ކަންފަތާއެވެ. އެއަށްފަހު އޭނާ އަހަރެންގެ ކަންފަތްދަށުގައި ބުނެލި ޖުމްލައަކުން އަހަރެންނަށް އިސްތިރި ކޮށްލެވިއްޖެއެވެ. ދުރަށް ޖެހެން އުޅެނިކޮށް ވިއާން އަހަރެންގެ އުނގަނޑުގައި ދެއަތުން ހިފައި ކައިރިކޮށްލިއެވެ. އަހަރެން ވިއާނަށް ބަލައިލާފައި އޭނާ އެދުނު ފަދައިން ދެލޯ މަރައިލީމެވެ. ހަމަ އެހިނދުގައި އަހަރެންގެ ދެލޮލުގައި ވިއާން ބޮސްދިން އިހުސާސްވިއެވެ.

އަހަރެންގެ ކޮންމެ އަންނައުނެއް ހަށިގަނޑާ ވަކިވެގެން ދިޔައިރު އަހަރެން ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. ދެފައި ތުރުތުރު އަޅަމުން ދިޔައިރު އެކަން ވިއާނަށް އިހުސާސްވާނެކަން ޔަގީނެވެ.

"ރިލޭކްސް މަލް" އަހަރެންގެ ނޭވާ އަވަސްވެއްޖެކަން އިނގުމުން ވިއާން ބުނެލިއެވެ.

"ދެން ލޯ ހުޅުވަބަލަ" ވިއާން ބުނެލިއެވެ. ދެލޯ ހުޅުވަން ޖެހުނީ ގަދަކަމުންނެވެ. އަހަރެން އަތަށް ވިއާން ދިނީ އަހަރެންގެ ހަށިގަނޑުން ވަކިކޮށްލި ހެދުމެވެ.

"މިވަރު ކަމެކޭ" ވިއާން ބުނެލިއެވެ.

"ދެން ހިނގާ ދާން. އަދިވެސް މިތަނުގަ ކޮޅަށް ހުންނަންތަ ބޭނުންވަނީ" ވިއާން ބުނެލިއެވެ. އަހަރެންނަށް ވިސްނުނެވެ. ވިއާން މިހާރުވެސް މިތަނުގައި ކޮޅަށް ހުންނަތާ ކިތަންމެ އިރެކެވެ. އަހަރެން އަވަސް އަވަހަށް އަތުގައި އޮތް ހެދުން އަލަމާރިއަށް ލާފައި ވިއާނާއެކު ހިނގައިގަތީމެވެ.

ވިއާން އެނދުގައި އޮތްއިރު އަހަރެން އޮތީ އޭނާގެ އަތްދަނޑި މަތީގައެވެ. އަހަރެންނާ މެދު ވިއާން ބަހައްޓާ ކޮންމެ ގާތްކަމެއްގައި އެކުލެވިގެންވާ އޯގާތެރިކަމާ އަޅާލުން އަހަރެންގެ ހިތުގައި އޭނާއަށް ލޯބި އެތައް ދަރަޖައެއް އުފުލިއްޖެއެވެ.

"އަހަރެން އަދި އަލަށްވެސް މަލް ތިހާ ކުރު ހެދުމެއްގަ ހުއްޓަ ނުދެކެން" ވިއާން ބުނެލިއެވެ.

"މީގެކުރިން ނުފެންނަ މަންޒަރެއްވެސް ފެނިއްޖެއްނު" އަހަރެން ބުނީމެވެ. އެހިނދު ވިއާން އަހަރެންނަށް ބަލައިލާފައި ހީލައިފިއެވެ.

މަލް، އަހަރެން ވާހަކައެއް ބުނަންތަ" ވިއާން ބުނެލިއެވެ. އަހަރެން ބޯޖަހައިލުމުން ވިއާން އަހަރެންނާ އިތުރަށް ގާތްވެލިއެވެ.

"އަހަރެން މަލްދެކެ ލޯބިވާވަރު ދެނެވޮޑިގެންވާނީ ހަމަ އެންމެ ފަރާތަކުން. އަހަރެންނަށް އިނގޭ އަހަރެމެންނަށް ކައިވެނި ކުރެވުނީ ކޮން ހާލަތެއްގަކަން. އަހަރެންނަށް އިނގޭ އަހަރެންގެ ފަރާތުން ވަކި ކަމަކަށް މަލް އެދިއެދި ހުރިކަން. ހަމަ އެ އިހުސާސްތައް އަހަރެންގެ ހިތުގައިވެސް ހިނގާ. އެކަމަކު ހާލަތު ނިޔާކުރާގޮތުން އަހަރެންނަށް އެ އުފަލެއް އަދި މަލްއަށް ހޯދައެއްނުދެވޭ. މިއަދު ޑިސްޗާޖުކުރުމުގެ ކުރިން ޑޮކްޓަރުން ވަކިން އަހަރެންނާ ބައްދަލު ކުރި. ޑޮކްޓަރުންނަށް އިނގޭ އަހަރެންގެ ކައިވެނި ކުރެވުނުކަން. އެމީހުން އަހަރެންނަށް ނަޞޭހަތެއްދިން. ހަށިގަނޑުގެ އެހެން ތަންތަނުގައި ހުރި ޒަހަމްތައް ރަނގަޅުވާން ފަށާފައި ހުއްޓަސް މި ފައިގައި ހުރިތަން އަދި ރަނގަޅެއްނުވޭ. މައްސަލައަކީ ނާރަކަށް ގެއްލުންވެފަ ހުރިކަން. ޑޮކްޓަރުން މަނާކުރި މާގިނައިން ހިނގުންވެސް ކޮޅަށް ހުރުންވެސް. އަދި ހަށިގަނޑު ވަރުބަލިވާ ކޮންމެ ކަމެއް ނުކުރަން ބުނި. އެމީހުން ލަފާކުރަނީ ތިންމަސް ދުވަހެއްހާ ފަހުން އަހަރެންނަށް ނޯމަލް ލައިފެއް ލިބޭނެ ކަމަށް" ވިއާން ވާހަކަދެއްކިއެވެ.

"ވިއާން، އަހަރެންނަށް ތިހުރިހާ ވާހަކައެއް ކިޔައިނުދިނަސް ހުރިހާ އެއްޗެއް ވިސްނޭ. އަހަރެންގެ ފިރިމީހާގެ ފަރާތުން އަހަރެން ބޭނުންވަނީ ވަގުތީ އުފަލެއް ނޫން. ދާއިމީ އުފާ. އެއްގޮތަކަށްވެސް ވިއާންގެ ހަށިގަނޑަށް އަނިޔާވެރިވާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެންނަށް އިނގޭ މިހާރުވެސް ވިއާނަށް ބޭނުމިއްޔާ އަހަރެންގެ ހަށިގަނޑުން ކޮންމެ އުފަލެއްވެސް ހޯދިދާނެކަން. އެކަމަކު އަމިއްލަ ހަށިގަނޑަށް ގެއްލުންވާ ކަމެއް ވިއާން ނުކުރާނެ. ތިންމަސް ކީއްކުރަން ތިން އަހަރުވެސް އަހަރެން ވިއާނަށްޓަކައި މަޑުކޮށްފާނަން. އަހަރެން މާ ލޯބިވޭ. މިހާރުވެސް ވިއާންގެ ފަރާތުން އަހަރެން ހީނުކުރާ ވަރަށް ލޯބި ލިބިއްޖެ" އަހަރެން ބުނީމެވެ. ވިއާން އަހަރެންގެ އަތްތިލައިގައި ބޮސްދިނެވެ.

"އަހަރެންނަށް އެނގޭ މީހަކު ވިސްނައިދިނުމަށް ވުރެ މާ ވިސްނޭ ކުއްޖެއްކަން އަހަރެންގެ މަލް އަކީ" ވިއާން ބުނެލިއެވެ.

"އެކަމަކު ބިރުގަނޭ. އަހަރެމެންގެ މި ގުޅުމަށް ޝައިތާނެއްގެ އުނދަގުވެދާނެތީ. ވިއާން އަހަރެންނާ ދުރަށް ހިނގައިދާނެތީ" އަހަރެން ބުނީމެވެ.

"ކީއްވެ ތިހެން ތިބުނީ؟" ވިއާން އެހިއެވެ. ޒިޔާންގެ ވާހަކަތައް ވިއާނަށް ކިޔައިދޭން އަހަރެން ބޭނުންވިއެވެ. އެހެން ނަމަވެސް ފަސްޖެހުނެވެ. އަހަރެންނަށް ހީވާ ހީވުން ގޯސްވެސް ވެދާނެއެވެ. ވިއާން ކައިރީގައި ޒިޔާންގެ ވާހަކަދައްކައިގެން އިތުރަށް ވިއާންގެ އުފާވެރިކަން ނަގާލަން އަހަރެން ބޭނުމެއް ނުވެއެވެ. ކޮންމެ ގޮތެއް ވިޔަސް މިހާރު އުޅެންޖެހިފައި މިވަނީ ޒިޔާނާ އެއް ގޭގައެވެ. ގޭގައި އެންމެން ހަމައަށް ތިބިހާ ހިނދެއްގައި ޒިޔާނަށް އަހަރެން ކައިރިއަކަށް ނާދެވޭނެއެވެ. އެހެން ނަމަވެސް އަހަރެން އުޅެންޖެހޭނީ ވަރަށް ފާރަވެރިވެގެންނެވެ.

"ކީއްވެ އެއްޗެއް ނުބުނީ؟" ވިއާން އެހިއެވެ.

"ކަމެއްނުވޭ. ދެން ހިނގާ ނިދަން" އަހަރެން ބުނީމެވެ.

މިނިޓަކަށްފަހު މިނިޓެއް، ގަޑިއަކަށްފަހު ގަޑިއެއް ފާއިތުވަމުން ގޮސް ދެމަސް ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. ކުރިއަށް ވުރެ ބޮޑަށް ވިއާން ރަނގަޅެވެ. އެހެންނަމަވެސް ހިނގާ ހިނގުމުގައި އަދިވެސް ކޮރެއް ޖަހައެވެ. އަސާގަނޑެއްގެ އެހީގައި ވިއާން ކުދިކުދި މަސައްކަތްވެސް ކުރެއެވެ. ވަޒީފާއަށް އަދި ނިކުމެވޭވަރު ނުވާތީ ހުރިހާ ވަގުތެއް ވިއާން ހޭދަކުރަނީ ގޭތެރޭގައެވެ.

ޒިޔާނާ އެއްގެއެއްގެ ތެރޭގައި އަހަރެންނަށް އުޅެންޖެހިފައި ވިޔަސް އަދިވެސް އަހަރެންގެ ފުރިހަމަ އިތުބާރު ޒިޔާނަށް ނުދެވެއެވެ. އެ ނުލަފާ ބެލުން އަހަރެންނަށް ނުފެންނަ ދުވަހެއް ނުދެއެވެ. މަދު ފަހަރެއްގައި ނޫނީ ޒިޔާން އަހަރެންނާ ވާހަކަދައްކަން މަސައްކަތެއް ނުކުރެއެވެ. އަހަރެން ޒިޔާނާ ވާހަކަނުދައްކަމެވެ. އެކަމަށް ގޭތެރެއިން އެއްވެސް މީހަކު ފާޑެއް ނުކިޔައެވެ. އަހަރެންނާ ޒިޔާންގެ ގުޅުން ރަނގަޅުކުރަންވެސް އެއްވެސް މީހަކު މަސައްކަތެއް ނުކުރެއެވެ.

ދަމުނަމާދަށް ހޭލާފައި އަހަރެންނަށް ފުރަތަމަވެސް ބަލައިލެވުނީ ގާތުގައި ނިދަން އޮތް ވިއާނަށެވެ. އެހެންރޭތަކާ ހިލާފަށް ކުރިން ހޭލެވުނީ އަހަރެންނަށެވެ. ފާހާނައިން ނުކުމެގެން އައިސް ލައިގެން ހުރި ނިދާ ހެދުން ބަދަލުކޮށްފައި މުސައްލަ ހިފައިގެން ހިނގައިތީމެވެ. މާބޮޑަށް ކަރުތެރެ ހިއްކާފައި ހުރުމުން ފެން ޖަގު ކައިރިއަށް ޖެހިލި އިރު އޭގައި ހުރީ ބައިތަށީ ފެނެވެ. ޖަގު ހިފައިގެން ނުކުންނަމުން ގަޑި ބަލައިލި އިރު ތިނެއްޖަހަން ދިހަ މިނެޓެއްހާއިރު ހުއްޓެވެ.

ބަދިގެއަށް ގޮސް ޖަގަށް ފެންއަޅައިގެން ނިކުތްތަނާ ކުއްލިއަކަށް ސިހިގެން ދިޔައީ އަހަރެންގެ ކުރި މައްޗަށް މީހަކު އެރިހެން ހީވެގެންނެވެ. އިސްއުފުލާ ބަލައިލި އިރު އަތުޖެހޭ ހިސާބުގައި ޒިޔާން ހުއްޓެވެ. މެންދަމުގެ އެވަގުތަށް ވެފައި ޒިޔާން ކައިރީގައި އަހަރެން އެކަނިން ހުރުމުން ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދުވެލިއެވެ. ޒިޔާން އަހަރެންނަށް ބަލަހައްޓައިގެން ހުރި ގޮތުން އުނދަގޫވެސް ވިއެވެ. ބަހެއް ނުކިޔާ އަހަރެން ހިނގައިގަތުމާއެކު ޒިޔާން އަހަރެންގެ ކުރި ބެއްދިއެވެ. ޒިޔާންގެ ނިޔަތް ގޯސްކަން އަހަރެންނަށް އެނގުނީ އެހިސާބުންނެވެ.

"މޮޔަވީތަ؟ އަހަރެން ދާން ތަންދައްކާ" އަހަރެން ބުނީމެވެ. ޒިޔާންގެ ތުންފަތަށް ވެރިވި ނުލަފާ ހިނިތުންވުން އަހަރެންގެ ހިތުގައި އުފެދުނު ބިރުވެރިކަން އިތުރު ކުރުވިއެވެ. މޫނުމަތިން ރުޅިވެރިކަން ފާޅުކޮށްގެން ހުއްޓަސް އަހަރެން ހިތް ބިރުގަންނަމުން ދިޔައެވެ.

"ކިހާ ދެރަކަމެއް؟ މީހަކަށް ނުގޮވަނިސް އަހަރެންގެ ކުރިމަތިން ދުރަށް ދޭ" އަހަރެން ބުނީމެވެ. ކިތަންމެ މަޑުން ބުނި ކަމުގައި ވިޔަސް އަހަރެންގެ އަޑުގައިވި ހަރުކަށިކަން ޒިޔާނަށް އިހުސާސް ކުރެވޭނެއެވެ. ބަހެއް ނުކިޔާ ޒިޔާން ނުލަފާ ގޮތަކަށް ހީލައިގެން ބަލަހައްޓައިގެން ހުރުމުން އަހަރެން އޭނާގެ ކުރިމަތިން ނެއްޓިގެން ކުރިއަށް ހިނގައިގަތީމެވެ.

ކުއްލިއަކަށް އަހަރެންނަށް ހަމަހޭވެރިކަމެއް ވިއިރު އަހަރެން ހުރީ ބަދިގެ އާ ސިޓިން ރޫމް ވަކިން ކުރަން ޖަހާފައި ހުރި ތަނބާ ޒިޔާނާ ދެމެދުގައި ތާށިވެފައެވެ. ގަދަހަދާފައިވެސް އަހަރެންނަށް ނިކުމެވޭނެ އެއްވެސް ޖާގައެއް ނެތެވެ. ޒިޔާން ހުރީ އަހަރެންގެ ހަށިގަނޑުގައި ޖެހޭނުޖެހޭ ހިސާބުގައެވެ.

(ނުނިމޭ)