ރާއްޖޭގައި ހިންގާ ނޫސްތަކުގެ އެޑިޓަރުން ހިމެނޭ އެޑިޓާސް ގިލްޑް ޖަމިއްޔާގެ ހިންގާ ކޮމިޓީ އިންތިހާބު ކޮށްފިއެވެ.

އޮންލައިންކޮށް މިއަދު ހަވީރު ބޭއްވި އެ ޖަމިއްޔާގެ ފުރަތަމަ ހިންގާ ކޮމިޓީގެ އިންތިހާބުގައި ރައީސްއާއެކު ޖުމުލަ ހަތް މެންބަރަކު އިންތިހާބު ކުރިއެވެ. އެ މެންބަރުން އިންތިހާބު ކުރީ ތިން އަހަރުގެ ދައުރަކަށެވެ.

އެޑިޓާސް ގިލްޑުގެ ރައީސް ކަމަށް އިންތިހާބު ކުރީ ސަން އޮންލައިންގެ އެޑިޓަރު އަހުމަދު ޒާހިރު މުހައްމަދު (ހިރިގާ ޒާހިރު) އެވެ.

ނައިބު ރައީސް (އިދާރީ) އަށް އިންތިހާބު ކުރީ "ވަން އޮންލައިން"ގެ އެޑިޓަރު ސިނާން އަލީއެވެ. ނައިބު ރައީސް (އެކަޑެމިކް) އަށް އިންތިހާބު ކުރީ "ދަ ޕްރެސް"ގެ އެޑިޓަރު އަލީ ޝަމްއާން އެވެ.

  • ސެކްރެޓްރީ ޖެނެރަލް - އިސްމާއިލް ނަސީރު, މިހާރު ނޫސް މެނޭޖިން އެޑިޓަރު
  • ޓްރެޝާރާ - މިދުހަތް އާދަމް, ރަސް އޮންލައިން, އެޑިޓަރު
  • ރިޓަޔާޑް ނޫސްވެރިންގެ ތެރެއިން - އިބްރާހިމް އުމަރު މަނިކު
  • ރިޓަޔާޑް ނޫސްވެރިންގެ ތެރެއިން - މުހައްމަދު އާސިފު (މޮންދު).

ރިޓަޔާޑް ނޫސްވެރީންގެ ތެރެއިން ހިންގާ ކޮމިޓީއަށް އިންތިހާބު ކުރި އިބްރާހިމް އުމަރު މަނިކަކީ ޕީއެސްއެމް ޗެއާމަން ކަމާއި ޗެނަލް 13 އާއި އަވަސްގެ ސީއީއޯކަން ކުރެއްވި ބޭފުޅެކެވެ. މުހައްމަދު އާސިފް (މޮންދު) އަކީ ޓީވީއެމް އަދި ވީޓީވީގެ ސީއޯއޯ ކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި ބޭފުޅެކެވެ.

އެޑިޓާސް ގިލްޑުގައި ހިމެނެނީ, ނޫސްވެރިކަމުގެ ދާއިރާގައި ދިހަ އަހަރަށްވުރެ ގިނަ ދުވަހު އެޑިޓަރު ކަމުގައި ނުވަތަ އެ ފަންތީގައި މިހާރުވެސް މަސައްކަތް ކުރި ރާއްޖޭގެ ނޫސްތަކުގެ އެޑިޓަރުންނެވެ.

އެޑިޓާސް ގިލްޑަކީ ނޫސްވެރިންގެ ހައްގުތައް ހޯދައިދިނުމަށް އަޑު އުފުލައި މިނިވަން ނޫސްވެރިކަމެއް ދެމެހެއްޓުމަށްޓަކައި ރަނގަޅު ހަރުދަނާ ރޫހެއް އުފެއްދުމާ އެކު، ނޫސްވެރީންގެ ތެރޭގައި އެއްބައިވަންތަކަމާއި އެކުވެރިކަމާއި އެއްބާރުލުން އުފައްދައި އާލާކޮށް ދެމެހެއްޓުމާ އެކު މީޑިއާގެ ތަރައްގީއަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ.

މީގެ އިތުރުން މިނިވަން ނޫސްވެރިކަމެެއް ކުރެވޭނެ ވެއްޓެއް ގާއިމުކުރުމާއި ކަމާ ބެހޭ ފަރާތްތަކާ ވާހަކަ ދައްކައިގެން ނޫސްވެރިންގެ ހައްގުތައް ހޯދައިދޭ ގާނޫނުތައް ހެދުމާއި އެއަށް އަމަލު ކުރޭތޯ ބެލުންވެސް އެ ޖަމިއްޔާ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ބޭރު ގައުމުތަކުގެ މީޑިއާ އެސޯސިއޭޝަންތަކާއި ޕްރެސް އެސޯސިއޭޝަންތަކާ ގުޅުން އުފައްދައި އެ ގުޅުން ބަދަހި ކުރުމާކީވެސް އެޑިޓާސް ގިލްޑުގެ މަގުސަދެކެވެ.

އެޑިޓާސް ގިލްޑަކީ ރާއްޖޭގައި ނޫސްވެރިކަމުގައި މަސައްކަތް އެޑިޓަރުން ހިމެނޭ އެންމެ އިސް ޖަމިއްޔާއެވެ.