ސަރުކާރަށް ފާޑުކިޔުން އަމާޒުކުރާ ތިން ވެބްސައިޓެއް ސަރުކާރުން ބްލޮކްކޮށްލާފައިވުމުން، މޯލްޑިލްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި އެޑިޓާސް ގިލްޑުން އެކަން ކުށްވެރިކޮށްފިއެވެ.
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސްގެ ދަށުން ހިންގާ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ވަނީ "ކުރުސީ.ކޮމް، ދިޔަވަރު.ކޮމް،" ބްލޮކްކޮށްފައެވެ. އެ ސައިޓުތައް ބްލޮކްކުރި ސަބަބެއްގެ ގޮތުގައި ރައީސް އޮފީހުން ބުނެފައިވަނީ، އެ ސައިޓުތައް ބްލޮކްކުރީ ރަޖިސްޓްރީ ކޮށްފައިނުވާތީ ކަމަށެވެ.
އެޑިޓާސް ގިލްޑުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ތަހުޒީބީ މުޖުތަމައުތަކުގައި، ހަބަރާއި މައުލޫމާތު ފެތުރުމަށް ބޭނުންކުރާ ވެބްސައިޓުތައް ކޮންމެހެން ރަޖިސްޓްރީކުރަން ނުޖެހޭ ކަމަށާއި 2000ގެ ކުރީކޮޅުން ފެށިގެން ރަޖިސްޓްރީނުކޮށް ރާއްޖޭގައި ވެސް އަންނަނީ ނޫސްތައް ހިންގަމުން ކަމަށެވެ. އަދި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ގާނޫނުގައި "މީޑިއާ" ބަލައިގެންފައިވަނީ، ރަޖިސްޓްރީނުކޮށް ހިންގާ ނޫސް މަޖައްލާތަކަކީ ވެސް ހަބަރާއި މައުލޫމާތު ފެތުރުމުގެ ވަސީލަތެއްގެ ގޮތުގައި ބަލައިގެން ކަމަށެވެ.
"އެހެންކަމާއެކު އެ ދެ ވެބްސައިޓު ބަންދު ކުރަން ޖެހުނު ސަބަބު ހާމަ ކުރުމަށާއި، ހާމަ ނުކުރާހާ ހިނދަކު އެ ދެ ސައިޓު އަލުން އޮޕަރޭޓް ކުރުމަށް ދޫކޮށްލުމަށް ވެސް ގޮވާލަން،" އެޑިޓާސް ގިލްޑުން ބުންޏެވެ.
އެޑިޓާސް ގިލްޑުން ބުނީ އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ އަދި ގާނޫނީ އިމުގެ ތެރެއިން ހިޔާލުފާޅު ކުރުމުގެ މިނިވަންކަން، ގާނޫނީ އަސާސީގެ 27 ވަނަ މާއްދާއިން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ކަމަށާއި ރަޖިސްޓްރީ ނުކޮށް ނޫސްތައް ހިންގާ މައްސަލަ ސަރުކާރުން ރަސްމީ ސިފައެއްގައި މަނާކޮށްފައިނުވާ ކަމަށެވެ. ސާބިތު ނުހިފޭ ވާހަކަ ހިމަނައި މީހުންގެ އަބުރު ކަތިލުމާއި ހަގީގަތް އޮޅުވާލުމަށް ދޮގު މައުލޫމާތު ފަތުރައިގެން ނުވާނެކަން ގަބޫލުކުރާ ކަމަށް ވެސް ބުންޏެވެ.
ހަމައާއެކު ތެދު މައުލޫމާތު ރައްޔިތުންނަށް ހަމައަށް ގެނެސްދިނުމަށް ދައުލަތުން ބާރު އަޅަންވާނެ ކަމަށާއި ދައުލަތުގެ އިދާރާތަކުން، މީޑިއާތަކަށް ހުރަސް އަޅައިގެން ނުވާނެ ކަމަށެވެ. އެކަން އެގޮތަށް ނުވެއްޖެނަމަ ހަގީގަތާ އެއްގޮތަށް މައުލޫމާތު ފޯރުކޮށްދޭ މީހުންނަށް، ރައްޔިތުންނާ ހަމައަށް ތެދު މައުލޫމާތު ފޯރުކޮށް ނުދެވޭނެ ކަމަށް ވެސް އެޑިޓާސް ގިލްޑުން ބުންޏެވެ.
އެމްޖޭއޭ އިން ބުނީ "ކުރުސީ.ކޮމް، ދިޔަވަރު.ކޮމް" އަދި ރަޖިސްޓްރީކޮށްގެން ހިންގާ ނޫހެއް ކަމަށްވާ "ފުރަތަމަ.ކޮމް" ބްލޮކްކުރުމަކީ، ރައްޔިތުންނަށާއި ނޫސްވެރިންނަށް ސަރުކާރުން ދިން ނުރައްކަލުގެ ރަނގަބީލެއް ކަމަށެވެ. އަދި އެއީ މައުލޫމާތު ލިބުމުގެ ހައްގާއި ނޫސްވެރިކަމުގެ މިނިވަންކަމަށް އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް، ސަރުކާރުން އެޅި ހުރަހެއް ކަމަށާއި އެއީ ޑިމޮކްރަސީއާ ބީރައްޓެހި ފިޔަވަޅުތަކެއް ކަމަށެވެ.
ސައްހަ ނޫން މައުލޫމާތާ ދެކޮޅަށް މަސައްކަތް ކުރުމަށް އެމްޖޭއޭ އިން ތާއީދުކުރާ ކަމަށާއި ނަމަވެސް ވެބްސައިޓް ބްލޮކްކުރުމަކީ ސައްހަ ނޫން މައުލޫމާތު ފެތުރުން ހުއްޓުވަން އޮތް ފަރުވާއެއް ނޫން ކަމަށް ބުންޏެވެ. ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑު ހިފެހެއްޓުމާއި ސައްހަ ނޫން މައުލޫމާތު ފެތުރުން ހުއްޓުވައި އެފަދަ ކަންކަމަށް ފިޔަވަޅު އެޅުމުގެ ޒިންމާ ގާނޫނުން މަތިކޮށްފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އަށް ކަމަށެވެ.
"ރަޖިސްޓާ ނުކޮށް ހިންގާ ނޫސްތަކަކީ ވެސް އެމްއެމްސީއަށް ރެގިއުލޭޓްކޮށް އެ ގާނޫނުން މީޑިއާގެ ގޮތުގައި ބަލައިގެންފައިވާ ނޫސްތަކަށްވާ އިރު، ވެބްސައިޓުތަކުގެ މައްސަލައެއް އުޅޭނަމަ، އެކަން ބަލައި ފިޔަވަޅު އެޅުމަކީ އެމްއެމްސީއަށް ގާނޫނު ލާޒިމު ކުރާ ކަމެއް. އެކަމުގެ ތެރެއަށް ސަރުކާރުން ވަދެ ބަސް ކިޔައި ފިޔަވަޅު އެޅުމަކީ ގާނޫނީ ނިޒާމު ތަރުތީބުކޮށްފައިވާ ގޮތެއް ނޫން،" އެމްޖޭއޭ އިން ބުންޏެވެ.
ސައްހަ ނޫން މައުލޫމާތު ފެތުރުން ހުއްޓުވޭނީ އާންމުން ހޭލުންތެރިކޮށް، ފެކްޓް ޗެކިންގެ މަސައްކަތް ޕްރޮފެޝެނަލްކަމާއެކު ކުރުމަށް ސަރުކާރުގެ ފަރާތުން އެހީ ލިބިގެން ކަމަށް އެމްޖޭއޭ އިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު