ޚަބަރު

ފުލިދޫގައި ލޯންޗެއް ގޮވައި އަނިޔާވި ކައްޕި އިތުރު ފަރުވާއަށް މާލެ ގެނެސްފި

މުއާވިޔަތު އަންވަރު

ވ. ފުލިދޫގައި ލޯންޗެއް ގޮވައި އަނިޔާވި ކައްޕި އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

އެ ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 8:30 ހާއިރުއެވެ. ފުލިދޫން "ވަން"އާ ވާހަކަ ދެއްކި މީހަކު ބުނީ، ލޯންޗު ގޮވާފައިވަނީ ހަތަރު ފަތުރުވެރިންނާއެކު އެކްސްކާޝަންއަކަށް ދާންވެގެން ތައްޔާރުވަމުން ދަނިކޮށް ކަމަށެވެ.

"ޖެޓީގައި ލޯންޗު އޮތީ. ތެޔޮ އަޅާލައިގެން ނައްޓާލަން ސްޓާޓު ކޮށްލި ގަޑީގައި މިކަމެއް މި ހިނގީ،" ހާދިސާގެ މައުލޫމާތު އެނގޭ ފަރާތަކުން ކިޔައިދިނެވެ.

އޭނާ ބުނީ، 115ގެ އިންޖީނެއް އަޅާފައި އޮތް 20 އަކަށް ފޫޓުގެ އެ ލޯންޗު ގޮވީ ޕެޓްރޯލް ޓޭންކުން އާވި ބޭރު ނުވުމުގެ ސަބަބުން ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

"އާވި ބޭރު ނުވެ ސްޓާޓު ކޮށްލި ގަޑީގައި ބެޓްރީން ދިލަކަނި ބުރައިގެން މި ގޮވީ. އެ ގަޑީގައި ލޯންޗާއި ހިޔާގަނޑުވެސް ވަކިވެގެން ދިޔައީ،" އޭނާ ކިޔައިދިނެވެ.

ހާދިސާ ހިނގި ވަގުތު ކައްޕިގެ އިތުރުން ލޯންޗުގައި ތިބީ ހަތަރު ފަތުރުވެރިންނާއި ބިދޭސީ ގައިޑެކެވެ. ހާދިސާގައި އެންމެ ބޮޑަށް އަނިޔާވެފައި ވަނީ ކައްޕިއަށެވެ. ކައްޕި ނެގީ ޖެޓީ ދަށުން ކަމަށް "ވަން" އަށް މައުލޫމާތު ދިން މީހާ ކިޔައިދިނެވެ.

ފުލިދޫ ސިއްހީ މަރުކަޒުގެ މެނޭޖަރު މޫސާ ފާރިސް ވިދާޅުވީ، ހާދިސާއާ ގުޅިގެން ހަ މީހުންވެސް ފަރުވާއަށް އެ މަރުކަޒަށް ގެންދިޔައެވެ. ނަމަވެސް ކައްޕި ފިޔަވައި ދެން ތިބި މީހުން މިހާރު ވަނީ ފަރުވާއަށްފަހު ދޫކޮށްލައިފައެވެ.

"ކައްޕިގެ ހާލުވެސް ސްޓޭބަލް. އެކަމަކު އެތެރެހައްޓައް ލިބިފައި ހުރީ ކިހާވަރެއްގެ ގެއްލުންތަކެއް ކަމެއް ބުނާކަށް ނޭނގޭ. އެހެންވެ މިއަދު 11:45 ހާއިރު ސީއެމްބިއުލައިންސްގައި ވަނީ މާލެ ފޮނުވާލާފައި،" މޫސާ ފާރިސް ވިދާޅުވިއެވެ.