ސަރުކާރުން އިއުލާނުކޮށްފައިވާ "ގެދޮރުވެރިޔާ ލޯން" ސްކީމަށް މިހާތަނަށް ކަނޑައަޅާފައިވަނީ 150 މިލިއަން ރުފިޔާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ފައިނޭންސިން ޕްރޮގްރާމެއްގެ ގޮތަށް ގެންދިޔަ ނަމަވެސް އެހެނިހެން ޕްރޮޖެކްޓަތަކާ ހިލާފަށް ގެދޮރުވެރިޔާ މަޝްރޫއު ތަފާތުވާނެ ކަމަށެވެ.
"މިއަހަރުގެ ތެރޭގައި 175 މިލިއަން މިހާރު ޕޫލް ކޮށްގެން މި ޕްރޮޖެކްޓް ފަށަނީ. އެޗްޑީއެފްސީ މި މަސައްކަތް ކުރާ ގޮތަށް ފައިނޭންސިން ޕްރޮގްރާމެއްގެ ގޮތަށް މިކަން ހިންގޭ ކަމަށްވަންޏާ މިއަށް އަނބުރާ އެހެން ބޭފުޅުން ނަގާ ލޯނަށް ދައްކާ ފައިސާއިން ވެސް ވަންނާނެ އަދި ސަރުކާރުން ވެސް އިތުރަށް އިންޖެކްޓް ކުރަމުން ގެންދާނެ،" މަބްރޫކް ވިދާޅުވި އެވެ.
އެއް އަހަރު ކުރިއަށް ގެންދިއުމަށްފަހު ނިންމާލުމުގެ ވިސްނުން ނެތްކަން ފާހަގަކޮށް މަބްރޫކް ވިދާޅުވީ، އެ ޕްރޮގްރާމްގެ ތެރެއިން އިތުރު ފަރާތްތަކަށް ވެސް ލޯނު ދެމުން ގެންދާނެ ކަމަށެވެ. އަދި މިހާރު ހަތް ލައްކައާ ހަމައަށް ލޯނު ދޫކުރި ނަމަވެސް އެ އަދަދަށް ވެސް ބަދަލުތަކެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ލޯންތަކުގެ އިންޓަރެސްޓް ރޭޓަކީ ހަ ޕަސެންޓެވެ. އަދި ލޯނު އަނބުރާ ދައްކަން ޖެހޭނީ ގިނަ ވެގެން 20 އަހަރުގެ މުއްދަތަކަށް ބަހާލައިގެންނެވެ.
ގެދޮރުވެރިޔާ ލޯން ސްކީމްގެ ލޯން ދޫކުރާނީ އަމިއްލަ ގޯތީގައި އަލަށް ގެއެއް އަޅަން ނުވަތަ ނުނިމި ހުރި މަސައްކަތްތައް ކުރުމަށް ނުވަތަ ގެ އިމާރާތް ކުރުމަށެވެ. އަދި މީގެ ގްރޭސް ޕީރިއަޑަކީ 12-15 މަހުގެ މުއްދަތެކެވެ.
ގެދޮރުވެރިޔާ ލޯނު ސްކީމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެކަމަށް އެދޭ ފޯމު ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ ވެބްސައިޓުން ލިބޭނެ އެވެ. އަދި ލޯނާ ގުޅޭ މައުލޫމާތު ހޯދުމަށް ތިން ފޯނު ނަންބަރެއް ހާއްސަކޮށްފައިވެ އެވެ. އެއީ 3000132، 3000131 އަދި 3000117 އެވެ.
ޚަބަރު
ޚަބަރު
ޚަބަރު