މަޝްހޫރު ބޮލީވުޑް ތަރި ކިޔާރާ އަދްވާނީ އެންމެ ކުޅެލަން ބޭނުންވަނީ މަދޫބާލާގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމެއް ކަމަށް އޭނާ ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ ބޮލީވުޑުގައި ހަތް އަހަރު ފާހަގަކުރުމުގެ ގޮތުން ފޭނުން ބޭނުން ސުވާލެއް ކުރުމަށް އިންސްޓަގްރާމުގައި ކުރިއަށް ގެންދިޔަ ލައިވް ސެޝަނެއްގައެވެ.

ކިޔާރާއާ ސުވާލުކުރުމަށް ހުޅުވާލި ފުރުސަތުގައި ގިނަ ބަޔަކު ވަނީ ތަފާތު ވާހަކަތައް އޭނާ ގާތުގައި އަހައިފައެވެ. އެންމެ ކުޅެލަން ބޭނުންވަނީ ކޮން ރޯލެއްތޯ ފޭނަކު ސުވާލުކުރުމުން މަދޫ ބާލާގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމެއް ކުޅެލަން ވަރަށް ބޭނުންވާ ކަމަށާއި އެއީ ދެކޭ ހުވަފެނެއް ކަމަށް ކިޔާރާ ވަނީ ބުނެފައެވެ.

ކިޔާރާ ވަނީ ބޮލީވުޑްގައި ހަތް އަހަރު ހިފަހައްޓައިލެވުނުއިރު މިހާތަނަށް އޭނާކުރި ތަޖުރިބާތަކުގެ ވާހަކަވެސް ކޮންމެވެސް ވަރަކަށް ދައްކައިފައެވެ. އިންޑިއާގެ އެކި ކަންކޮޅުތަކުން އޭނާއަށް ސަޕޯޓުކުރާ 40 ފޭން ޕޭޖަކުން ވަނީ ކިޔާރާގެ ކާމިޔާބު 7 އަހަރު ފާހަގަކުރުމުގައި ބައިވެރި ވެފައެވެ.

''ފަގްލީ''، ''އެމްއެސް ދޯނީ''، ''ލަސްޓް ސްޓޯރީސް''، ''ކަބީރް ސިންގް''، އަދި ''ގުޑް ނިއުސް'' ފަދަ ފިލްމުތަކުގައި ދައްކައިދީފައިވާ މޮޅު ހުނަރުން، ކިޔާރާ ވަނީ ބެލުންތެރިންގެ ލޯބި ހޯދައިފައެވެ.

ކުރިއަށްވެސް އޭނާގެ ގިނަ ފިލްމްތަކެއް ހުރި އިރު އޭގެ ތެރޭގައި ''ޝޭރްޝާހް''، ''ބޫލްބުލައްޔާ2''، ''ޖުގް ޖުގް ޖިޔޯ'' ހިމެނެ އެވެ.

އެންމެފަހުން ކިޔާރާ ފެނިގެން ގޮސްފައިވަނީ ކޮމެޑީ ފިލްމު ''އިންދޫ ކީ ޖަވާނީ" އިންނެވެ.