ކ. މާފުށީގެ މޮނީޓަރިންގެ ހާލަތު އުވާލައި ރަށް އާންމު ހާލަތަށް ގެނެސްފިއެވެ.
ކޮވިޑްގެ އަލާމާތްތައް ހުރެގެން ފުލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވެ މާފުށި މޮނީޓަރިން އަށް ލާފައިވަނީ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުއެވެ.
މާފުށި ހެލްތު ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓާ އޮފް ހެލްތު ސާވިސަސް ސަލްމާން ރަޝީދު މިއަދު "ވަން" އަށް ވިދާޅުވީ ދޮޅު މަސް ދުވަހަށްވުރެ ގިނަ ދުވަސް ފަހު އެރަށް މިއަދު މޮނީޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެރަށުން ޖުމުލަ 621 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އޭގެ ތެރެއިން މިހާރު އެކްޓިވް ކޭސްގެ ގޮތުގައި އޮތީ ހަ ކޭސް ކަމަށެވެ. މި ބަލީގައި އެރަށުން ވަނީ ދެ މީހަކު މަރުވެފައެވެ.
ސަލްމާން ވިދާޅުވީ އެރަށުން ޖުމުލަ 2700 ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި ރެންޑަމްކޮށް 678 ސާމްޕަލެއް ނަގާފައިވާ ކަމަށެވެ. އަދި އެކަމުގައި ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ދިޔަ ކަމަށްވެސް ވިދާޅުވިއެވެ.
މާފުށި އާންމު ހާލަތަށް ގެނެސްފައިވާއިރު، އަދިވެސް އަތޮޅު ތެރޭގެ ގިނަ ރަށްތަކެއް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ. އެގޮތުން އެންމެ ގިނަ މީހުން ޕޮޒިޓިވްވި ޅ. ނައިފަރާއި ބ. އޭދަފުށިވެސް އަދިވެސް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު