މާލެއިން އަތޮޅުތަކަށް ދަތުރު ކުރުމުގައި ކުރިއަށް އޮތް ދެ ހަފުތާގައި ލުޔެއް ދޭން ނިންމާފައި ނުވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފްތާއަށް ބައެއް ލުއިތައް ދޭން ނިންމި ނަމަވެސް މާލެއިން އަތޮޅުތަކަށް ދަތުރު ކުރުމުގައި ލުޔެއް ދޭން ނިންމާފައި ނުވާ ކަމަށެވެ.

"ރާއްޖޭގެ އެތެރޭގައި މިކުރާ ދަތުރުފަތުރަކަށް ކުރިއަށް އޮތް ދެ ހަފްތާގައި އިތުރު ބަދަލެއް ނެތް" ޑރ. ނަޒްލާ ވިދާޅުވިއެވެ.

އަތޮޅުތެރޭގައިވެސް ހަލުވިކަމާއެކު ކޮވިޑް ފެތުރޭތީ ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ. އަދި ވެކްސިންގެ ޑޯޒް ފުރިހަމަ ކުރި ކަމުގައިވިޔަސް ކަރަންޓީން ނުވެ ދަތުރުކުރެވޭ އުސޫލައް އަމަލު ކުރުންވެސް ވަނީ މަޑުޖައްސާލައިފައެވެ.

އަތޮޅުތެރެއަށް ދަތުރުކުރުމަށް ލުއިތައް ނުދިން ނަމަވެސް މާލޭ ސަރަހައްދައް ވަނީ ބައެއް ލުއިތައް ދޭން ނިންމާފައެވެ. އެގޮތުން ކާފިއުގެ ވަގުތު އަނެއްކާވެސް 12 ގަޑިއިރަށް ބަދަލު ކުރުމާއި، މިސްކިތްތައް ހުޅުވާލުމާއި ކަސްރަތު ކުރަން ނުކުތުމުގެ ފުރުސަތު ދިނުން ހިމެނެއެވެ.