ރާއްޖެއިން ކޮވިޑްގެ ގިނަ ވޭރިއަންޓްތަކެއް ފެނިފައިވާ ކަމަށާއި އެންމެ ގިނައީ އިންޑިއާ އިން ފެނުނު ނުރައްކާތެރި ޑެލްޓާ ވޭރިއަންޓާއި އިނގިރޭސިވިލާތުން ފެނިފައިވާ އަލްފާ ވޭރިއަންޓް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ރާއްޖޭގައި އުޅޭ ވޭރިއަންޓްތައް ދެނެގަތުމަށްޓަކައި ބޭރަށް ތިން ފަހަރެއްގެ މަތިން ސީކުއެންސް ފޮނުވާފައިވާ ކަމަށާއި އެންމެ ފަހުން ފޮނުވީ 30 ސާމްޕަލް ކަމަށެވެ. އޭގެ ނަތީޖާ ލިބިފައިވާއިރު ގިނަ ވޭރިއަންޓްތަކެއް ރާއްޖޭގައި އުޅޭކަން ފާހަގަ ކުރެވޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"އެގޮތުން 20 ޕަސަންޓް އަލްފާ ވޭރިއަންޓް އެއީ ޔޫކޭގައި މިދިޔަ އަހަރުގެ ޑިސެންބަރުގައި ފެނުނު ވޭރިއަންޓް. އޭގެ އިތުރަށް 27 ޕަސަންޓް ޑެލްޓާ ވޭރިއަންޓް ފެނިފައި އެބަވޭ. ދިވެހީންނާއި ބޭރު މީހުންވެސް އެބަ ހިމެނޭ. އެއީ އިންޑިއާގައި އެންމެ ފަހުން ފެނުނު އެންމެ ހަލުވި ކަމާއެކު ފެތުރޭ ވޭރިއަންޓް. ދެން އެނޫން ވޭރިއަންޓްތައްވެސް ފެނިފައި އެބަހުރި،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރާއްޖެ ހިމެނޭހެން ދުނިޔޭގެ 74 ގައުމަކުން އިންޑިއާ ވޭރިއަންޓް ފެނިފައިވާއިރު ޔޫކޭ ވޭރިއަންޓް 50 ގައުމަކުން ފެނިފައިވެއެވެ.

ޑެލްޓާ ވޭރިއަންޓާއި އަލްފާ ވޭރިއަންޓްގެ އިތުރުން ޖީ ވޭރިއަންޓާއި ޖީއާރް ވޭރިއަންޓުގެ އިތުރުން ސަބް ލިނޭޖް (ޕެރޫ އަދި ޗިލީ) ވޭރިއަންޓްވެސް ރާއްޖެއިން ފެނިފައިވެއެވެ.

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ، ރާއްޖޭގައިވެސް ވައިރަސް މިއުޓޭޓްވެ އާ ވޭރިއަންޓެއް އުފެދުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އާ ވޭރިއެންޓަކުން ރައްކާތެެރިވެވޭނީ ކޮވިޑްގެ ނަންބަރުތައް ތިރިކޮށްގެން ކަމަށެވެ.

ކޮވިޑް 19ގެ އާ ވޭރިއަންޓް އުފެދެނީ ވައިރަސް މިއުޓޭޓް ވެ ނުވަތަ ވައިރަހުގެ އަސްލަށް ބަދަލު އައިސް އޭގެ ސަބަބުން ވައިރަސް މަސައްކަތްކުރާ ނިސްބަތަށް ބަދަލު އައިސްގެންނެވެ. އާ ވޭރިއަންޓް އުފެދުމުގައި މިއުޓޭޓް ވުމުގެ ސަބަބުން ބައެއްފަހަރު ވައިރަސްގެ ބާރު ދަށް ވެދާނެ އެވެ. އަދި ބައެއްފަހަރު ވޭރިއަންޓްގެ ސަބަބުން ވައިރަހުގެ ބާރު ގަދަވެ ފެތުރޭ ނިސްބަތް ހަލުވިވެސް ވެދާނެއެވެ.