Close
ޚަބަރު

ތިން މަސްތެރޭ ކުޅުދުއްފުށީ ހޮސްޕިޓަލުގައި 500 އަށްވުރެ ގިނަ އެމްއާރްއައި ހަދައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ތިން މަސް ތެރޭގައި 500 އަށްވުރެ ގިނަ އެމްއާރުއައި ސްކޭން ހަދައިފިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ހެލްތު ސާވިސަސް މެނޭޖަރު އަހްމަދު ދާއޫދު މިއަދު ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ތިން މަސް ތެރޭގައި 500 އަށް ވުރެގިނަ އެމްއާރުއައި ސްކޭން ހަދާފައިވާ ކަމަށާއި ބައެއް ދުވަސްވަރު 100 އަށްވުރެ ގިނަ މީހުން ވެއިޓްލިސްޓް ކުރާ ކަމަށެވެ. އަދި މިހާރުވެސް ހަތް މީހަކު ވެއިޓްލިސްޓް ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއީ އެ ހޮސްޕިޓަލަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި ނަމަވެސް މި ހިދުމަތް ދިނުމުގައި ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އެގޮތުން އެކަށީގެންވާ ވަރަށް އެމްއާރުއައި ޓެކްނީޝަނުންނާއި ރޭޑިއޮގުރާފަރުން ނެތުމުން ދަތިވާ ކަމަށެވެ. އަދި އެކްސްރޭއާ އެމްއާރުއައިއާ ސީޓީ އަދި މެމޯގުރާމް ނެގުމަށް އެކަށީގެންވާ ޕޫލެއް ބޭނުންވާ ކަމަށްވެސް ވިދާޅުވިއެވެ.

"އިތުރު ރޭޑިއޮގުރާފަރުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުން މި ގެންދަނީ،" ދާއޫދު ވިދާޅުވިއެވެ.

ދާއޫދޫ ވިދާޅުވީ ރިޕޯޓް ތައްޔާރު ކުރަނީ ބޭރުގެ ކުންފުންޏަކާ ގުޅިގެން ކަމަށާއި ޓާގެޓަކީ 72 ގަޑިއިރުގެ ތެރޭގައި ރިޕޯޓް ދޫކުރުން ކަމަށެވެ. އަދި މަސައްކަތް ކުރަނީ އެމްއާރުއައި ނަގާ ދުވަސް ނޫން އަނެއް ދުވަހު ރިޕޯޓް ދޫކުރަން ކަމަށްވެސް ވިދާޅުވިއެވެ.

"ނަމަވެސް ރޭޑިއޮލޮޖިސްޓު ރިޕޯޓް ޗެކް ކޮށްފައި ދޫ ކުރާއިރު ބައެއް ފަހަރަށް ކުޑަ ލަސްކަމެއް އާދޭ. ރިޕޯޓް އަވަހަށް ދޫކޮށް ހިދުމަތް އިތުރަށް ސްޓްރީމްލައިން ކުރުމަށް މަސައްކަތް ކުރާނަން،" ދާއޫދު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ސިއްހީ ހިދުމަތް ޓާޝިއަރީ ފެންވަރަށް ގެނެސްދިނުމަށް ހިންގާ ޕްރޮޖެކްޓަކީ ވަރަށް ވެސް މުހިންމު ޕްރޮޖެކްޓެއް ކަމަށާއި މި ހިދުމަތް ފެށިގެން ދިއުމަކީ ރައްޔިތުންނަށް ވަރަށް ބޮޑަށް ލުއި ފަސޭހަކަމެއް ލިބިގެން ދިޔަ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އެމްއާރުއައިގެ ހިދުމަތް ދޭން ފަށާފައިވަނީ މިދިޔަ މާޗް މަހުގެ 15 ވަނަ ދުވަހުއެވެ. މި ޕްރޮޖެކްޓަށް 23 މިލިއަންވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.