ޔޫރޯ 2020 ގެ ގްރޫޕް ޑީގެ ދެވަނަ މެޗުގައި މިއަދު ސްކޮޓްލޭންޑް ނުކުންނާނީ ޗެކު ރިޕަބްލިކާ ދެކޮޅަށެވެ. އެ ގްރޫޕްގެ ފުރަތަމަ މެޗުގައި ސްކޮޓްލޭންޑްގެ ވާދަވެރި އިންގްލެންޑް ވަނީ ކްރިއޭޝިއާ ބަލިކޮށްފައެވެ.
ސްކޮޓްލޭންޑަކީ އިންގްލެންޑާއެކު އެންމެ ޒަމާންވީ ފުޓުބޯޅަ ޓީމުގެ ގޮތުގައި ލިޔެވިފައިވާ ޓީމެކެވެ. 1872 ވަނަ އަހަރު އިންގްލެންޑާއި ސްކޮޓްލޭންޑް ވާދަކުރި އެކުވެރިކަމުގެ މެޗަކީ އެންމެ ފުރަތަމަ ދުނިޔޭގައި ބައިނަލްއަގުވާމީ ގޮތުން ގައުމީ ދެ ޓީމެއް ކުޅުނު މެޗެވެ. އެހިސާބުން އިނގިރޭސިންނާ ޒަމާންވީ ވާދަވެރިކަމެއް ފުޓުބޯޅައިގައި އުފެދިފައިވާއިރު، ވަރުގަދަ މުބާރާތްތަކުގައި ސްކޮޓްލޭންޑަށް އިންގްލެންޑާ ވާދަކުރާން ޖެހެނީ މަދު ފަހަރަކުއެވެ.
މިހާތަނަށް ވޯލްޑް ކަޕްގައި އަށް ފަހަރު އަދި ޔޫރޯގައި ތިން ފަހަރު ސްކޮޓްލޭންޑް ކުޅެފައިވާއިރު، އެއްވެސް ބޮޑު މުބާރާތަކުން ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވިފައެއް ނުވެއެވެ. އަދި މިއަހަރުގެ ޔޫރޯއަކީ 1998 ވަނަ އަހަރަށްފަހު ސްކޮޓްލޭންޑުން ކުޅޭ ފުރަތަމަ ބޮޑު މުބާރާތެވެ. އެ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ސްކޮޓްލޭންޑް ވަކިވެގެން ގޮސްފައި އޮތުމަށްފަހު މިއަދު ޗެކު ރިޕަބްލިކާ ދެކޮޅަށް ހޭމްޑެން ޕާކުގައި ސްކޮޓްލޭންޑް ނުކުންނާނީ އުންމީދުތަކަކާ އެކުގައެވެ.
"ޗެކަކީ އިންގްލެންޑާ ކްރޮއޭޝިއާއާ ތަފާތު ޓީމެއް. އެހެންވީމަ ޓީމު ނަގާއިރުވެސް ސަމާލު ވާން ޖެހޭ. އެކަމަކު ޓީމާ ދޭތެރޭ ހިތްހަމަ ޖެހޭ. އަހަންނަށް އޮތް އިތުބާރަކީ ކޮންމެ ކުޅުންތެރިއެއް މެޗަށް ނެގި ނަމަވެސް، އޭގެން ކޮންމެ ކުޅުންތެރިޔަކުވެސް ގައުމަށްޓަކައި 100 ޕަސެންޓް ދީ ތަފާތު ދައްކާނެކަން. އެއީ ކޯޗަކަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުން. ޓީމުގެ ހުރިހާ ކުޅުންތެރިންނަށް އަހަރެން އިތުބާރު ކުރަން. އެއީ ހާއްސަ ކަމެއް،"
"އަހަރެމެންނަށް އެނގޭ ސްކޮޓްލޭންޑްގެ ނުރައްކާ. ވަން ޓޫ ވަންގައި ވަރުގަދަ ވާނެ، ކައުންޓާ އެޓޭކްގައި ނުރައްކާ ބޮޑުވާނެ. ސްކޮޓްލޭންޑް ކައިރީ ސަލާމަތްވާނީ ހަމަ ސީދާ 90 މިނެޓް ހިފަހައްޓައިގެން. އެކަމަކު އެޓޭކިން ސްޓައިލް ދޫކޮށެއް ނުލާނަން. އެއީ އަހަރެމެންގެ ސްޓައިލް. އެކަމަކު ހައި ޕްރެސްކޮށް ޓީމު ނުކުޅޭނެ. ޓެކްޓިކަލީ މެޗު ނަގަން އަހަރެމެންނަށް އެނގޭ. އެކަންކަން ކުރާނަން."
ޗެކު ރިޕަބްލިކާއި ސްކޮޓްލޭންޑް ވަނީ މީގެ ކުރިން ނުވަ މެޗުގައި ވާދަކޮށްފައެވެ. ދެޓީމުގެ ނަތީޖާތައް ފެނުނީ ދާދި ހަމަހަމަ ކޮށެވެ. ސްކޮޓްލޭންޑައި ޗެކު ރިބަޕްލިކްވެސް ހަތަރު މެޗު ކާމިޔާބު ކޮށްފައި އޮތްއިރު، އެއްވަރު ވެގެން ނިމުނީ އެއް މެޗެވެ. ދެޓީމު ގްލެސްގްލޯގެ ހޭމްޑެން ޕާކުގައި ކުޅޭ މެޗު އޮންނާނީ ރާއްޖެ ގަޑިން 18:00 ގައެވެ.