އިސްރާއީލުގެ މަޖިލީހުން އާ ސަރުކާރަށް ރުހުންދީ، ބޮޑުވަޒީރުކަމުގެ މަގާމުން ބެންޖަމިން ނަތަންޔާހޫ ދުރުކޮށްފިއެވެ.

އައު ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވަން ހަމަޖެހިފައިވާ ނަފްތަލީ ބެނެޓާއި ދެކޮޅަށް އިދިކޮޅު ލީޑަރެއްގެ ގޮތުގައި ދެމިހުންނަވާނެކަމުގައި ނަތަންޔާހޫ ވަނީ ވިދާޅުވެފައެވެ.

އިސްރާއީލުގެ މަޖިލީހުގައި މިއަދު ނެގި ވޯޓުގެ ނަތީޖާގައި 59-60 އިން އެންމެ ވޯޓެއްގެ ތަފާތުން މިވަނީ އައު ސަރުކާރަށް ރުހުން ލިބިފައެވެ.

އަށް ޕާޓީއެއްގެ މައްޗަށް އެކުލެވިގެންވާ އައު ސަރުކާރުގައި ބޮޑުވަޒީރުކަން ފުރަތަމަ ދެ އަހަރު ކުރައްވަން ހަމަޖެހިފައިވަނީ ނަފްތަލީ ބެނެޓެވެ. އަދި އެއަށްފަހު މަގާމާއި ސެންޓްރިސްޓް ޕާޓީގެ ލީޑަރު ޔާޔަ ލަޕިޑު ހަވާލުވެލައްވާގޮތަށް ވަނީ ކޯލިޝަން އެއްބަސްވުމަކަށް އައިސްފައެވެ.

މީގެ އިތުރުން ސަރުކާރުން މިވަނީ ސެންޓްރިސްޓް ޕާޓީގެ ފަރާތުން ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މިކީ ލިވީ، އައު ސަރުކާރުގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރައްވާފައެވެ. މީގެ ކުރިން ޕޮލިސް އޮފިސަރެއްގެ މަގާމު އަދާކުރައްވާފައިވާ 69 އަހަރުގެ ލިވީ އަކީ ދެވަނަ އިންތިފާދާގައި ނުވަތަ 2000 ވަނަ އަހަރު ފަލަސްތީނު ރައްޔިތުން ކުރިއަށް ގެންދިޔަ މުޒާހަރާތަކާއި ދެކޮޅަށް ބައިތުލް މަގުދިސްގައި އިސްރާއީލު ސިފައިންނަށް ކޮމާންޑު ކުރެއްވި ފަރާތެވެ. އޭގެ ފަހުން ވޮޝިންޓަނުގައި ހުންނަ އިސްރާއީލު އެމްބަސީގައި ހިދުމަތްކުރައްވާފައިވެ އެވެ.