އަވަށްޓެރި އިންޑިއާ އިން ފެނިފައިވާ ކޮވިޑްގެ އެންމެ ނުރައްކާތެރި ވޭރިއަންޓް ރާއްޖޭގައި އުޅޭ ކަމަށް ބެލެވޭ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.
އިންޑިއާ އިން ފެނިފައިވާ ކޮވިޑްގެ ނުރައްކާތެރި ވޭރިއެންޓަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ދީފައިވާ ނަމަކީ ޑެލްޓާ ވޭރިއަންޓެވެ.
ފަހަކަށް އައިސް ހައިރިސްކު ކެޓަގަރީގައި ނުހިމެނޭ މީހުންނަށް ވެސް ރާއްޖެއިން ކޮވިޑް ޖެހިގެން ބޮޑުވަރު ވެ އެވެ. އަދި އެފަދަ ބައެއް މީހުން ވަނީ ފަރުވާދެމުން ދަނިކޮށް މަރުވެފަ އެވެ.
ޑރ. ފައިސަލް "ވަން" އަށް މިއަދު ވިދާޅުވީ، ރާއްޖޭގައި މިހާރު ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަކީ ޑެލްޓާ ވޭރިއަންޓްގެ ސަބަބުން ކޮވިޑަށް ޕޮޒިޓިވްވާ މީހުން ކަމަށް ބެލެވޭ ކަމަށެވެ. އޭގެ ސަބަބެއް ކަމުގައި ޑރ. ފައިސަލް ވިދާޅުވީ، ބަލި ފެތުރޭ މިންވަރު އިތުރުވުމާއި ބަލީގައި ހާލު ސީރިއަސްވާ މީހުންގެ އަދަދު އިތުރުވުމެވެ.
"މިދިޔަ އަހަރަށް ބަލައިފިނަމަ ބަލީގައި އެހާ ގިނަ ބަޔަކު ސީރިއަސްވެފައެއް ނުވޭ. ނަމަވެސް މިހާރު މިފެންނަނީ ގެއެެއްގެ ތެރެއަށް ވައިރަަސް ވަދެއްޖެނަމަ އެގޭގެ އެންމެން ޕޮޒިޓިވްވާތަން. މާބަނޑު މީހުންނާއި ކުޑަކުދިންނަށްވެސް ކޮވިޑް ޖެހޭ މިންވަރު މިވަނީ އިތުރުވެފައި،" ޑރ. ފައިސަލް ވިދާޅުވި އެވެ.
ކޮވިޑް 19ގެ އާ ވޭރިއަންޓް އުފެދެނީ ވައިރަސް މިއުޓޭޓް ވެ ނުވަތަ ވައިރަހުގެ އަސްލަށް ބަދަލު އައިސް އޭގެ ސަބަބުން ވައިރަސް މަސައްކަތްކުރާ ނިސްބަތަށް ބަދަލު އައިސްގެންނެވެ. އާ ވޭރިއަންޓް އުފެދުމުގައި މިއުޓޭޓް ވުމުގެ ސަބަބުން ބައެއްފަހަރު ވައިރަސްގެ ބާރު ދަށް ވެދާނެ އެވެ. އަދި ބައެއްފަހަރު ވޭރިއަންޓްގެ ސަބަބުން ވައިރަހުގެ ބާރު ގަދަވެ ފެތުރޭ ނިސްބަތް ހަލުވިވެސް ވެދާނެއެވެ.
ރާއްޖޭގައި އުޅޭ ވޭރިއަންޓްތަކާއި ގުޅޭ މައުލޫމާތު މާދަމާގެ އެޗްއީއޯސިގެ ޕްރެސް ކޮންފަރެންސްގައި ހިއްސާ ކުރުމަށް ވަނީ ނިންމާފައެވެ.
ޚަބަރު
ޚަބަރު