ވިއާން ބުނި އެއްޗަކުން ހީލާފައި ދޮރާ ދިމާލަށް އެނބުރިލިތަނާ އަހަރެންގެ ތުންފަތުގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. ސިހުނުވަރުން އަތުގައި އޮތް ފޯނުވެސް ދޫވިއެވެ.
ކޮޓަރީ ދޮރު އެއްކޮށް ނުލެއްޕި ހުރިއިރު ދޮރުން ބޭރުގައި ކޮޓަރިއަށް ކުރިމަތިލައިގެން ހުރި ޒިޔާނާ އަހަރެންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ. ޒިޔާންގެ އެ ބެލުމުން އަހަރެން ޖެހިލުންވިއެވެ. ހިތަށް އެރީ ދުވެފައި ގޮސް ދޮރުލައްޕާށެވެ. އެހެންނަމަވެސް ހުރިތަނުން ދެފައި ގުޑައިވެސް ނުލިއެވެ. ހަށިގަނޑަށް އެއްވެސް ހަރަކާތެއް ނުގެނެވުނެވެ. އެންމެފަހުން އަހަރެންނަށް ހަމަޖެހުމު ނޭވައެއް ލެވުނީ ޒިޔާން ދިޔުމުންނެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް ދޮރުލައްޕާ ތަންޑު އެޅުވުމަށްފަހު އަހަރެންނަށް ލެގިލެވުނީ ދޮރުފަތުގައެވެ. މޭގައި އަތްއެޅުނުއިރު އަހަރެންގެ ލޯމަތީގައި ސިފަވެގެން ދިޔައީ ޒިޔާން ބަލަހައްޓައިގެން ހުރި ގޮތެވެ. އެ ބެލުން އަހަރެން މާނަ ކުރަންވީ ކިހިނެއް ހެއްޔެވެ؟ އެހައި ކުޑަ ދޭތެރެއަކުން ވިއާން އަހަރެންނަށް ބަލަން ހުންނަންވީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ މަގްސަދަކީ ކޮބައި ހެއްޔެވެ؟ ވިއާންގެ އެ ނިންމުމުގެ ސަބަބުން ފަހުން ހިތާމަ ކުރަން ނުޖެހިއްޖިއްޔާ ކިތަންމެހާވެސް ރަނގަޅެވެ. އެކަމަކު.... އެކަމަކު ފުރުސަތު ލިބުމުން ޒިޔާން ފުރަގަސްދިނީ ކީއްވެގެން ހެއްޔެވެ؟ ޒިޔާން ބޭނުންވިނަމަ ކޮޓަރިއަށް ވަދެ ތަޅުލާފައި އަހަރެންނަށް ކޮންމެ ގޮތެއްވެސް ހެދުނީހެވެ. އޭނާ އަޅައިނުލީ ކީއްވެގެން ހެއްޔެވެ؟
"ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ. ޒިޔާންގެ ހިތުގައި އޮތް އެއްޗެއް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ތިޔަ އިލާހް. ޝައިތާނުންގެ ނުބައި ކަމުންނާ އެސްފީނާއިން މިއަޅާ އަދި މިއަޅާގެ ދިރިއުޅުން ސަލާމަތްކުރައްވާށި. އާމީން" އެހިނދު އަހަރެންގެ ހިތާހިތުން ދުއާއެއް ކޮށްލެވުނެވެ. އަހަރެންގެ ހިތުގައި އެ ނުބައި އިންސާނާއަށް ޒައްރެއްގެ މިންވަރަށް ވެސް އިތުބާރެއް ނެތެވެ.
މާމަ މޭޒު ކައިރިއަށް އަންނަންދެން އަހަރެން ކާން ނުފަށާ އިނީމެވެ. ފޯނުން ވީޑިޔޯއެއް ބަލަން އިނދެފައި ފަހަތް ބަލައިލީ ފަހަތުގައި މީހަކު ހުރިހެން ހީވެގެންނެވެ. ނަމަވެސް އެކަކުވެސް ނެތެވެ. ގޭތެރޭގައި ވެސް އުޅެން ޖެހިފައިމިވަނީ އިވޭ ކޮންމެ އަޑަކަށް ހުޝިޔާރުވެ ހުރެއެވެ. ދުއްވާ އެއްޗެއްގެ އަޑު އިވުނަސް ސިހެނީއެވެ. އޭގެ ސިކުންތުކޮޅަކަށްފަހު ފަހަތުން މާމަ ބަހެއް ކިއި އަޑަށް އަހަރެން ދިޔައީ ސިހިގެންނެވެ.
"ހާދަ ބޮޑަކަށް ތި ސިހުނީ. ކޮން ވިސްނުމެއްގައި އިނީ" މާމަ އެހިއެވެ.
"ވިސްނުމެއްގައެއް ނޫން. ފޯނުން އެއްޗެއް ބަލަން އިނީ" އަހަރެން ބުނީމެވެ. މުޅިއަކުން ދޮގެއްވެސް ނޫނެވެ. ހިތުގައި ޖެހިލުންވުމެއްވީ އަހަރެންގެ ދިރިއުޅުމަށް ފާރަވެރިވާ އިންސާނާކާ އެކު އެއް ފުރާޅެއް ހިއްސާކުރަން ޖެހުނީތީއެވެ. އެކަމަކު މާމަ އައިރު އަހަރެން އިނީ އެ ފިކުރުގައެއް ނޫނެވެ. މާމަ އައިރު ހަމަ ރަނގަޅަށްވެސް އަހަރެން އިނީ ފޯނަށް ގެއްލިފައެވެ.
"ކޮބާ އެސޮރު؟ ނުގޮވަންތަ ކާން؟" މާމަ އެހިއެވެ.
"މާމާ، އަޅުގަނޑަކަށް ނުކެރޭނެ ގޮވަންދާކަށް" އަހަރެން ބުނީމެވެ. މާމައަށް އަހަރެންގެ ހާލަތު ވިސްނުނެވެ. އެހެންކަމުން މާމާ ސުވާލެއް ނުކޮށް ތެދުވަން އުޅެފައި މަޑުޖެހުނެވެ.
"ނުޖެހުނެއްނު ގޮވަންދާކަށް. އެ އައީ. އަވަހަށް އާދޭ ކާން" މާމަ ބުނެލި އަޑު އިވުނެވެ. ޒިޔާން ގޮސް އިށީނީ މާމަ އާ ޖެހިގެން ހުރި ގޮނޑީގައެވެ. ފާޑަކަށް އަހަރެންނަށް ކުރިމަތިވާ ގޮތަށެވެ. ދިމާލަށް ޒިޔާން އިނުމުން އަހަރެންގެ ބަތްސުވާ ދިރުވާލަން ޖެހެނީ ކޮންމެ ފަހަރަކުވެސް ފެންފޮދަކާ އެކުގައެވެ. އެންމެފަހުން ދިރުވަން އުނދަގުވެގެން ބާކީ ހުރި ބަތްކޮޅާއެކު ތެދުވެ ޒިންކާ ދިމާލަށް ހިނގައިގަތީމެވެ. އިސްރާފުކުރަން ބޭނުންނުވިޔަސް ނުދިރުނީމަ އަހަރެންނަށް ވަކި ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟
"ނުކެވުނު ދޯ" މާމަ އެހިއެވެ. އަހަރެން ބޯޖަހައިލީމެވެ.
"ވިއާނަށް ތަށިބަރި ތައްޔާރުކޮށްފިންތަ؟" މާމަ އެހިއެވެ. އަހަރެން ބޯޖަހައިލީމެވެ.
"މަންމައަށްވެސް ކާން ގެންދަންޖެހޭނެއްނު. މަންމަވެސް އިންނާނީ ނުކައެއްނު" ޒިޔާން ވާހަކަދެއްކިއެވެ.
"ތެދެކޭ. މާޖިދާއަށްވެސް ކާއެއްޗެހި ފޮނުވަންޖެހޭނެ" މާމަ ބުނެލިއެވެ.
"މިތައްޔާރުކޮށްލަނީ" އަހަރެން ބުނީމެވެ.
މޭޒު ކައިރީގައި ހުރެ އަހަރެން ތަށިބަރި ތައްޔާރުކުރަމުން ދިޔައިރު މާމަ ހުރީ އަތްދޮންނަން ޒިންކު ކައިރިއަށް ގޮހެވެ. ޒިޔާން އިންތަނުގައި ޖޫސްތަށި ބޯން އިނެވެ. ދެތިންފަހަރު ޒިޔާން އަހަރެންނަށް ބަލައިލިކަން އަހަރެންނަށް ފާހަގަވިއެވެ.
"މަންމަ ނުކާނެ ރިހައެއް" ޒިޔާން ބުނެލިއެވެ. އޭނާ ވާހަކަދެއްކީ އަހަރެންނާއެވެ. ޖަވާބެއްދޭން އަހަރެން ބޭނުމެއް ނުވިއެވެ.
"މަންމަ ތިކަހަލަ ރޮއްޓެއްވެސް ނުކާނެ" އަނެއްކާވެސް ޒިޔާން ބުނެލިއެވެ.
"މަންމަ ކާއެއްޗިއްސާ ނުކާ އެއްޗެހި މީހަކު ކައިރިން އަހައިގެން އޮޅުންފިލުވާކަށް އަހަރެންނަކަށް ނުޖެހޭނެ. މަންމައަށް އަހަރެންގެ ދެއަތުން ކައްކާފަ ކާންމިދެނީ އަލަކަށް ނޫން" އަހަރެން ވާހަކަދެއްކީމެވެ. ޒިޔާން ބަހެއް ނުކިޔައެވެ. ޒިޔާން ބުނީ ރަނގަޅު ވާހަކައެކެވެ. އޭނާއަށް ނޭނގުނީ އަހަރެން މަންމައަށް ތައްޔާރުކުރީ މަންމަ އާޓާ ރޮއްޓާ ރިހަކަމެވެ. އެހެންވިޔަސް އަހަރެން ޒިޔާނާ ރީތިކޮށް ވާހަކަދައްކަން ބޭނުންނުވީއެވެ.
ގޭތެރޭގައި އަހަރެންނަށް މިނިވަންކަމެއް އިހުސާސްވީ ޒިޔާން ކާއެއްޗެހި ހިފައިގެން ގޮސްޕިޓަލަށް ދާން ނިކުތުމުންނެވެ. ވަގުތުން ބޮލުން ބުރުގާ ދަމައިގަނެފާ ސިޓިންރޫމު ދޮރު ތަޅުލީމެވެ. ބޭރުން އަންނަ މީހަކުގެ އަތުގައި ތަޅުދަނޑި އޮތަސް އެތެރެއިން މީހަކު ހުޅުވަދީގެން ނޫނީ ނުވަދެވޭނެއެވެ. ސޯފާ މަތީގައި ބުރުގާ ބާއްވާފައި އަހަރެން މާމަ ހަބަރެއް ބަލައިލަން ކޮޓަރި ދޮރުހުޅުވާލިއިރު އެނދުގައި މާމައަށް އޮތީ ނިދިފައެވެ. މަޑުމަޑުން ދޮރުލައްޕާލާފައި އައިސް އަހަރެން ހުއްޓުނީ ވިއާންގެ ކޮޓަރި ދޮރުމަތީގައެވެ. އެއީ މިހާރު ޒިޔާނަށް ދީފައި ހުރި ކޮޓަރިއަކަށް ވިޔަސް އެކޮޓަރީގައި ހުރި ވިއާންގެ ބައެއް ސާމާނު ނަގަން އަހަރެން އެކޮޓަރިއަށް ވަންނަން ޖެހެއެވެ.
އެތެރެއަށް ހުޅުވިގެން ދިޔަ ދޮރާއެކު އެންމެ ފުރަތަމަވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ ވިއާންގެ ބޮޑު އެނދެވެ. އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ނޭފަތުގައި އައިސް ޖެހުނީ ވިއާންގެ ހަށިގަނޑުގައި އަބަދުވެސް ހިފައިފައި ހުންނަ ހިތްގައިމު ސެންޓު ވަހެވެ. މުޅި ކޮޓަރި ތެރެއަށް އަހަރެންނަށް އަވަސް ނަޒަރެއް ދެވުނެވެ. އެތެރެއިން ފެންނަނީ ތަރުތީބު ކަމެވެ. ހަރުގަނޑުގައި އަޅުވާފައި އޮތް ރޯޔަލް ބްލޫ ކުލައިގެ ބޮޑު ތުވާލި ފެނުމުން އިހުސާސްވީ ފޫހިކަމެވެ. އެއި ވިއާންގެ އެއްޗެއް ނޫން ވީމައެވެ. މަޑުމަޑުން ހިނގާފައި ގޮސް އަލަމާރި ކައިރިއަށް ހުއްޓުނުއިރު އަލަމާރި ކައިރީގައި އެއްފަރާތުގައި ބަހައްޓާފައި ހުރި އަޅި ކުލައިގެ ފޮށި ފެނުނެވެ. ވަގުތުން އެއީ ޒިޔާންގެ ފޮށިކަން އަހަރެންނަށް އިނގުނެވެ. އަލަމާރި ހުޅުވިއިރު ކުރިންވެސް ހުރި ގޮތަށް ތަރުތީބުން އަޅުވާފައި ހުރީ ވިއާންގެ އަންނައުނެވެ. އާދައިގެ ހެދުންތަކާ އޮފީހަށްދާން ބޭނުންކުރާ އަތްދިގު ގަމީސްތަކާ ފަޓްލޫންތައް ހުރީ ވަކިން ދެފަޅިއެއްގައެވެ. ކޮންމެ ގަމީހަކާއެކު އެ ގަމީހަކާއެކު ބޭނުންކުރާ ޓައީވެސް އަޅުވާލާފައި އިނެވެ. އެހުރިހާ އަންނައުނެއްގައި އަހަރެންނަށް އަތް ބީއްސާލެވުނެވެ. ނޭފަތާ ކައިރިކޮށްލާފައި ވަސްބަލައިލެވުނެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ އެތަކެތިން ދުވި މީރު ވަހުންނެވެ.
ކޮނޑާ ވަކިކޮށްލާފައި ފަހަރަކު އެއްޗެއް ފަތްޖަހާފައި ގޮސް އެނދުގައި ބަހައްޓަމުން ދިޔައިރު ބާލީސް ކައިރީގައި އޮތް ފޮޓޯ އަލްބަމް އަހަރެންނަށް ނުފެނެއެވެ. އަހަރެންގެ ލޮލުގައި އެ އަލްބަމް އަޅައިގަތީ ޑްރެސިންޓޭބަލް މަތީގައި ހުރި ވިއާންގެ ރީތިވާ ސާމާނުތައް ނަގަން ދިޔަ ވަގުތުގައެވެ. އެހެންނަމަވެސް އެ ފޮޓޯ އަލްބަމް އަހަރެންގެ ލޮލުގައި އަޅައިގަތުމާއެކު ފިޔަވަޅުތަކަށް ހުއްޓުމެއް އަތުވެއްޖެއެވެ. ހުދު ކުލައިގެ އެ އަލްބަމް ފެނުމުން އަހަރެންގެ ހަނދާނަށް އައީ މީގެ ދުވަސްތަކެއް ކުރިން އަހަރެން ޒިޔާނާ ކުރެވުނު ކައިވެނި މަތިންނެވެ. އެ އަލްބަމަކީ ގޭ ކައިރީގައި އުޅޭ ޒިޔާންގެ އެކުވެރިޔަކު އޭނާއަށް ދިން ކައިވެނީގެ ހަދިޔާއެވެ. އަލްބަމް މަތީގައި ކުރަހާފައި އިނީ ކައިވެންޏަށް ތައްޔާރުވެގެން ތިބި އަންހެނަކާ ފިރިހެނެކެވެ. ކައިވެނި ކުރެވުނުތާ ހަފްތާއެއް ފަހުން އަލްބަމަށް އަހަރެމެންގެ ކައިވެނީގެ ފޮޓޯތައް އެޅީ ދެމީހުން އެކީގައެވެ. އަހަރެންނަށް އަލްބަމާ ހަމައަށް ގޮސްފައިވެސް ހުއްޓެވިއްޖެއެވެ. އެ އަލްބަމް ޒިޔާން ގެންގުޅުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އަހަރެންނަކަށް ނުވިސްނުނެވެ. ކޮންމެގޮތެއް ވިޔަސް އޭގެ ތެރޭގައި ހުންނާނީ އަހަރެންނާ ޒިޔާން އެކީގައި ނަގާފައި ހުރި ފޮޓޮއެވެ. މިހާރު އެފޮޓޯތައް ގެންގުޅުމުގެ އެއްވެސް ޙައްޤެއް ޒިޔާނަށް ނޯންނާނެއެވެ. ޒިޔާނަށް ހެޔޮ ބަދަލެއް އައިނަމަ މި އަލްބަމް އޭނާގެ އަތުން ފެނިގެނެއް ނުވާނެއެވެ. ކޮންމެއަކަސް ވިސްނުންތަކެއްގައި ހުރެފައި އަލްބަމް ނަގާފައި ހުޅުވައިލެވިއްޖެއެވެ. އުކެމުންދިޔަ ކޮންމެ ގަނޑަކާއެކު އަހަރެންގެ މޫނުމައްޗަށް ވެރިވި ހައިރާންކަން އިތުރުވަމުން ދިޔައެވެ. އެންމެ ފޮޓޮއެއްގައިވެސް އަހަރެން ނެތެވެ. ކަނޑާ ބުރިކޮށް އަހަރެން ހުރީ ނަގާފައެވެ. ޒިޔާނާ މެދު ފުރަތަމަ ފަހަރަށް އަހަރެންގެ ހިތް ބަދަލުވާން އުޅުނެވެ. އެހެންނަމަވެސް އެވަރުން އަހަރެން ފުއްދާނުލަމެވެ. ކޮޓަރީގައި ހުރި ޑަސްޓްބިން ބަލައިލިއިރު އޭގައި އަހަރެންގެ ތަސްވީރުތައް ހުއްޓެވެ. ހަމަރަނގަޅަށްވެސް ޒިޔާންގެ ވިސްނުން ބަދަލުވީތާއެވެ. ކޮންމެ އިންސާނެއްވެސް ބަދަލުވެދާނެ ހާލަތެއް މެދުވެރިވެދާނެއެވެ. އަދިވެސް އެއްކޮށް އަހަރެން ހިތްހަމައެއްނުޖެހެއެވެ. ކީއްވެކަމެއް ނޭނގެއެވެ.
ފަސްގަޑި ބައި ހާއިރެވެ. ކޮޓަރި ސާފުކުރުމުގެ މަސައްކަތްކޮށްލާފައި އަހަރެން ކޮޓަރިން ނިކުތްއިރު މާމަ ބެލްކަނީގައި ހުއްޓެވެ. އަހަރެން ފެނުމާއެކު ހީލައިފިއެވެ.
"ނަމާދުކޮށްފިންތަ؟" މާމަ އެހިއެވެ.
"ނަމާދަށް ނޭރޭ" އަހަރެން ބުނީމެވެ.
ހަވީރަށް މުޅި ޖައްވު ވަނީ ފިނިހިފާލާފައެވެ. އަދިވެސް އުޑުމަތި ބަނައެވެ. ވާރޭ ނުވެހުނަސް ކޮންމެސް ވަރަކަށް ވައި ގަދައެވެ. އަތަށް އަންގިއެއް ލައްވައިގެން ޕޮޓެއްގައި ހުރި ކަޅު ވެލިތައް އެއްވަރު ކުރަމުންދިޔަ މާމަގެ ހަރަކާތްތަކަށް ބަލަމުން ގޮސް އަހަރެން އިށީނީ ޖޯލިފަތީގައެވެ.
"މާމާ، ވިއާންގެ ކޮޓަރީގައި ހުރި އޭނާގެ ބައެއް ސާމާނު އަޅުގަނޑު ނެރެފިން" އަހަރެން ބުނީމެވެ.
'އާނ ނެރެޖެންހޭނެތާ. ގެއަށް ދޫކޮށްލީމަ ތިދެކުދިން އުޅޭނީ މިހާރު މަލް ތިއުޅޭ ކޮޓަރީގަ" މާމަ ވާހަކަދެއްކިއެވެ.
"މާމާ، ވިއާން އުމުރުން ދިހަ އަހަރުގަ ކުރީ މައިބަދައިގެ ވަރަށް ބޮޑު އޮޕަރޭޝަނެއްތަ؟" އަހަރެން އެހީމެވެ. ވަގުތުން މާމަގެ ހަރަކާތްތައް ހުއްޓުނެވެ. އަހަރެންނަށް ބަލައިލިއެވެ.
"އާނ. ހަށިގަނޑުން ފަޅައިގެން ކުރާ އެއްވެސް އޮޕަރޭޝަނަކީ ކުޑަ އޮޕަރޭޝަނަކަށް ނުވާނެ. ކީއްވެ ތިހެން ތިއެހީ؟" މާމަ ބުނެލިއެވެ.
"މިއަދު އަލަމާރި ސާފުކުރިއިރު ވިއާންގެ މެޑިކަލް ޑޮކިޔުމަންޓްސްތައް ހުރި ފައިލެއް ފެނިގެން އޭތި ކުޑަކޮށް ބަލައިލީ. މާބޮޑު އެއްޗެއް ނޭނގުނު. އެކަމަކު އިނގުނު އޮޕަރޭޝަނެއް ކުރެވުނުކަމާ ފަހުންވެސް ވަރަށް ކޮމްޕްލިކޭޝަންސްތައް އައިސްފަ ހުރިކަން" އަހަރެން ވާހަކަދެއްކީމެވެ.
"ދަރިފުޅާ އެއީކީ މައިބަދައިގެ އޮޕަރޭޝަނެއްނޫން" މާމަ ބުނެލިއެވެ.
"ދެން ކޮންތަނެއް؟ ބޮޑު ލަކުނެއްވެސް އިނީ ވިއާންގެ މައިބަދައިގަ" އަހަރެން ބުނީމެވެ.
"ހިތުގެ އޮޕަރޭޝަނެއް ކުރާ ކޮންމެފަހަރަކު ފަޅަނީ މެއަކުން ނޫން. ބުރަކަށިންވެސް ފަޅާފަ ހުރޭ. އެހެންވީމަ ދެން ދަރިފުޅު ވިސްނާލާ" މާމަ ބުނެލިއެވެ. އަހަރެންނަށް ވިސްނިއްޖެއެވެ. ވިއާން ކުރި އޮޕަރޭޝަންވެސް ލަފާކުރެވިއްޖެއެވެ. ހާނިޔާ އޮޕަރޭޝަނޭ ކިޔާ އަޑު ހުރީ ވަރަށް ގިނައިން އިވިފައެވެ. ކުރީގައި ވަޒީފާ އަދާކުރިއިރު އެކުގައި މަސައްކަތްކުރި ކުއްޖެއްގެ ފިރިމީހާ ވަރަށް އެމެޖެންސީކޮށް ހާނިޔާ އޮޕަރޭޝަންކުރިއެވެ. އެކުއްޖާ ބުނި ގޮތުގައި އެ މައްސަލައަކީ ވަރަށް ގިނަ ފިރިހެނުންނަށް ކުރިމަތިވާ މައްސަލައެކެވެ. އޮޕަރޭޝަން ކުރުމުން އެއްކޮށް ރަނގަޅުވާ ކަމެކެވެ.
އިޝާނަމާދުކޮށް ނިމުނުތަނާ މަންމަގެ ފޯނު ކޯލެއް ލިބުނެވެ. އަހަރެން ކައިރީގައި ގޭގައި އަދި މަޑުކުރުމަށް ބުންޏެވެ. އަހަރެން މަންމަ ކައިރީގައި ކިހިނެއްވީތޯ އެހީމެވެ.
"މަންމަ މިރޭ ތަންކޮޅެއް ލަހުން ގެއަށް ދާންވެގެން. ބަދިގެއަށް ބޭނުންވާ ސާމާނުކޮޅެއް ގަނެގެން ދާންވެގެން. މިތާ އިނދެފަ ނުވައެއް ޖަހާލާހާއިރު ނިކުންނަންކަމަށް" މަންމަ ބުނެލިއެވެ. އަހަރެން ދެކޮޅަށް އެއްޗެއް ނުބުނަމެވެ. އަހަރެން ހުރީ ވިއާން ނުފެންނަތާ ގިނައިރު ވުމުން ނުލާހިކު ބޮޑަށް އޭނަ ދެކިލާހިތްވެފައެވެ. އެކަމަކު އެހެން މަންމަ ކައިރީގައި ބުނާކަށް ނުކެރުނެވެ.
"މެންދުރު ކާއެއްޗެހި ހިފައިގެން ދިޔަ ގޮތަށް ޒިޔާންވެސް ގެއަށް ނާދޭ. އަނެއްކާ އޭނަ ހޮސްޕިޓަލަށް ދިޔަތަ؟" އަހަރެން އެހީމެވެ.
"އާނ އެބައިން. މެންދުރު ކާއެއްޗެހި ހިފައިން އައިގޮތަށް މިތާ އެ އިންނަނީ. އޭނަގެ ބޭބެ އާ ދެމީހުންގެ ގުޅުން ވަރަށް ރަނގަޅުވެއްޖެ" މަންމަ ބުންޏެވެ.
"ދެން އަޅުގަނޑު ކިހާ އިރަކަށް ތައްޔާރުވާންވީ؟" އެންމެފަހުން ނުހުރެވިގެން އަހަރެން އެހީމެވެ.
"ނުވަގަޑި ބައިގަ އާދޭ. މިހާރު ވިއާން އެބަގުޅާ ދަރިފުޅަށް" މަންމަގެ ފޯނު ކަނޑައިލިތަނާ ވިއާން ގުޅައިފިއެވެ.
"ކާރެއްގަ އެކަނި ނާންނާތި. މަލް ރެޑީވެގެން ގުޅީމަ އާލިމް ފޮނުވާނަން" ވިއާން ބުނެލިއެވެ.
އަހަރެން ކޮޓަރިން ނިކުތްއިރު ބަދިގެއިން ތަށި ތަޅުވާ އަޑު އިވެއެވެ. އެތެރެއަށް ވަންއިރު މާމަ ބަދިގޭގައި އުޅެއެވެ. އަހަރެން ހައިރާންވީ ރެއަށް އަހަރެން ކައްކާފައި ހުއްޓާ މާމަ ފިޔާ ކޮށަން ހުރީމައެވެ.
"މާމާ، ތިއީ ކޮންކަމެއް؟ ގޭގަ ހުރި އެއްޗެހި ނުކަނީތަ؟" އަހަރެން އެހީމެވެ.
"ނޫނޭ. ނޫޑްލްސްކޮޅެއް ހަދާލަނީ" މާމަ ބުނެލިއެވެ.
"މާމަ ކޮންއިރަކު ނޫޑްލްސް ކާންފެށީ. އަޅުގަނޑު ކައިރީގަ ބުނި ނަމަވެސް ތިކަން ކޮށްދިނީމުސް" އަހަރެން ބުނީމެވެ.
"މާމައަށް އެނގޭ މަލް ކޮށްދޭނެކަން. މިއަދު މިގޭގަ ކުރިހާ މަސައްކަތެއް ކުރީ މަލް. މާމައަށް ހަމައެކަނި މީތިކޮޅު ކައްކާލަން ފުރުސަތުދީ" މާމަ ބުނެލިއެވެ. އަހަރެން ފަހުން ޝަކުވާއެއް ނުކުރަމެވެ. މާމަ މަސައްކަތްކުރާ ތަން ބަލަން ގޮނޑިއެއްގައި އިނީމެވެ.
"މަންމަ ގުޅާފަ ބުނެފި ކުޑަކޮށް ލަހުން އަންނާށޭ" އަހަރެން ބުނީމެވެ.
"އާނ މާމަ ކައިރީގަ ބުނި" މާމަ ބުނެލިއެވެ.
ނޫޑްލްސް ތެލި ބާލާފައި މާމަ ފާހާނާއަށް ދިޔަ ވަގުތެވެ. އަހަރެން ކޮޓަރިއަށް ވަންއިރު އެނދުމަތީގައި އޮތް ފޯނު ރިންގުވަމުން ދިޔައެވެ. ރީޝަމްގެ ނަން އަރާފައި އިނުމުން އަހަރެން ފޯނު ހިފައިގެން ގޮސް ހުއްޓުނީ ކުޑަދޮރު ކައިރީގައެވެ. މަގުމަތި ފެންނާނެހެން ހުރިއިރު ތާޒާ ވައިރޯޅިތައް ކުޑަދޮރުން ކޮޓަރި ތެރެއަށް ވަންނަމުން ދިޔައެވެ.
"ހޫމް ދެން ބުނެބަ ކޮންކަމަކުއޭ" ރީޝަމް ބުނެލިއެވެ.
"އަހަރެން ބުނީ މާދަމާ ހީވަނީ ވިއާން ޑިސްޗާޖުކުރާނެހެން. އަހަރެން ބޭނުންވަނީ ކޭކެއް އަޅަން. އޭނައަށް ވެލްކަމް ކިޔާފަ" އަހަރެން ބުނީމެވެ.
"ކައުންޓްލައިން އިން ކޭކެއް ގަނެފަ އެހެން އަޅަން ކިހިނެއްވާނެ" ރީޝާމް ހިޔާލު އެހިއެވެ.
"އުނހު. ކަމަކުނުދާނެ. އަހަރެން ބޭނުމީ ރީޝަމް ލައްވާ ކޭކު އަޅަން" އަހަރެން ބުނީމެވެ.
"ހޫމް. ތިޖެހުނީ ދެން އަޅަންތާ. ކިހާ އިރަކަށް ހިފައިން ދާންވީ" ރީޝަމް އެހިއެވެ.
"އަހަރެން ފަހުން ބުނާނަން. ފަހަރެއްގަ ހެނދުނު އޭނަ ދޫކޮށްލިއްޔާ ގެއަށް އަންނައިރު ކޭކެއް ނުހުންނާނެ. އޭރުން އަހަރެން ވަރަށް ދެރަވާނެ" އަހަރެން ބުނީމެވެ.
"އެހެންވީމަ މިރޭ އަހަރެން އާލިމާއެކު ތިގެއަށް ކޭކު ގެންދާނަން. އެގޮތް އެންމެ ރަނގަޅެއްނު" ރީޝަމް ބުނެލިއެވެ. އެގޮތާ އަހަރެން އެއްބަސްވީމެވެ.
"ދެން ބުނެބަލަ ކިހިނެއްތަ ފަސްޓްނައިޓް ދިޔައީ. ކަމެއް ކުރެވުނުތަ؟ ހައުސް ޔުއަރ އެކްސްޕީރިއަންސް؟" ރީޝަމް އެހިއެވެ. ލާނެއް ރާގަކަށެވެ. އަހަރެން ކައިރިއަށް ހިނިއައެވެ.
"އެއްކަލަ ރީޝަމް" އަހަރެންނަށް ބުނީމެވެ.
"އައްދެ އައްދެ. ހާދަ ލަދެކޭ. އަލަކަށް ނޫނެއްނު މީހަކާ ތިއިނީކީ. ދެން ބުނެބަލަ. އަހަރެން މިއުޅެނީ އެރޭގެ ތިދެމީހުން މެދުގައި ވީކަންތައް މަލް ކައިރީގައި އަހާހިތުން ލޮލަށް ނިދިވެސް ނައިސްގެން" ރީޝަމް ބުނެލިއެވެ.
"އެއްކަލަ ރީޝަމް ކިޔަން ފަށައިފި އެއްޗެއް ހުއްޓައެއްވެސް ނުލާނެ. އަދި ހަމައެކަނި އިނދެވުނުކަން. އިތުރުކަމެއް ނުހިނގާ" އަހަރެން ބުނީމެވެ.
"ސޯ ސޭޑް. ސީރިޔަސްލީ" ރީޝަމް ބުނެލިއެވެ.
"މަގޭ ފިރިމީހާ ބައްޔޭ. މަޑުކޮށްބަލަ އޭނަ އެއްކޮށް ފިޓްވަންދެން. އޭރުން ކިޔައިދޭނަން އަލިފުން ޔާޔަށް" އަހަރެން ބުނީމެވެ. އެއާއެކު ރީޝާމް ހީލި އަޑު އިވުނެވެ.
ފޯނު ކުރުކޮށްލާފައި ބޭރަށް ނިކުތްއިރު މާމަ ފެންނާކަށް ނެތެވެ. ކޮޓަރިއަށް ވަންއިރު އެނދުމަތީގައި ބާމޫ ފުޅިއެއް ހިފައިގެން އިނެވެ.
"ކާންނުވޭތަ؟" އަހަރެން އެހީމެވެ.
"މާޖިދާ އައިމަ ކާނީ" މާމަ ބުނެލިއެވެ.
އަލުން ކޮޓަރިއަށް އައިސްފައި އަހަރެން މަޑުން ހުންނަހިތެއް ނުވިއެވެ. އަދިވެސް މަންމަ ބުނި ގަޑި ޖެހެން ފުދޭވަރަކަށް ވަގުތު އޮތެވެ. އެހެންކަމުން އެނދުމަތީގައި އޮތް ބެޑްޝީޓް ނަގާފައި އަލަމާރިން ނެގި ފިނިފެންމާ ކުލައިގެ ބެޑްޝީޓެއް އެޅީމެވެ. ދޮރު ފޮތިތައްވެސް ބަދަލުކޮށްފައި ކޮޓަރިން މީރުވަސް ދުއްވާލީމެވެ. އަހަރެން ފެންވަރަން ވަންއިރު ނުވައެއްޖަހަން ފަސްމިނިޓް ހުއްޓެވެ.
ލޯގަނޑު ކުރިމަތީގައި ރީތިވާން ހުރެވެސް އިރުކޮޅަކާ ފޯނަށް ބަލައިލެވެއެވެ. ވިއާން ކައިރިއަށް ދާހިތުން އަހަރެން ހުރީ ވަގުތު ގިނަވެފައެވެ. ނުވައެއް ޖެހިފަހުން ހީވަނީ ކޮންމެ ސިކުންތެއް ދޭތެރޭގައި އެއް އަހަރު ދުވަހުގެ ބޮޑު ތަފާތެއް އައިސްފައިވާހެނެވެ. އެންމެފަހުން ނިކުންނަން އުޅުނު ވަގުތު އެނދުމަތީގައި އޮތް ފޯނު ރިންގުވާން ފަށައިފިއއެވެ. ބަލައިލިއިރު ވިއާނެވެ.
"މަންމަ ދިޔައީތަ؟ މިދަނީ އިނގޭ. ދެން ނުވާނެ ލަހެއް. އާލިމަށް ގުޅާ" ފޯނު ނަގާފައި ކަންފަތުގައި ޖެހިގޮތަށް އަހަރެން ބުނީމެވެ.
"ގަޑިން ކިހާއިރެއްވީ؟" ވިއާން އެހިއެވެ.
"އަދި އެބަހުރި ވިހި މިނެޓް" އަހަރެން ބުނީމެވެ.
"އާލިމް ގޭ ކައިރިއަށް ދިޔައިމަ އަހަރެން ގުޅާނަން އެނގޭ. ގުޅީމަ ބޭރަށް ނިކުންނާނީ" ވިއާން ބުނެލިއެވެ.
"އޯކޭ" އަހަރެން ފޯނު ބާއްވަން އުޅެނިކޮށް ވިއާންގެ ގޮވާލައިފިއެވެ.
"ވަރަށް ވަރަށް ލޯބިވޭތަ؟" ވިއާން އަހައިލިއެވެ. ތުންފަތަށް ވެރިވި ހިނިތުންވުމާއެކު އަހަރެންނަށް ދެބުމަ ކައިރިކޮށްލެވުނެވެ.
"ވި އާ ން... ކޮންބައެއް ކައިރީގައި ތިބީ" އަހަރެން އެހީމެވެ.
"ހެހެހެ... ބުނެބަ. ނުވޭދޯ..." ވިއާން ބުނެލިއެވެ.
"ވިއާން ނުވަނީ" އަހަރެން ބުނީމެވެ.
"އަހަރެން ކިހައި ލޯބިވާކަން އެނގޭނެ ވަގުތެއް އަދި އަންނާނެ" ވިއާން ބުނެލިއެވެ. ވިއާންގެ އަޑުގައިވީ އަހަރެންގެ ހިތް މަސްތުކުރުވާފަދަ ޖާދޫވީ ބާރެކެވެ. ވިއާންގެ ދުލުން ބޭރުވެގެންދާ ލޯބީގެ ކޮންމެ ލަފްޒަކާއެކު އަހަރެންގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގެންދެއެވެ.
ވިއާންގެ ކޯލު ލިބުމާއެކު ދަބަސް ހިފައިގެން ކޮޓަރިން ނިކުތްއިރު މާމަ ސޯފާގައި އިނެވެ. އެހެންރޭތަކުގައި އެވަގުތު މާމަ ކޮޓަރީގައި އިންނަ މީހަކު ބޭރުގައި އިނުމުން އަހަރެންގެ ހިތަށް އެއްވެސް އެއްޗެއް ނޭރިއެވެ. ބޭނުންވެފައި ހުރީ އަވަހަށް ހޮސްޕިޓަލަށް ދާށެވެ. ދޮރުގެ ބެލްއަޅައިލި އަޑުވެސް އިވުނީ އެވަގުތުއެވެ. އަހަރެން ދޮރުހުޅުވަން ދިޔައިރު އެއް އަތުގައި އަރަން ގެންގުޅުނު ބޫޓޫގެ އެއްކިބަ އޮތެވެ.
ދޮރުމަތީގައި ހުރި މީހަކު ފެނުމާއެކު އަހަރެންނަށް ވީގޮތެއްވެސް ނޭނގުނެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ