ޖެނުއަރީ 1953 އިން ފެށިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވެރިކަން ނިމުނު 17 ނޮވެމްބަރު 2018އާ ދެމެދުގައި ދައުލަތުންނާއި ދައުލަތުގެ މުއައްސަސާތަކުންނާއި އިދާރާތަކުން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތައް ބަލައި، ތަހުގީގުކޮށް ހަގީގަތް ހާމަކޮށް، އިންސާފު ހޯދައި ދިނުމަށް އުފައްދާފައިވާ އޮމްބަޑްސްޕާސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން މިއަދު ބުނީ، އެ އޮފީހަށް މައްސަލަ ހުށަހެޅުމަށް ދެ މަސް ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށެވެ.
އެގޮތުން އަންނަ އޯގަސްޓް މަހުގެ 13ގެ ނިޔަލަށް އެ އޮފީހަށް މައްސަލަ ހުށަހެޅޭނެ ކަމަށާއި މައްސަލަ ތަހުގީގު ކުރުމަށް ހުށަހެޅުމުގެ އިތުރުން ދައުލަތުގެ ފަރާތުން ބަދަލު ނަގައި ދިނުމަށްވެސް ހުށަހެޅޭނެ ކަމަށް އެ އޮފީހުން ބުންޏެވެ.
އޮމްބަޑްސްޕާސަންގެ އޮފީހުން ބުނީ އެ އޮފީހަށް ހުށަހަޅާ މައްސަލަތަކުގައި އެންމެ އިސްކަމެއް ދޭނީ ދެ ފަރާތް ހާޒިރުކޮށްގެން ސުލްހަވެރިކަމާއެކު މައްސަލަ ނިންމައި ސުލްހަވެރި ބަދަލެއް ހޯދައިދިނުމަށް ކަމަށެވެ. އަދި އެ އޮފީހުން ހިންގާ ތަހުގީގުތަކުން ލިބޭ ހެކިތަކާއި ލިޔުންތައް ދިރާސާކޮށް ހާދިސާ ލިޔެ ޝާއިއުކުރުމަށް ނިންމާފައިވާ އިރު، އެ މަސައްކަތް ކުރިއަށް ގެންދާނީ ދައުލަތުގެ އެހެން މުއައްސަސާތަކާވެސް ގުޅިގެން ކަމަށް ބުންޏެވެ.
އޮމްބަޑްސްޕާސަންގެ އޮފީހުން ބުނީ، އެ އޮފީހުގެ މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް ނިންމާލުމަށް ތަފާތު އެކި އުކުޅުތައް ބޭނުން ކުރާނެ ކަމަށެވެ. އަދި އެ އޮފީހުން ފަށާފައިވާ މަސައްކަތް ގާނޫނުގައި ބުނާ ދެ އަހަރުގެ ދުވަހުގެ ތެރޭގައި ނިންމައިލުމަށް ދައުލަތުގެ މުއައްސާސާތަކުން އެއްބާރުލުން ދިނުމަށް ވަނީ އެދިފައެވެ.
"ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްފައި ޗީފް އޮމްބަޑްސްޕާސަން، އަބްދުއްސަލާމް އާރިފު މިއަދު ވަނީ އެ އޮފީހުން ކުރާ މަސައްކަތްތަަކަށް ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނާއި ދައުލަތުގެ އިސް މަގާމުތައް ފުރުއްވާފައި ތިއްބެވި ބޭފުޅުން އެއްބާރުލެއްވުން ދެއްވުމަށާއި އެހީތެރިކަން ދެއްވުމަށް އިލްތިމާސް ކުރައްވައިފިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު