އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބިލު ފާސް ނުކުރުމަށް މާލޭ ސިޓީ ކައުންސިލުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގޮވާލައިފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ 13 މެންބަރުންގެ ސޮޔާއެކު އެކައުންސިލުން ރޭ ނެރުނު ބަޔާނުގައި ވަނީ، ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގެ ނަމުގައި ހުށަހަޅާފައިވާ އިސްލާހުގެ ތެރޭގައި ދިވެހި ދައުލަތުގެ ދީން ކަމުގައިވާ އިސްލާމް ދީނަށާއި ﷲ ސުބްހާނަހޫ ވަތައާލާއާއި ކީރިތި ނަބިއްޔާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމައަށް ފުރައްސާރަކޮށް އިހާނެތި ބަސްތައް ބުނުން އެއީ ގާނޫނުން ބާރު ލިބިގެން ކުރެވޭ ކަމެއްގެ ގޮތުގައި ކަނޑައަޅަން މަސައްކަތް ކުރަމުންގެންދާ ކަމަށް ފެންނަ ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުންތައް ދިވެހި ރައްޔިތުން ގެންދަނީ ފާޅުކުރަމުން ކަމަށެވެ. އަދި އޭގެ ތެރޭގައި މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންވެސް ހިމެނޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ސިޓީ ކައުންސިލުން ބުނީ، ގާނޫނުލްއުގޫބާތަށް ހުށަހަޅާފައިވާ އިސްލާހުގެ ތެރޭގައި 124 ވަނަ މާއްދާއެއް އިތުރު ކުރެވި އެމާއްދާގެ (ހ)ގެ އެއް ވަނަ ނަންބަރުގެ 1 އަދި 2 ގައި އޮތް ގޮތުން އެއްވެސް ޖެހިލުމެއްނެތި ﷲ ސުބްހާނަހޫ ވަތައާލާއާއި ކީރިތި ނަބިއްޔާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމައަށް އަދި އިސްލާމްދީނަށް ބަދުބަސް ބުނާ މީހާ އެކުރާ ކަންކަން ހުއްޓުވަން މަސައްކަތްކޮށް އެކަމާ ދެކޮޅަށް ބަސް ބުނާ މީހާ އެކުރަނީ ގާނޫނީ ކުށެއްގެ ގޮތުގައި ކަނޑައެޅިގެންދާއިރު، ދީނަށް ހަޖޫ ޖަހާ ފުރައްސާރަކޮށް ﷲ ސުބްހާނަހޫ ވަތައާލާއާއި ކީރިތި ނަބިއްޔާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމައަށް ފުރައްސާރަކުރުން އެއީ ގާނޫނު ހުއްދަ ކުރާ ކަމެއްގެ ގޮތުގައި ކަނޑައެޅުނީ ކަމުގައި ބެލެވޭ ކަމަށާއި އެހެންވެ، އެގޮތަށް ގާނޫނު އިސްލާހު ވެގެން ދިއުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
"އެ އިސްލާހަކީ ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ތައާރަޒްވާ ގާނޫނުއަސާސީއާއި ހިލާފު އިސްލާހެއް ކަމުގައި ދެކޭތީއާއި އެ އިސްލާހުގެ ސަބަބުން ދިވެހިންގެ ދީންކަމުގައިވާ މާތްވެގެންވާ އިސްލާމް ދީނާއި ﷲ ސުބްހާނަހޫ ވަތައާލާއާއި ކީރިތި ނަބިއްޔާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމައަށް ފުރައްސާރަކޮށް ހަޖޫ ޖެހުން ގާނޫނަކުން ހުއްދަ ކުރެވޭ ކަމަށް ބެލެވޭތީއާއި އަދި އެކަމާ ދެކޮޅަށް ބަސްބުނާ މީހާ އެކުރަނީ ކުށެއް ކަމުގައި ކަނޑައެޅުމުގެ އިސްލާހާއި މާލޭ ސިޓީ ކައުންސިލުން ދެކޮޅެވެ،" ސިޓީ ކައުންސިލްގެ ބަޔާނުގައި ވެ އެވެ.
ސިޓީ ކައުންސިލްގެ ބަޔާނުގައި ވަނީ އެ އިސްލާހު ފާސް ނުކުރުމަށް ރައްޔިތުންގެ މަޖިލީހުގައި މާލެ ތަމްސީލް ކުރައްވާ މެންބަރުންނަށާއި އެހެން މެންބަރުންނަށްވެސް ގޮވާލައިފަ އެވެ.
މުސްލިމަކާ ދިމާއަށް އާންމު ތަނެއްގައި ކާފަރެއް ކަމަށް ބުނުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅުމަށް ހިމަނައި، ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިންއެވެ.
ނަފުރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ގާނޫނުލްއުގޫބާތުގައި ކަނޑައަޅާފައިވާ ބިލުގައިވާ ގޮތުން އާންމު ތަނެއްގައި، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުން ނުވަތަ އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފުރަތު އުފެއްދުމަކީ ޖިނާއީ ކުށެކެވެ.
އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމާއި އާންމު ތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރުމަކީވެސް ޖިނާއީ ކުށެކެވެ.
ބިލުގައިވާ ގޮތުން އެއީ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އެހެންކަމުން އެފަދަ ކުށެއް ކޮށްފިނަމަ އެންމެ ބޮޑުވެގެން އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. އެންމެ ދަށް ވެގެން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ބިލުގައިވާ ގޮތުން މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުމާ އެކު އެ މީހަކާ ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލުމާއި އެފަދަ އަމަލަކަށް ހިތްވަރުދިނުމާއި ބައިވެރިވުމަކީވެސް ކުށެކެވެ. ބިލުގައިވާ ގޮތުން އެއީ ފަސްވަނަ ދަރަޖައިގެ ކުށެކެވެ. އެފަދަ ކުށެއް ކޮށްފިނަމަ އެންމެ ބޮޑުވެގެން އަންނާނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އެންމެ ދަށްވެގެން ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މުސްލިމަކު ކާފަރުކޮށް މީހަކަށް އަނިޔާއެއް ދިނުން ނުވަތަ އަނިޔާއެއް ދިނުމުގައި ބައިވެރިވުން ނުވަތަ އަނިޔާއެއް ދިނުމަށް ރޭވުން ނުވަތަ އެ މީހެއްގެ ސިޔާސީ ވިސްނުމަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދިނުމުގައި ބައިވެރިވުން ނުވަތަ ދިނުމަށް ރޭވުމަކީވެސް ކުށެކެވެ. އެއީ ހަތަރު ވަނަ ދަރަޖައިގެ ކުށެއް ކަމަށް ބިލުގައިވެއެވެ. އެފަދަ ކުށެއް ކޮށްފިނަމަ ދެވޭނެ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރަށް ޖަލަށް ލުމެވެ. އަދި އެންމެ ދަށްވެގެން އެއް އަހަރާއި ހަތް މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އޭގެ އިތުރުން މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދޭން އުޅުމާއި އެމީހަކާ މެދު ތަފާތުކުރުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަށް ހިތްވަރުދިނުމަކީވެސް ކުށެކެވެ.
އެފަދަ ކުށެއް ކުރާ މީހަކަށް އެންމެ ބޮޑުވެގެން 25 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. އަދި މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި ޖިސްމާނީ އަނިޔާއެއް ދިނީ ކިޑްނެޕްކޮށްގެން ނުވަތަ މީހަކަށް ޖިންސީ އަނިޔާއެއް ދީގެން ނުވަތަ މީހެއްގެ ފުރާނަޔަށް ގެއްލުންދޭނެ ކަމުގެ ބިރުދައްކައިގެން ކަމުގައި ވާނަމަ އެންމެ ބޮޑުވެގެން 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މާލޭ ސިޓީ ކައުންސިލްގެ އިތުރުން ޖުމްހުރީ ޕާޓީއާއި ބައެއް ދީނީ އިލްމުވެރިންވެސް ވަނީ އެ ބިލަށް ގެންނަން މަސައްކަތް ކުރާ އިސްލާހުތަކާ މެދު ކަންބޮޑުވުން ފާޅުކޮށް އެ ބިލް ފާސްކުރުމަކީ، ދީން ނިކަމެތިކޮށްލުމުގެ އަމަލެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު