ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ކައުންސިލްތަކުން ހޮވާ ގޮނޑި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާ ވާދަކޮށް، ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ކާމިޔާބު ކުރައްވައިފި އެވެ.
ޑރ. މުއިއްޒާ ވާދަކުރައްވައި ރަފީގު އިންތިހާބު ކާމިޔާބު ކުރެއްވީ ތިން ވޯޓުގެ ތަފާތަކުންނެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން ރަފީގަށް 24 ވޯޓު ލިބިވަޑައިގަތްއިރު، ޑރ. މުއިއްޒަށް ލިބިވަޑައިގަތީ 21 ވޯޓެވެ.
އެލްޖީއޭގެ ބޯޑަށް ރަށު ކައުންސިލްތަކުން އިންތިހާބު ކުރާ މެންބަރު ވެސް މިއަދު ވަނީ ހޮވާފަ އެވެ. އެ ގޮނޑި ކާމިޔާބު ކުރެއްވީ ކ. ގުރައިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމީން މުހައްމަދެވެ. އޭނާ އަކީ ޕީޕީއެމަށް ނިސްބަތްވާ ކައުންސިލަރެކެވެ. ޔާމީން އެ ކޮނޑި ކާމިޔާބު ކުރެއްވީ އއ. ތޮއްޑޫ ކައުންސިލްގެ ރައީސް އަހްމަދު ކަރަމާ ވާދަކުރައްވަ އެވެ. ޔާމީނަށް 416 ވޯޓު ލިބިވަޑައިގަތްއިރު، އެމްޑީޕީއަށް ނިސްބަތްވާ ކަރަމަށް ލިބިވަޑައިގަތީ 414 ވޯޓެވެ.
އެލްޖީއޭގެ ބޯޑަށް އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން ޕީޕީއެމަށް ނިސްބަތްވާ ކ. އަތޮޅުގެ ރައީސް މުހައްމަދު ނިމާލު ވަނީ އިންތިހާބަކާ ނުލާ ހޮވިފަ އެވެ. މި މަގާމަށް އެމްޑީޕީއަށް ނިސްބަތްވާ ނ. އަތޮޅުގެ ރައީސް މުހައްމަދު ބަޝީރުވެސް ކުރިމަތި ލިއެވެ.
ނަމަވެސް އޭނާ ފޯމު ހުށައަޅާފައި ވަނީ އެކަމަށް ދިން ވަގުތު ހަމަވިފަހުންކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން އެނާގެ ފޯމު ބަލައިގެންފައެއް ނުވެ އެވެ.
ގާނޫނު ބުނާގޮތުން އެލްޖީއޭގެ ބޯޑުގައި ހިމެނޭނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރުގެ އިތުރުން، ޖެންޑާ އިކުއަލިޓީގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި، ގަވާނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ތަޖްރިބާ ލިބިފައިވާ މެންބަރަކާއި، މަދަނީ ޖަމްއިއްޔާގެ މެމްބަރަކާއި، ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިހާބުކުރާ މެމްބަރަކާއި، އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އިންތިހާބުކުރާ މެމްބަރަކާއި، ރަށު ކައުންސިލްތަކުގެ ތެރެއިން އިންތިހާބު ކުރާ މެމްބަރަކާއި، މާލީ ކަންކަމާގުޅޭ ވުޒާރާގެ ވަޒީރު ކަނޑައަޅާ އެއޮފީހުގެ މުވައްޒަފެއްގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އެއޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު