ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީއާ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދަށް ދެރައެއް ލިބޭނެ ފަދަ ކަމެއް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ނުކުރައްވާނެ ކަމަށް އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީން މިއަދު ހެނދުނު ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ބިގޭ ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލާއަކީ އެއްވެސް މީހަކު ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި އިންސާފާ ހަމައަށް ވާސިލުވުމަށް ފުރޮޅަން ޖެހުނު ކޮންމެ ގާކޮޅެއް ވެސް ފުރޮޅާނެ ކަމަށެވެ.

ސުލޫކް ކޮމެޓީއަށް ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލުމަށް އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ވޯޓު ހޯއްދެވުމަށް ބިގޭ މަސައްކަތް ކޮށްފައިވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ކުރެއްވި ތުހުމަތުތަކަށް ވެސް އޭނާ ވަނީ ރައްދު ދެއްވައިފައެވެ. އަދި އެ މައްސަލަ ވަކި ގޮތަކަށް ނިންމެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އޭނާ ކައިރީގައި އެދިފައި ނުވާކަން ބިގޭ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑަށް އެއީ އެވަގުތަށް އެންމެ ރަނގަޅު އިންސާފުވެރި ގޮތް ކަމަށް ގަބޫލުކުރެވުނު ނަމަ އަޅުގަނޑު އެ ވޯޓެއް ހޯދަން ގުޅަން ޖެހުނު މީހަކަށްވެސް ގުޅާނަން،" ބިގޭ ވިދާޅުވިއެވެ.

އެ ވޯޓަށް ފަހު އޭނާއަށް ނިސްބަތްކޮށް މީގެ ކުރިން ދުވަހަކު ވެސް ކިޔާފައި ނުވާ މިންވަރަށް ހުތުރު އެއްޗެހި ކިޔާފައިވާ ކަން ބިގޭ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ، އޭނާ ނިސްބަތްވާ އެމްޑީޕީ މެންބަރުގެ ފަރާތުން ފެނުނު އެ އަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ރައީސް ނަޝީދާއި އެއްބަނޑު އެއްބަފާވަންތަ ކަމުގެ ލޯތްބެއް ހަމަގައިމުވެސް އަޅުގަނޑުގެ ހިތުގައި އޮންނަ ބޭފުޅަކަށްވީމަ އެކަމަކަށް ހުރަހެއް ނާޅާނެ ހަމަގައިމު ވެސް އެމްޑީޕީގެ އެއްވެސް ބޭފުޅަކަ ހާއްސަކޮށް އަޅުގަނޑެއް ނާޅާނެ،" ބިގޭ ވިދާޅުވިއެވެ.

ހަމަލާއަށް ފަހު ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ އިސްތިއުފާއަށް އެމްޑީޕީގެ ބައެއް މެންބަރުން ގޮވަމުންދާއިރު ބިގޭ ވިދާޅުވީ، އެކަމަނާ އަކީ އެމްޑީޕީގެ މަންމަ ކަމަށް ޕާޓީގެ ހުރިހާ މެންބަރުން ވެސް ބަލައިގަންނަ ކަމަށެވެ. އަދި އެމްޑީޕީއާ ރައީސް ނަޝީދަށް ދެރަވާނެ ކަމެއް މާރިޔާ ކޮށްފާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

"ރައީސް ނަޝީދަށް ގެއްލުމެއް ލިބިދާނެ ފަދަ ކަމެއް ނުކުރައްވާނެ ކަން ހިތުގެ އަޑިން ގަބޫލު ކުރައްވާނެ އިނގޭތޯ. ސިޔާސީ ބޭނުމަކަށްޓަކައި އިނގިލި ދިއްކުރެވިދާނެ މާރިޔާއާ ދިމާލަށް އަދި އެހެން ވަޒީރަކާ ދިމާލަކަށް ވެސް،" ބިގޭ ވިދާޅުވިއެވެ.

ސިޔާސީ ގޮތުން އަންނަ ކަންކަމަކީ ތުހުމަތުގެ އިނގިއްޔެއް ކަމަށް ގަބޫލު ނުކުރައްވާނެ ކަން ބިގޭ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ވަޒީރަކު އިސްތިއުފާ ދޭންޖެހޭނީ ތުހުމަތުކުރެވޭ ކަމުގެ ހެކި ހުރެގެން ކަމަށެވެ. އެހެންކަމުން މާރިޔާ އެ މަގާމުން ދުރުކުރަން ޖެހޭ ހާލަތެއް އައިސްފައި ނުވާ ކަމަށް ވެސް ބިގޭ ވިދާޅުވިއެވެ.

ބިގޭގެ އެ ވާހަކަތަކަށް ރައީސް ނަޝީދު މިއަދު ވަނީ ރައްދު ދެއްވައި ޓުވީޓެއް ކުރައްވައިފައެވެ. ވިދާޅުވީ، އެހެން ބޭފުޅުން އެމަނިކުފާނަށް ބަހައްޓަވާނެ ވަފާތެރިކަމާއި މަދަދުގެ ވާހަކަ ބިގޭ ނުދެއްކެވުމަށް އެދޭ ކަމަށެވެ. އަދި ސިޔާސީ ފައިދާއަށްޓަކައި ކުރައްވާ ކަންކަމާއި ވިދާޅުވާ ބަސްފުޅުތައް އޭނާގެ ރަހުމަތްތެރިޔާ އަދި އަލިފުށީ ދާއިރާގެ މެމްބަރަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.