ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް މަދުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޯނުލަނބާތީ ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި 1،018 މީހަކު ޖޫރިމަނާކޮށްފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މާސްކް ނާޅައި އުޅުމުގެ ސަބަބުން 253 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށާއި ކާފިއު ގަޑީގައި ބޭރުގައި އުޅެގެން 615 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
"މާސްކް ނާޅާ އަޅުނު 253 މީހަކު ޖޫރިމަނާކޮށްފައިވޭ. އަދި ބޭރުގައި އުޅެގެން 615 މީހަކު ޖޫރިމަނާކޮށްފައިވޭ، މަނާ ގަޑީގައި ވެހިކަލް ދުއްވައިގެން 150 މީހަކު ޖޫރިމަނާކޮށްފައިވޭ،" މަބްރޫކް ވިދާޅުވި އެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ފުލުހުން އަދި އިކޮނިމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މާސް އިންސްޕެކްޝަނުގައި 81 ތަނެއް އިއްޔެ އިންސްޕެކްޓްކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން އެއް ތަން ފިޔަވައި އެހެން ހުރިހާ ތަނެއް ހުރީ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.
މަބްރޫކް ވިދާޅުވީ، ގަވައިދާ އެއްގޮތަށް ނެތް ތަނަށް ނަސޭހަތް ދިނުމަށް ފަހު ކަންކަން ރަނގަޅުކުރަން އަންގާފައިވާ ކަމަށެވެ.
ކޮވިޑް ކޮންޓްރޯލް ކުރުމަށް ރާއްޖޭގެ އިތުރުން މާލޭ ސަރަހައްދުގައި ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކް އެޅުން މަޖުބޫރުކޮށްފައިވާއިރު މާލެއާއި އަތޮޅުތެރޭގެ ބައެއް ރަށްރަށުގައިދަނީ ކާފިއު ހިންގަމުން ނެވެ.
ޚަބަރު
ޚަބަރު
ޚަބަރު