އިރުކޮޅަކުން ވިއާން އަހަރެންގެ މޫނުގައި ހިފާފައި އޭނާގެ މޫނާ ކައިރިކޮށްލިއެވެ. ދެ ނޭވާ އިހުސާސްވާހާ ކައިރިއަށެވެ. އަހަރެންނަށް ދެލޯ މަރައިލެވުނީ އެވަގުތު އުފާވެރިކަން ވިއާނަށް ފުރިހަމައަށް ހޯދައިދިނުމަށެވެ. އެވަގުތަށް ހުދު އަހަރެންނަށްވެސް އެދެވޭތީއެވެ.
ކުއްލިއަކަށް އަހަރެންނަށް ދެލޯ ހުޅުވައިލެވުނީ ނިދީގައި އޮތް ވިއާން ފުރޮޅިލި ގޮތަކުންނެވެ. ހަށިގަނޑުގެ ކޮންމެސް ތަނަކަށް ވޭނެއްގެ އިހުސާސްވުމުން އަނގައިން ވޭނެއްގެ އަޑުވެސް އިވިގެން ދިޔައެވެ. އަހަރެންގެ ދެލޮލުން ނިދިވެސް ފިލައިފިއެވެ. އަހަރެންނަށް ބޯއަޅާލައިގެން އޮވެވުނީ ވިއާންގެ އަތް މަތީގައި ކަން އިނގުނީ ފަހުންނެވެ. ވަގުތުން އަހަރެން ތެދުވެ ވިއާން އަތް އޭނާގެ ގަޔާ ކައިރިކޮށްލީމެވެ. އަނދިރީގެ ތެރެއިންވެސް އަހަރެންނަށް ވިއާންގެ މޫނު ފާހަގަވެއެވެ. ތިރިއަށް ދެފައި ބާލައިގެން އެނދުގައި އިށީނދެފައި ގޮނޑި މަތީގައި އޮތް ފޯނު ނަގާފައި ގަޑި ބަލައިލިއިރު ތިންގަޑި ބައި ވެއްޖެއެވެ. އެނދުން ތެދުވެފައި އިސްތަށިގަނޑު އެއްކޮށްލާފައި ހުޅިއެއް ޖަހައިލަމުން އަހަރެން ގޮސް ވަނީ ފާހާނާއަށެވެ. ވުޟޫކޮށްގެން ނިކުމެ ނަމާދަށް އެރިއިރު ފުން ނިދީގެ ތެރޭގައި އޮތް ވިއާންގެ ނޭވާގެ އަޑު އިވިއިވި ހުއްޓެވެ.
މީގެދުވަސްތަކެއް ކުރިން އަހަރެންނަކީ ނިކަމެތި ހާލުގައި ވަރިކޮށްލާފައި ގެއިން ނެރެލެވުނު ނިކަމެތި އަންހެނަކީމުއެވެ. އަޅާލާނެ އެއްވެސް އިޔާރެއްނެތް އެކަނިވެރިޔަކީމުއެވެ. ބީރައްޓެހި ރަށެއްގައި ވަންނާނެތަނެއް ނެތި އެކަލާނގެ ހަޟްރަތުން އަހަރެންނަށް ދެއްކެވި މަގުން ދިޔައީ އަހަރެންގެ މަންޒިލަކީ ކޮބައި ކަމެއް ހުދު އަހަރެންނަށްވެސް ނޭނގޭ ހާލުގައެވެ. ހެއްދެވިފަރާތަށް ވަކީލުކޮށްފައެވެ. އެކަލާނގެއީ އެއްވެސް އަޅަކަށް ދެރަގޮތެއް މިންވަރު ކުރައްވާނެ ފަރާތެއް ނޫނެވެ. މައިންބަފައިންނަށް ވުރެ ބޮޑަށް އެކަލާނގެ އަޅުތަކުން ދެކެ އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ. އެރޭ އަހަރެން ހިނގާފައި ދިޔައިރު ހިތުގައިވީ ޝަކުވާ އާ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ދުޢާ ތަކެއްގެ ސިފައިގައި އެކަލާނގެ ހަޟްރަތަށް ދަތުރުކުރިއެވެ. އެކަލާނގެ އަހަރެންނަށް ދެއްކެވީ އެކަލާނގެ މަތިވެރިވެގެންވާ ގެކޮޅެވެ. އެ ގެކޮޅަށް އަހަރެން ވަނީ އެކަލާނގެ އަހަރެންނަށް މަދަދުވެރިވާން މެދުވެރިކުރެއްވި އިންސާނާ އެތަނުގެ އެތެރޭގައި އިންކަމަށް ޔަގީންވެގެނެއް ނޫނެވެ. ހެއްދެވިފަރާތުގެ ރަހްމަތުން އެ ހެޔޮ އިންސާނާ އާ އަހަރެން ބައްދަލުކުރުވީއެވެ. އިންސާނާ މިދުނިޔެއަށް ފޮނުއްވުމުގެ އެތައް ބިލިއަން އަހަރެއް ކުރިން އިންސާނާގެ ތަގްދީރު އެކަލާނގެ ވަނީ ލިޔުއްވާފައެވެ. ކޮންމެ އިންސާނެއްގެ ހަޔާތުގައިވެސް ހިނގާނީ އެމީހެއްގެ ތަގުދީރުގައި ރޭވިފައި އޮތް ކަމެކެވެ.
ނަމާދުކޮށްގެން ދުއާ އަށް އަތް ނަގައިގެން އިންއިރު އެއިން އެއްވެސް ކަމެއް އަހަރެންގެ ހިތުން ފޮހެނުލަމެވެ. އެދުވަސްތައް ހަނދާންކޮށްފައި އަހަރެން އެކަލާނގެއަށް ހަމްދުކޮށް ޝުކުރުދެންނެވީމެވެ. ޞާލިހް އާއިލާއަކުން ހެޔޮލަފާ ފިރިއެއް ދެއްވި ކަމަށްޓަކައި ޝުކުރުގެ ސަޖިދައެއް ޖެހީމެވެ. ފިރިމީހާ އާ އެކު އަބުރުވެރި ދިރިއުޅުމަކަށް އުންމީދުކުރާ ހާލުގައި އެކަލާނގެ އާ މުހާތަބްކޮށް އާދެސް ދެންނެވުމުގައި އެތައް ވަގުތެއް ހުސްކުރީމެވެ.
މުސައްލަ މަތިން ފައިބައިގެން ގޮސް ވިއާން ކައިރީގައި ހުރި ގޮނޑީގައި އަހަރެން އިށިންއިރު ފަތިސް ނަމާދަށް ގޮވަން މާގިނަ ވަގުތެއް ނެތެވެ. އަހަރެން އިނީވެސް ނަމާދު ބުރުގާ އާ އެކުގައެވެ. ވިއާން ބާލީސް ކައިރީގައި އޮތް އަހަރެންގެ ފޯނު ހުޅުވާލިތަނާ ކޮޓަރި ތެރެއަށް ފެތުރިގެން ދިޔައީ ހުދުކުލައިގެ ފަނޑު އައްޔެކެވެ. އެ އަލީގެ ތެރެއިން އަހަރެންނަށް ބަލައިލެވުނީ ވިއާންގެ މޫނަށެވެ. ފުން ނިންޖަކުން ނިދާލާފައި އޮތްއިރު ވިއާންގެ މޫނުމަތީގައި ލޯބި ގޮތެއް ހުއްޓެވެ. މޫނުން ފެށިގެން މޭމަތިން ދަތުރުކޮށް އަހަރެންގެ ނަޒަރު ހުއްޓައިލެވުނީ ވިއާންގެ ހިނދި ބަނޑަށެވެ. ކަސްރަތުކޮށް ހަށިގަނޑު އެއްވަރެއްގައި ބަހައްޓަން މަސައްކަތްކުރާ ޒުވާނެއްކަން އަހަރެންނަށް ޔަގީންވިއެވެ. އަހަރެންނަށް ވިއާންގެ މޫނަށް ބަލައިލިގޮތަށް އަތުން ބޮލުގެ އިސްތަށިގަނޑުގައި ފިރުމައިލެވުނެވެ. ކުއްލިއަކަށް އަހަރެންގެ ހަނދާނާ ކުޅެލީ އަހަރެންނާ ވިއާންގެ ކައިވެނިކުރެވުނު ވަގުތުކޮޅެވެ. އާއެނކެވެ. މިއީ އަހަރެންގެ ފިރިމީހާއެވެ. އަންބެއްގެ ގޮތުގައި ގާޒީގެ ކުރިމަތީގައި ދެ ހެކިވެރިންގެ ހެކިބަހާއެކު ވިއާން އަހަރެން އަނބެއްގެ ގޮތުގައި ބަލައިގެންފިއެވެ. އަހަރެންނަށް އެކަލާނގެ ދެރަގޮތެއް މެދުވެރިއެއް ނުކުރެއްވިއެވެ.
އެހުރިހާ ހަނދާންތަކާއެކު ދެން އަހަރެންނަށް ސިފަވެގެން ދިޔައީ ނިދި ވަގުތު ވިއާންގެ އޭނާގެ ދެއަތުގެ ތެރެއަށް އަހަރެން ގެނައި ގޮތެވެ. އަންބަކަށް ފިރިއެއްގެ ފަރާތުން ކައިވެނީގެ ފުރަތަމަ ރޭ ލިބެންޖެހޭ ލޯތްބާ އޯގާތެރިކަން އެންމެ ފުރިހަމައަށް ނުދެވުނަސް އޭނާ އަހަރެން ހިތްހަމަޖައްސައިދިނެވެ. އޭނާގެ ބަސްތަކުންނާ ލޯބިވެތި ކުދި ސަމާސާތަކުންނެވެ. އަހަރެންނަށްޓަކައި އޮތް ހަދިޔާ ބޮޑުވާނޭ ބުނީ އަހަރެން ކަންފަތްދަށުގައި ނުލާހިކު ސިއްރުންނެވެ. އޭނާ ގަދަވެ މީހެއްގެ އެހީތެރިކަމާނުލާ ދެފައި މައްޗަށް ކޮޅަށް ތެދުވެވޭނެ ދުވަހަކުން އެންމެ ފުރަތަމަވެސް އޭނާގެ ދެއަތް ދަނޑިމައްޗަށް އުފުލާލާނީ އަހަރެން ކަމުގައި ބުންޏެވެ. އެދުވަހަކުން އަހަރެން ނިދާ ތަންމައްޗަކަށް ވާނީ ވެސް އޭނާގެ މޭމައްޗޭ ބުންޏެވެ. އަހަރެން ބައިންދާނީ އޭނާގެ ދެލޮލުގެ އެސްފިޔަމަތީގައި ތާޖު އަޅުވާފައޭ ބުނެލިއެވެ. އަންބަކަށްޓަކައި ފިރިއަކުން ދުލުން ބޭރުކުރާނެ ހުރިހާ ލޯބި ބަސްތައް އަހަރެންނަށްޓަކައި އޭނާ ބޭރުކުރިއެވެ.
ވިސްނުންތަކާ ހިޔާލުތަކުގައި މޮޔައެއްހެން އަހަރެންނަށް ހެވިފައި އިނދެވުނީ ފޯނުން ބަންގީގެ އަޑު އިވެންދެކަށެވެ. ނަމާދަށް އެރުމުގެ ކުރިން އަހަރެން ވިއާނަށް ގޮވީމެވެ.
"ބަންގި ގޮވައިފި. ހިނގާ ނަމާދުކުރަން" ވިއާން ދެލޯ ހުޅުވައިލުމާއެކު އަހަރެން ބުނީމެވެ. ނިދީގެ ތެރޭގައި އޮވެފައި ކުއްލިއަކަށް ތެދުވެ ކޮޅަށްޖެހެން ކޮންމެ މީހަކަށްވެސް އުނދަގުވާނެއެވެ. ވިއާނަށްވެސް ފުރަތަމަ އެކަހަލަ އުނދަގުތަކެއް ވިކަން އަހަރެންނަށް އެނގުނެވެ. އަހަރެން ގޮވިފަހުންވެސް ދެފަހަރަކު ދެލޯ މަރައި ބާރުކޮށްލާފައި ހުޅުވައިލިއެވެ. ކާންޖެހޭ ބޭސްތަކެއްގެ ސަބަބުން އޭނާއަށް ނިދި ކޮންޓްރޯލްކުރަން ދައްޗެވެ. އެކަން އަހަރެންނަށް އިނގުނެވެ. އެހެންނަމަވެސް ދެފަހަރު ތިންފަހަރު ގޮަވަން އަހަރެންނަށް ނުޖެހުނެވެ. އެނދުން ތެދުވަން ބޭނުންވާ ކަމުގައި ބުނެލިއެވެ.
ނަމާދުކުރާ ތަނުގައި ގޮނޑީގައި ވިއާން ބައިންދާފައި އަހަރެން އައިސް ނަމާދުކުރަން ފެށީމެވެ. ތަނަށް ވެރިވެގެންދިޔަ ހަމަހިމޭންކަމާއެކު ދެން ފާއިތުވެގެންދިޔަ ދިހަ ވަރަކަށް މިނިޓް އަހަރެމެން ހޭދަކުރީ ނަމާދު ކުރުމުގައެވެ.
ނަމާދުކޮށް ނިމިގެން ވިއާން އެނދުގައި ބައިންދާފައި އަހަރެން ލައިޓްޖެއްސިތަނާ ކޮޓަރީ ދޮރުގައި ޓަކި ޖަހައިލި އަޑު އިވިއްޖެއެވެ. އަހަރެން ދޮރުހުޅުވާލިއިރު ކުރިމަތީގައި ހުރީ ނަރުސް ކުއްޖެކެވެ.
"ވިއާން ހޭލައިދޯ. އެހާ އަވަހަށް ނާންނަން ހުރީ ދެކުދިންނަށް އުނދަގުވެދާނެތީ" އެތެރެއަށް ވަދެގެން އައި ދިވެހި ނަރުސްކުއްޖާ ބުނެލިއެވެ. ވިއާން ހީލިއެވެ. އެކުއްޖާގެ މޫނުމަތީގައި ބީރައްޓެހިގޮތެއް ނެތެވެ. ހެޔޮ ކުއްޖެއް ފާޑު ޖަހައެވެ.
"ރޭގައި ރަނގަޅަށް ނިދުނުތަ؟" ސަމާސާ އެކުލެވޭ ރާގެއްގައި ނަރުސްކުއްޖާ އަހައިލިއެވެ. އެނަރުސްކުއްޖާ ދިޔައީ އެކުއްޖާގެ ވާޖިބު އެންމެ ފުރިހަމައަށް އަދާކުރަމުންނެވެ. ބީޕީ ޗެކްކޮށް ހުން ހުރިތޯ ޗެކް ކުރަމުންނެވެ. ވިއާނާ ސަމާސާކުރަމުން އެކުއްޖާ ނިކުންނަމުން އަމިއްލައަށް ދޮރު ތަޅުލިއެވެ.
"ނަސީބަކުން މި ރޫމު ކައިރިއަށް ޑިޔުޓީއަށް އަންނަ ކުދިން ވަރަށް ރަނގަޅު ދޯ" އަލުން ގޮނޑީގައި އިށީންނަމުން އަހަރެން އެހީމެވެ.
"އާނ. ދެންމެ އެއައި ނަރުސް އަދި ވަކިން ހެޔޮވާނެ. ވަރަށް ސަމާސާ ކުރާނެ. މަލް ހުރީމަ އަދި އޭނައަށް ރަނގަޅަށް އަހަރެންނާ ދިމާނުކުރެވުނީ. މަލް ލަދުންހުރީމަ" ވިއާން ބުނެލިއެވެ. އަހަރެން ހީލީމެވެ. ދެން ހޭދަވެގެން ދިޔަ ފަނަރަމިނިޓް ދިޔައީ ދެމީހުން ހެނދުނުގެ ޒިކުރުތައް ކިޔުމުގައެވެ.
"ބަނޑުހައިވޭތަ؟ ފުރިޖުގަ އެބަހުރި ފުރުޓްސް. ދޭންވީތަ؟" އަހަރެން އެހީމެވެ.
"ނޫނޭ. މިގަޑީގަ ފުރުޓެއް ނުކެވޭނެ" ވިއާން ބުނެލިއެވެ.
"ކެންޓީނަށް ގުޅަންވީތަ ކޮފީއެއް ގެންނަން. ނޫނީ އަހަރެންނަށް ގަންނަންވެސް ދެވިދާނެ" އަހަރެން އެހީމެވެ.
"ނޫން ދާނެކަމެއްނެތް. މަންމަ ކާއެއްޗެހި ހިފައިގެން އަންނަންދެން މަޑުކުރާނީ. މިވަގުތަށް ފެންތައްޓެއް ދީ" ވިއާން ބުނެލިއެވެ. ވިއާން އެދުނުގޮތަށް އަހަރެން އޭނާއަށް ފެންދިނީމެވެ. ވިއާން އެނދުގައި އިށީނދެގެން އިންއިރު އޭނާގެ ދެފައި އޮތީ އަހަރެންގެ އުނގުތެރޭގައެވެ.
"ރޭގައި އަހަރެން ހާދަ އުފަލެއްވިޔޭ" ވިއާން ބުނެލިއެވެ. ވިއާން ފަށަން އެ އުޅޭ ވާހަކަ އަހަރެންނަށް އިނގުނެވެ.
"ސީރިޔަސްލީ. އެންމެ ގާތަށް ނުދެވުނަސް އަހަރެންނަށް ރޭގައި މަލް އާ ވަރަށް ގާތަށް ދެވިއްޖެ. އައި ފީލް ސޯ ގުޑް" ވިއާން ބުނެލިއެވެ.
"ވިއާން އުފަލުން ހުރީމަ އަހަރެން ވަރަށް އުފާވޭ" އަހަރެން ބުނީމެވެ.
"މިރޭވެސް އަހަރެން ކައިރީގައި އޮންނާނަން ދޯ. އަހަރެން އަބަދުވެސް ބޭނުންވަނީ ނިދާ ގަޑީގަ މަލްގެ ހަށިގަނޑު އަހަރެންގެ ގައިގައި ޖެހިފަ އޮންނަން" ވިއާން ބުނެލިއެވެ.
"ނޫން. ރޭގައި އަހަރެންނަށް ހޭލެވުނީ ނިދީގައި އޮވެފައިވެސް ވިއާނަށް ތަދުވެގެން އުޅޭތީ" އަހަރެން ބުނީމެވެ.
"އެހެން ތަދެއްވެލިޔަސް ރަނގަޅުވާނެ. ބަލި އެނދެއްގައި އޮތަސް އަހަރެން މިހާރު އެހާ ބައްޔެއްނޫން. ކުރިއަށް ވުރެ ވަރަށް ބޮޑުތަން ރަނގަޅު. މަލްއަށް އިނގޭތަ އަހަރެން އެހައި އަވަހަށް މިރަނގަޅުވަނީ ކީއްވެގެންކަން" ވިއާން ބުނެލިއެވެ.
"ކީއްވެޔޯ" އަހަރެން އެހީމެވެ.
"ހިތްހަމަޖެހޭތީ. މަލް އަހަރެންގެ މުޅި ދިރިއުޅުން ބަދަލުކޮށްލައިފި" ވިއާން ބުނެލިއެވެ.
"އަލްހަމްދުލިﷲ. ދުނިޔޭގެ ހުރިހާ އުފަލެއް އަހަރެންގެ ފިރިމީހާއަށް ދެއްވާށި" އަހަރެން ބުނީމެވެ.
ފަހުން އަހަރެން ވިއާނަށް ވިސްނައިދޭން ފެށީމެވެ. ހޮސްޕިޓަލުގެ އެނދުމަތީގައި ދެމީހުންނަށް ވަގުތު ހޭދަނުކުރެވޭނެ ކަމަށް ބުނީމެވެ.
"އަހަރެން ބޭނުމެއްނޫން ވިއާނަށް ކުޑަވެސް ވޭނެއް ލިބެން" އަހަރެން ބުނީމެވެ.
"ﷲ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ވިއާނަށް ގެއަށް ދެވޭނެ. ދުވަހަކަށް ފަހު ދުވަހެއް ރިކަވަރ ވަމުން އެދަނީ. އަހަރެންނަށް ކެތްކުރެވޭނެ. ވިއާން ކޮންކަމަކާ ބިރުގަންނަނީ؟ އަހަރެން ނުގެއްލޭނެ. އަބަދުވެސް އަހަރެން ހުންނާނީ ވިއާންގެ ލޮލަށް ފެންނަ ހިސާބުގައި" އަހަރެން ވިސްނައިދިނީމެވެ.
މަންމަ އައިސްވަނީ ހެނދުނު އަށެއްޖަހަން އުޅެނިކޮށެވެ. ހިފައިގެން އައި ތަށިބަރި ކާމޭޒު ކައިރިކޮށްލާފައި އޭގެ މަތީގައި ބެހެއްޓިއެވެ. މަންމަ އެނދުގައި ވަރުބަލި ފިލުވައިލަން އިށީނުމުން އަހަރެން މަސައްކަތް ފެށީ ވިއާނަށް ރޮށި މޮޑެދިނުމަށެވެ. އަހަރެންނަށް ފާހަގަވީ މަންމަ އަހަރެންގެ މޫނަށް ބަލަމުން ދިޔަ ކަމެވެ.
"މަންމަ ހިނގާފަތަ އައީ؟" އަހަރެން އެހީމެވެ.
"އާނ. އެހާ ހެނދުނު ވީމަ އެއްވެސް ޓެކްސީ ސެންޓަރަކުން ނަންބަރެއް ނުލިބުނު. ސްކޫލަށް ދާ ކުދިންނާ އޮފީސްތަކަށްދާ މީހުންވެސް އެގަޑީގައި ގުޅާނެތާ. ނުލާހިކު ވިއްސާރަކޮށް އޮތީ. މަންމައަށް ފެންނަނީ މަލް އަވަހަށް ގެއަށް ދާން" މަންމަ ވާހަކަދެއްކިއެވެ.
"އާނ. ވިއާން ކައި ނިމުނީމަ މި ތަށިތައް ހިފައިގެނެއްނު ދެވޭނީ" ސަމްސަލުން ވިއާނަށް ކާންދެމުން އަހަރެން ބުނީމެވެ.
"މަންމާ، ޒިޔާން އަތުގަ އޮންނާނެ އަޅުގަނޑުގެ ސައިކު ތަޅުދަނޑި. ކީއްވެ ޒިޔާނާއެކު ނައީ" ވިއާން އެހިއެވެ.
"އަހަރެން ނޫޅެން އޭނާ އާ އެކު ތަންތަނަށް ދާކަށް" މަންމަ ބުނެލިއެވެ. ހިތްހަމަނުޖެހިފައެވެ.
"ތިހެންނުބުނޭ މަންމާ، ޒިޔާން ރަނގަޅު ކުރެވޭނީ އެންމެން އެއްބައި ވެގެން މަސައްކަތްކުރީމަ. މަންމަ ތިހެން ހަދަންޏާ އޭނަ ވަރަށް ދެރަވާނެ" ވިއާން ވާހަކަދެއްކިއެވެ.
"އެހައި ރަނގަޅުވީމަތާ އެވަރަށް ފަތިހު ނަމާދަށް ގޮވީމަ އަޅައިވެސްނުލާ އޮތީ" މަންމަ ބުނެލިއެވެ.
"އަދި ޝަކުވާނުކުރޭ މަންމާ. ﷲ އިރާދަކުރެއްވިއްޔާ މަންމަ ބޭނުންވާ ހުރިހާ ހެޔޮ ބަދަލެއް އަދި ޒިޔާންގެ ކިބައިން ފެންނާނެ" ވިއާން ބުނެލިއެވެ. އަހަރެންނަށް އިނދެވުނީ ވިއާންގެ މޫނަށް ބަލަހައްޓައިގެންނެވެ. އަހަރެންގެ ހިތުގައިވެސް އޮތީ ހަމަ މަންމަގެ ހިތުގައި އޮތް ގޮތަށެވެ. އެހާއަވަހަށް ޒިޔާން ބަދަލުވެދާނެ ކަމަކަށް އަހަރެންގެ ހިތެއް ނުބުނެއެވެ. ވީއިރު އެ ޔަގީންކަން ވިއާނަށް ލިބެންވީ ކީއްވެގެން ހެއްޔެވެ؟
"މަލް ދާނީ މަންމަ ފާހަނައިން ނިކުތީމަ އެނގޭ" ވިއާނަށް ފެންތަށި ދިންތަނާ މަންމަ ބުނެލިއެވެ.
ބޭނުންވާ އެއްޗެހި ދަބަހަށް އަޅާފައި އަހަރެން ބަލައިލީ ވިއާނަށެވެ. ވިއާން އަހަރެންނަށް އަތްދިއްކޮށްލިއެވެ. އަހަރެން އޭނާގެ ދެއަތުގެ ތެރެއަށް ވަނުމާއެކު ބައްދައިލީ ނުލާހިކު ލޯބިންނެވެ. ނިތުގައި ބޮސްދީފައި ގަޔާ ދުރުކޮށްލަމުން އަހަރެންގެ މޫނަށް ބަލައިލިއެވެ.
"ވަރަށް މިސްވާނެ. ދެން އަނެއްކާވެސް މަލް ފެންނާނީ މިރޭ ދޯ. ހާދަ ދިގު އިންތިޒާރެކޭ" ވިއާން ބުނެލިއެވެ.
"ފަހުން ރަނގަޅުވާނެ. ބަސްއަހައިގެން އޮންނާތި އިނގޭ. ރަނގަޅަށް ބޭސްކާތި. އޭރުން އަވަހަށް ގެއަށް ދެވޭނީ. އަދި ބުނަން. މާބޮޑަށް އަހަރެންގެ މަތިން ހަނދާންނުކުރާތި" ވިއާންގެ ނޭފަތު ކުރީގައި އިނގިލިން ޖަހައިލަމުން އަހަރެން ބުނީމެވެ. ހީލަމުން ވިއާން އަހަރެންގެ ދެއަތްތިލައިގައި ބޮސްދިނެވެ. މަންމަ ފާހާނައިގެ ތަންޑު ނައްޓައިލި އަޑުއިވުމާއެކު އަހަރެން ވިއާނާ ދުރަށް ޖެހިލީމެވެ.
"މަލް، މަންމަ މިއައީ ސައިހަދާ ނިންމާފައި. މާމަ އެބައުޅޭ އެއްޗެހި ދޮންނަންވެގެން. ޒިޔާން އަދި ނުހޭލާ. އެކަމަކުވެސް މަންމަ ހުންނާނީ ސައި މޭޒުމައްޗަށް އަރުވާފަ. ދަރިފުޅު ކޮންމެހެން ޒިޔާނުގެ މަސައްކަތެއް ނުކުރިޔަސް މަންމަގެ މައްސަލައެއްނެތް. އެކަމަކު ޒިޔާން ދަރިފުޅަށް ގޯނާއެއްކުރަން ފުރުސަތެއް ނުދޭތި. މާމަވެސް އުޅޭނެއްނު ގޭގަ" މަންމަ ވާހަކަދެއްކިއެވެ.
"މަންމާ، އޭނަ ގޯނާއެއް ނުކުރާނެ" ވިއާން ބުނެލިއެވެ.
އަހަރެން ހީލާފައި ވިއާނަށް ބައި ކިޔާލީމެވެ. އަހަރެން ނިކުތްއިރުވެސް ވިއާން އިނީ ބަލަހައްޓައިގެންނެވެ. އޭނާ އެއްގޮތަކަށްވެސް އަހަރެން ގެއަށް ދާން ބޭނުންނުވާ ކަހަލައެވެ.
ވާރޭ އޮށްސާލީ އަހަރެން ގޭތެރެއަށް ވަންތާ އިރުކޮޅެއް ފަހުންނެވެ. ސިޓިންރޫމުން އެއްވެސް މީހަކު ފެންނަން ނެތެވެ. އަހަރެންނަށް ކޮޓަރި އާ ހަމައަށް ދެވުނީވެސް ވިއާންގެ ކޮޓަރި އާ ދިމާލަށް ބަލަމުންނެވެ. އެކޮޓަރީގެ ހަތަރުފާރުން އެތެރޭގައިވީ އަހަރެން އެންމެ ފޫހިވާ އިންސާނާއެވެ.
ހެދުން ބަދަލުކޮށްގެން އަތާއި ފައި ދޮވެގެން އަހަރެން ބަދިގެއަށް ދިޔައީ ބަނޑުހައިވެފައި ހުރި ވަރުންނެވެ. ބަދިގެ ތެރެއިންވެސް މާމަ ފެންނަން ނެތެވެ. މޭޒުމައްޗަށް މަންމަ ސައި ހަދާފައި ހުރީ ޒިޔާނަށް ކަން އިނގޭތީ އަހަރެން ސައިބުއީ ތެލިތަކުން ތައްޓަށް އަޅައިގެންނެވެ.
"ދަރިފުޅު ކޮންއިރަކު އައީ؟" ބަދިގެއަށް ވަދެގެން އައި މާމަ އަހަރެން ފެނުމާއެކު އަހައިފިއެވެ.
"އިރުކޮޅެއްވެއްޖެ. މާމަ ސައިބޮއެފިންތަ؟" އަހަރެން އެހީމެވެ.
'އާނ. މާމަ ތިކަން ކުރިތާ ކޮންއިރެއް؟ އެއްޗެހި ދޮވެވެސް ނިމިއްޖެ" މާމަ ބުނެލިއެވެ.
"މާމަ ކީއްކުރަން ދޮވުނީ؟ އަޅުގަނޑު އަންނަންދެން ބެހެއްޓިނަމައެއްނު" އަހަރެން ބުނީމެވެ.
"އެއީ އެހައި ބުރަކަމެއްތަ؟ މާމަ ހަމައެކަނި އެއްޗެހި އެޅީމަ މެޝިނުން ދޮވުމުގެ ބައި ކުރިއަށް ގެންދިޔައީ. މާމަވެސް ވާނެތާ ކުރެވުނު ކަމެއް ކުރަން" މާމަ ބުނެލިއެވެ.
ބާކީ އޮތް ވަގުތުތަކުގައި އަހަރެން ސައިބޮއެ ނިމެންދެކަށް މާމަ އިނެވެ. އެހުރިހާއިރު މާމަ އިނީ މަންމަ ފަދައިން އަހަރެންނަށް ބަލަހައްޓައިގެންނެވެ. އެކަން އަހަރެންނަށް ބޮޑަށް ފާހަގަވީ ތަށި ހިފައިގެން ތެދުވަން އުޅެނިކޮށެވެ.
"ދަރިފުޅު ތިއިނީ ވަރަށް ހިތްހަމަޖެހިފަތަ؟" މާމަ އެހިއެވެ.
"ލައްބަ. ވަރަށް ބޮޑަށް" އަހަރެން ބުނީމެވެ.
"އެކަން މާމައަށް އިނގޭ. ދަރިފުޅުގެ ދެލޮލުންވެސް އެކަމަށް އެބަ ހެކިދޭ. މާމައަށް އިނގޭ ދެމަފިރިންގެ ތެެރެއިން އެކަކުވެސް ހޮސްޕިޓަލުގެ ބަލި އެނދުގައި އޮވެ ކައިވެނިކުރަން ޖެހުމުން ދެމަފިރިންނަށްވެސް ކައިވެނިން ލިބިދޭންޖެހޭ ހަގީގީ އުފާވެރިކަން ނުލިބޭނެކަން. އެކަމަކު ކެތްތެރިވާންވާނެ. އުފާކުރަންވީ މިހާރު ހަލާލު ކައިވެންޏެއްގެ މަތީގައި ހުރެވޭކަމަށްޓަކައި. ހަމަ ގައިމުންވެސް މިހާރު މަލްގެ އަތުން ހިދުމަތްކޮށްދޭންޖެހޭނީ ހިލޭ ފިރިހެނަކަށް ނޫން. ހާލަތު ކޮންމެ ގޮތަކަށް އޮތް ނަމަވެސް ދެކުދިންގެ ކައިވެނި ކުރެވުނީތީ މާމަ އުފާކުރަން. އިސްލާމްދީނުގަ އަންގަވާފައި އޮންނަނީ ކައިވެނި ކުރެވޭނެ ކިތަންމެ ކުޑަ ފުރުސަތެއް އޮތް ނަމަވެސް ކައިވެނި ނުކޮށް ދޫކޮށްނުލުމަށް" މާމަ އަހަރެންނަށް ވިސްނައިދިނެވެ.
ޒިންކު ކައިރިއަށް ގޮސް ތަށި ދޮވެގެން އެނބުރުލިތަނާ އަހަރެންނަށް ސިހުމެއް ލިބުނީ ބަދިގޭ ދޮރުމަތީގައި އަހަރެންނަށް ބަލަހައްޓައިގެން ހުރި ޒިޔާން ފެނިފައެވެ. ހަތަރުކަޅި ހަމަވުމާއެކު ނަޒަރު ވަކިކޮށްލީ ޒިޔާނެވެ. އޭނާ ލައިގެން ހުރީ އަޅިކުލައިގެ ޓީޝާޓަކާ ސޯޓެކެވެ. އަހަރެން މަޑުމަޑުން ހިނގާފައި ގޮސް ހަރުގަނޑު ތެރެއަށް ތަށި ލާފައި ހިނގައިގަތްތަނާ މާމަ ގޮވާލައިފިއެވެ.
"މެންދުރަށް ކޯޗެއް ކައްކަނީ؟" މާމަ އެހިއެވެ. މާމައަށްވެސް ޒިޔާން ފެނުނީ ދެނެވެ. ދެން މާމަ ބަލައިލީ އަހަރެންނަށެވެ. ޒިޔާން ކައިރިންލާފައި އަހަރެން ދިޔުމުންވެސް އޭނާ އަހަރެންނަށް ބަލައިނުލިއެވެ.
"ކިހިނެއްވެފަ ތިހުންނަނީ؟ އާދޭ ސައިބޯން" މާމަ ބުނެލިއެވެ. އަހަރެންނާ ބަދިގެ އާ ގާތަށް ޖެހިލެވުނީ މާމައަށް ޒިޔާން އަނިޔާވެރިވެ ބިރުދައްކައިފާނެ ކަމަށް ހިތުގައި އުފެދުނު ޝައްކުގެ އޮއެވަރެއްގެ ސަބަބުންނެވެ.
"ތިކުދިންގެ މަންމަ ދިޔައީ ސައިހަދާފަ" ޒިޔާނަށް ތަށި ކައިރިކޮށްދެމުން މާމަ ބުނެލިއެވެ. ޒިޔާން އެއްވެސް ބަހެއް ނުކިޔާ އިނެވެ.
"ކަޅު ސައިތަ؟ ނޫނީ ކޮފީތަ؟" މާމަ އެހިއެވެ.
"ކަޅު ސައި ރަނގަޅުވާނެ" ޒިޔާން ބުނެލިއެވެ. މާމަ ވަގުތުން ކަޅުސައި ތައްޔާރުކޮށްދިނެވެ.
"ހޮސްޕިޓަލަށް ކާއެއްޗެހި ގެންގޮސްދޭނަން. ރެޑީކޮށްލާފަ ބުނޭ" ޒިޔާން ބުނެލިއެވެ.
ޒިޔާން އެހައި މަޑުމައިތިރިކޮށް ވާހަކަދެއްކުމުން އަހަރެންނަށް ލިބުނީ ހައިރާންކަމެކެވެ. އޭނާއަށް ހަމަ ރަނގަޅަށްވެސް ހެޔޮ ބަދަލެއް އައީ ހެއްޔެވެ؟ ނޫނެކެވެ. އަދި އެހައި އަވަހަށް އަހަރެން އެގޮތަށް ނިންމައިގެން ނުވާނެއެވެ. އަހަރެންޖެހޭނީ ޒިޔާންގެ މަގްސަދަކީ ކޮބައިކަން ބަލާށެވެ.
މެންދުރު ނަމާދުކޮށް ނިމުނުތަނާ އެނދުމަތީގައި އޮތް ފޯނު ރިންގުވަމުން ދިޔައެވެ. ބަލައިލިއިރު ވިއާނެވެ. އަހަރެން ފޯނު ނަގައި ކަންފަތުގައި ޖެހިއިރު ނަމާދުކުރާ ދޮޅިވެސް ނުނެގެއެވެ.
"ވަަރަށް ހެއްވާ. މިހުރިހާއިރު ގުޅާނުލާ. މަންމަ ހަމަ އެއްފަރާތަކަށް ޖެހިލީ އަހަރެން މަތިން މިސްވީ" އަހަރެން ބުނީމެވެ.
"ނޫނެކޭ. މަންމަ ހުއްޓަ ގުޅައިގެން އެހައި ލޯބިން ވާހަކަދައްކަން ނުކެރެނީ. އިނގޭތަ ހެނދުނު ޑޮކްޓަރު އައެއްނު" ވިއާން ބުނެލިއެވެ. ފޯނު ކަންފަތާ ކޮނޑާ ދެމެދު ހައްޔަރުކޮށްލައިގެން ހުރެ ވިއާނާ ވާހަކަދައްކަމުން މުސައްލަ ފަތްޖަހާލާފައި ނެގީމެވެ.
"އެހިން ޑިސްޗާޖުކުރަނީ ކޮންއިރަކުންހޭ. ބުނީ މިއަދު ބަލާފައި މާދަމާ ރަނގަޅިއްޔާ ގެއަށް ފޮނުވައިދޭނަމޭ. ވަގުތުން ބުނެފިއޭ ދެން ނުވާނޭ މިތާ އޮންނަހިތެއް. ހެހެހެ..." ވިއާން ހީލާފައި ވާހަކަދެއްކިއެވެ. ކޮންމެއަކަސް ވިއާން އަހަރެން ދިނީ ވަރަށް އުފާވެރި ހަބަރެކެވެ.
"މިހާރުވެސް މަލް ދެކިލާހިތުން މިތާ އޮވެވެނީއެއްނޫން. ގެއަށް ދާން ބޭނުމީ" ވިއާން ބުނެލިއެވެ.
"ޔަގީންތަ ތިހުރިހާ ކަމެއް ތިވަނީ ކައިވެނީގެ ކުރީކޮޅުގަ ވީމަ ނޫންކަން. އާންމުކޮށް އެހެން ފިރިހެނުންނަށްވެސް ކައިވެނީގެ ކުރީކޮޅުގަ ތިކަހަލަ ގޮތްގޮތްވޭ" އަހަރެން ބުނީމެވެ.
"ޓޫހަންޑްރެޑް ޕަސެންޓް ޔަގީންކަން ދެން. އަހަރެން މަލްދެކެ ވަރަށް ލޯބިވޭ. އަބަދުވެސް މިހެން ލޯބިން ބުނާހިތްވޭ" ވިއާން ބުނެލިއެވެ.
ވިއާން ބުނި އެއްޗަކުން ހީލާފައި ދޮރާ ދިމާލަށް އެނބުރިލިތަނާ އަހަރެންގެ ތުންފަތުގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. ސިހުނުވަރުން އަތުގައި އޮތް ފޯނުވެސް ދޫވިއެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ