މި ހިނގާ ދިރާސީ އަހަރުގެ ކިޔެވުން ނިމެންދެން މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ މާލެ ކޮވިޑްގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ލަފާގެ މަތީން، މިހިނގާ ދިރާސީ އަހަރު ނިމެންދެން މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ހުރިހާ ގްރޭޑްތަކުގެ ދަރިވަރުންގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ހިނގާ ދިރާސީ އަހަރު ނިމެނީ މި މަހު 24 ވަނަ ދުވަހު އެވެ. އަދި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހު އެވެ.

މާލެ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް ބޮޑުތަނުން އިތުރުވެގެން ދިއުމުން މިދިޔަ މެއި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ސްކޫލުތައް ބަންދުކޮށް، އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

އެލްކޭޖީން ފެށިގެން ގުރޭޑް 6 ގެ ދަރިވަރުންގެ ކުލާސްތައް މިދިޔަ މާޗް މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ. އަދި ގުރޭޑް 7 އިން 12ގެ ދަރިވަރުން ކިޔަވަމުން އައީ ސްކޫލަށް ހާޒިރުވެގެންނެވެ. ނަމަވެސް ކޮވިޑް ކޭސްތައް މަދުވުމާ ގުޅިގެން ލުއިދީ، ހުރިހާ ގްރޭޑެއްގެ ދަރިވަރުންނަށްވެސް ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭ ގޮތަށް ފަހުން ބަދަލު ގެނަ އެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވެ، މާލޭ ސަރަހައްދު ހިމެނޭ ގޮތަށް މޮނީޓަރިންގެ ހާލަތަށް ލާފައިވާ ރަށްތަކުގެ ދަރިވަރުންނަށް މި ހިނގާ ދިރާސީ އަހަރުގެ ފަހު އިމްތިހާނުގެ ބަދަލުގައި ޓީޗާ ބޭސްޑް އެސެސްމަންޓެއް ދިނުމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.