ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދައުލަތުން ދެމުންދާ ހިމާޔަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާ ކުރުމަށް އެކަށީގެންވާ މުވައްޒަފުންނާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ރަސްމީ ގެކޮޅެއް ހަމަޖައްސަން، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގައި، މަޖިލިސް ރައީސް އިހުތިޔާރު ކުރާ ބަޔަކު ހަށި ފާރަވެރިންގެ ގޮތުގައި ބެއިތިބޭނެގޮތަށް ކަނޑައަޅަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި އެ ބިލުގެ ބަހުސްގައި ޝިޔާމް ވިދާޅުވީ، ހުސްވި މެއިމަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގު ކުރިއަށްދާއިރު ބޮޑެތި ގޮންޖެހުންތަކެއްް ކުރިމަތި ވާކަމަށެވެ.
އެހެންކަމުން މަޖިލިސް ރައީސްގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ހާއްސަ ގެ ކޮޅެއް ހަމަޖައްސަން ގާނޫނުން ލާޒިމު ކުރާއިރު މަޖިލިސް ރައީސް ބޭނުންފުޅުވާ ބަޔަކު ހަށި ރައްކަލަކަށް ބެއިތިއްބުމުގެ ފުރުސަތު ލިބޭގޮތަށް ބިލަށް އަކުރެއް އިތުރު ކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
ހުށަހެޅުއްވި އެ ބިލަކީ މަޖިލިސް ރައީސަށް ރަސްމީ ގެކޮޅު ހަމަޖައްސައި އެ ގެކޮޅޮގެ ސެކިއުރިޓީއާ ބެހޭ ކަންކަން ހަމަޖެއްސުމަށް ގާނޫނުން ލާޒިމުކޮށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނެސް އެ ބައިތައް ގާނޫނަށް އިތުރު ކުރަން ހުށަހަޅާފައިވާ ބިލެކެވެ.
މި ބިލުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އޭނާގެ އާއިލާ ދިރިއުޅޭނެ ރަސްމީ ގެއަކާއި އެ ގެއަށް ބޭނުންވާ އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއި އެ ގެއަށް ހިނގާނެ ހަރަދު ދައުލަތުގެ ފަރާތުން ހަމަޖައްސައި ދޭންވާނެ ކަމަށެވެ.
މަޖިލިސް ރައީސްގެ ރަސްމީ ގެކޮޅަކީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެ ފަދަ ގޮތަކަށް ހުރި ގެއެއް ކަމުގައި ވާންވާނެ ކަމަށްވެސް އެ ބިލްގައި ބުނެފައިވެ އެވެ.
ބިލުގައި ބުނެފައިވަނީ މަޖިލިސް ރައީސްގެ ރަސްމީ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ވާނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ކަމަށާއި އެ ގެކޮޅަށް ބޭނުންވާ މުވައްޒަފުން ހަމަޖައްސާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އާއިލާ ކަމަށް ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ އެކުގައި ދިރިއުޅޭ، އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާ އާއި ދަރިންނާއި މަންމަ އާއި ބައްޕަ ކަމަށްވެސް ބިލުގައި ބުނެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ހަމަޖައްސައިދޭން ވާނެ ކަމަށްވެސް ބިލުގައިވެ އެވެ.
ބިލުގައި އިތުރަށް ބުނެފައި ވަނީ އެ ގާނޫނަށް އަމަލު ކުރަން ފަށާނީ، އެ ގާނޫނު ފާސް ވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރާ ދުވަހުން ފެށިގެން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމަށް އެމަނިކުފާނު ހުންނަވާ ހާއްސަ ރަސްމީ ގެކޮޅެއް ހަމަޖެއްސެވުމަށް ސަރުކާރުން ނިންމީ މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު