މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ މ. އެންދެރިކުރި ހަތަރުވަނަ ފަންގިފިލާއިން ވެއްޓުނު ޒުވާނާ ރޭ ވެންޓިލޭޓަރުން ނަގައިފި އެވެ.

އިމާރާތުން ވެއްޓުމުން އެ ރޭ ދަންވަރު އައިޖީއެމްއެޗަށް ގެންދިޔަ އުމުރުން 32 އަހަރުގެ އެ ޒުވާނާއަށް ފަރުވާދެމުން އައީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގަ އެވެ.

އައިޖީއެމްއެޗްގެ އިސް އޮފިޝަލަކު މިއަދު 'ވަން' އަށް ވިދާޅުވީ، އޭނާގެ ކަރުން މައްޗަށް ބޮލާއި އެކު ވަނީ ވަރަށް ބޮޑަށް އަނިޔާވެފައި ކަމަށެވެ.

"ރޭ މި ވަނީ އޭނާ ވެންޓިލޭޓަރުން ނަގާފައި. ނަމަވެސް އަދިވެސް ފަރުވާދެމުން ދަނީ އައިސީޔޫގައި. ހާލު ރަނގަޅޭ ބުނާކަށް ނުކެރޭނެ،" އޮފިޝަލު ވިދާޅުވި އެވެ.

އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އޭގެ ދެ ދުވަސް ކުރިން ހުޅުމާލޭގެ އިމާރާތެއް މަތިން ވެސް ވެއްޓިފައި އޮތް މީހަކު އައިޖީއެމްއެޗަށް ގެނައެވެ. އަދި އޭނާ ވެސް ހޮސްޕިޓަލުން ދޫކޮށްލާފައި ނުވާއިރު އޭނާއަށް ފަރުވާދެމުން އަންނަނީ ވޯޑްގައި އެޑްމިޓްކޮށްގެން ކަމަށް އައިޖީއެމްއެޗްގެ މީޑިއާއިން ވަނީ ބުނެފަ އެވެ.