ގޭސްފުޅިއެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި ދެ މީހަކު އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށާއި އެކަކު އޮތީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗްއިން ބުނެފިއެވެ.

އައިޖީއެމްއެޗް މީޑިއާއިން މިއަދު "ވަން" ބުނީ އަލިފާނުގެ ހާދިސާގައި އަނިޔާވެގެން ހަތަރު މީހަކު ފަރުވާ ދިނުމަށް އެ ހޮސްޕިޓަލަށް ގެނައި ކަމަށާއި އޭގެތެރެއިން ދެ މީހަކަށް އައިސީޔޫގައި ފަރުވާދެމުންގެންދާ ކަމަށެވެ. އަދި އެކަކަށް ވޯޑުގައި ފަރުވާ ދެމުންގެންދާ ކަމަށެވެ.

"އަނެއް ޕޭޝަންޓަށް އެމާޖެންސީ ރޫމްގައި ވެންޓިލޭޓަރުގައި ފަރުވާދެމުންދަނީ،" އައިޖީއެމްއެޗްއިން ބުންޏެވެ.

ފުލުހުން ބުނީ މއ. ދޫގަސްގޭގައި ގޭސްފުޅިއެއް ގޮވައި، އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ ރޭ ފަތިހު 5:27 ހާއިރުއެެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނީ ދޫގަސްވިލާގައި ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާގައި 41 މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންގެންދާ ކަމަށެވެ.