މިދިޔަ މެއި މަހު އެއް ވަނަ ދުވަހުގެ ރޭ މާލޭގައި ބޭއްވި މުޒާހަރާ ރޫޅާލުމުގައި ހަރަކާތްތެރިވި ކުއިކް ރިއެކްޝަން ޓީމުގައި ހިމެނުނު 10 ފުލުހުންގެ ތެރެއިން އަށް ފުލުހުންނަކީ ޕަބްލިކް އޯޑާ ޓްރެއިނިން ފުރިހަމަކޮށްފައިވާ މީހުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، "ރައިޒް އަޕް އެމްވީ"ގެ ނަމުގައި ޒުވާނުންތަކެއް އިސްވެ ތިބެގެން ހިންގާ ހަރަކާތުން މެއި މަހުގެ އެއްވަނަ ދުވަހުގެ ރޭ މާލޭގައި ކުރިއަށް ގެންދިޔަ އެއްވުން ރޫޅާލުމުގައި ފުލުހުން، ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާ އިރު، މިހާތަނަށް އެއްވެސް ފުލުހަކަށް ފިޔަވަޅު އެޅިފައިވޭތޯ އާއި އެރޭ ފުލުހުންގެ ޔުނިފޯމް އަޅައިގެން ތިބީ ފުލުހުންގެ ގާނޫނުގެ ދަށުން، ސާވިސް ނަންބަރު ފެންނަ ގޮތަށްތޯ އާއި އެރޭގެ މުޒާހަރާ ރޫޅާލުމަށް ހަރަކާތްތެރިވީ އެކަމާ ގުޅޭ އެކަށީގެންވާ ޓްރެއިނިން ލިބިފައިވާ ފުލުހުންތޯ އޮޅުން ފިލުވުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމު ލިޔުމުން ކުރެއްވި ސުވާލުތަކަކަށް ލިޔުމުން ދެއްވި ޖަވާބުގައެވެ.
މިނިސްޓަރު ވިދާޅުވީ، އެރޭ އެއްވުން ރޫޅާލި ފުލުހުންގެ ތެރޭގައި ޕަބްލިކް އޯޑާ ޓްރެއިނިން ނުހަދާ ތިބި ދެ މީހުންގެ ތެރެއިން އެއް ފުލުހަކީ އެ ޓްރެއިނިން ހަދާފައި ނުވި ނަމަވެސް އެ ޓީމުގައި ލީޑު ކުރަމުން އަންނަތާ އަހަރެއްހާ ދުވަސް ވެފައިވާ ފުލުހެއް ކަމަށެވެ. ދެވަނަ ފުލުހަކީ މިހާތަނަށް ޕޮލިސް ރެކްޓޫޓު ޓްރެެއިނިންވެސް ފުރިހަމަ ކޮށްފައިނުވާ ފުލުހެއް ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ، އެރޭ ރަސްފަންނުގައި އަޑުއުފުލި މީހުން ރޫޅައިލުމުގައި ފުލުހުންގެ ދައުރު އަދާކޮށްފައިވާ ގޮތާބެހޭ މައްސައިގެ ތަހުގީގު ނިންމައި މިހާރު ކުރިއަށް ދަނީ ޑިސިޕްލިނަރީ ބޯޑުން ގޮތް ނިންމުމުގެ މަރުހަލާ ކަމަށެވެ. އަދި އެރޭ ފުލުހުންގެ ޔުނީފޯމު ހުރީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ސާވިސް ނަމްބަރު ފެންނަ ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.
މެއި ޑޭގެ މުޒާހަރާ ރޫޅާލުމުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާ ކަމަށް އެކި ފަރާތްތަކުން ވަނީ ބުނެފައެވެ. އެގޮތުން ހިއުމަން ރައިޓްސް ކޮމިޝަނުންވެސް ވަނީ އެކަން ކުށްވެރިކޮށްފައެވެ. އަދި އެ އެއްވުން ރޫޅައިލުމުގައި ނޫސްވެރިންނާ ދޭތެރޭ ފުލުހުން އަމަލުކުރި ގޮތް ބަލައި ތަހުގީގު ކުރުމަށް އެމްއެމްސީ އާއި އެމްޖޭއިންވެސް ވަނީ ގޮވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު