ސަތުތިރީސްވަނަ ބައި
އެހިނދު އަހަރެންނަށް ބަލައިލެވުނީ އަހަރެންނާ ދިމާލަށް ހިނި އައިސްފައި ބަލަހައްޓައިގެން އިން ވިއާނަށެވެ. އޭނާގެ ދެލޮލުން އަވަހަށް އަންނާށޭ ބުނި ކަހަލައެވެ. މަޑުމަޑުން އަހަރެންނަށް އެތެރެއަށް ފިޔަވަޅެއް އެޅުނެވެ. ވަކި ހިސާބަކަށް ވަދެފައި އަހަރެންނަށް ކޮޓަރި ތެރެއަށް ނަޒަރު ހިންގައިލެވުނެވެ. އެހީތެރިޔާއަށް ހާއްސަކޮށްފައި ހުރި އެނދު ނެގުމަށްފަހު އެތަނުގައި ކުޑަވަރެއްގެ މޭޒެއްގެ މަތީގައި ހުދު ކުލައިގެ ފޮތިގަނޑެއް އަޅާފައި ހުއްޓެވެ. މޭޒުމަތީގައި ސަންފްލާވަރއާއެކު ހުރި ވާސްއެއް ބަހައްޓާފައި ހުއްޓެވެ. ބަލި މީހާއަށް ހާއްސަކޮށްފައި ހުރި އެނދުގެ ކައިރީގައި ހުރި ކަބަޑުމަތީގައި ޕިއްޒާ އާއި ކޯކްފުޅިތަކެއް ހުއްޓެވެ. ކައިވެނީގެ މަޖިލީހުގައި ކޮންމެހެން ބައިވެރިވާންޖެހޭ މީހުން ނޫން އެހެން މީހަކު ނެތެވެ. ޖާގައިގެ ދަތިކަން ކޮންމެވެސް ވަރަކަށް ހުރުމުގެ ސަބަބުން އަހަރެންނާ ވިއާން އިންނަން ޖެހުނީ އެނދުގައެވެ.
"ކީއްވެ ނުފަށާ މިތިބެނީ؟" ހުރިހާ މީހުން ހަމައަށް ތިބެ ކައިވެނީގެ މަޖިލިސް ނުފަށާތީ އަހަރެންނަށް އެހުނެވެ. އެހިނދު ވިއާން އަހަރެންނަށް ބަލައިލީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ.
"އަދި ވަރަށް މުހިންމު މީހަކު ނާދޭ" ވިއާން ބުނެލިއެވެ. އަހަރެންނަށް ވިއާނަށް ބަލައިލެވުނީ ލޯ ކުޑަކޮށްލައިފައެވެ. އެތެރޭގައި ތިބި ހުރިހާ މީހުންނަށް ނަޒަރު ހިންގައިލެވުނީ އެތެރޭގައި ތިބި މީހުން ހިތާހިތުން ގުނާލަމުންނެވެ.
"ކާކުބާ؟" އަހަރެންނަށް އެހުނެވެ. މަންމައަށް ބަލައިލެވުނު އިރު ހުރީ ފޯނަށް ބަލަހައްޓައިގެންނެވެ. ތަނަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ކުއްލިއަކަށް މަންމަ ދޮރާ ދިމާލަށް ހިނގައިގަތެވެ. އަހަރެންނަށް ފަހަތަށް އެނބުރި ބަލައިނުލެވިގެން އުޅެނިކޮށް ވިއާން އަހަރެންގެ އަތުގައި ހިފައިފިއެވެ. އަހަރެންނަށް ބަލައިލެވުނީ ވިއާނަށެވެ.
"މަލް، އަހަރެމެންގެ މި ހާއްސަ ދުވަހުގައި އަހަރެންގެ އާއިލާ ހުރިހާ މެންބަރުން ހަމަވާންޖެހޭނެއްނު،" ވިއާން ބުނެލިއެވެ.
"މިތިބީނު ހުރިހާ މީހުން. އިތުރަށް ކާކު ބާ އަންނަނީ" އަހަރެންނަށް އެހުނެވެ. އެހިނދު ހިތުގައި އުފެދުނު ސުވާލަށް އަމިއްލަ ހިތުން ޖަވާބުވެސް ދެވިއްޖެއެވެ.
"ވީނާ... ވީނާ ތަ؟" އަހަރެން އެހީމެވެ.
"މަލް، މޮޔަ ވާހަކަނުދައްކާ. ޒިޔާން އެ އަންނަނީ" ވިއާން ބުނެލިއެވެ. އެވަގުތު އަހަރެންގެ މޫނުމަތި ވަގުތުން މިލައިގެން ދިޔައެވެ. އެތެރޭގައި ތިބި މީހުންނަށް އަވަސް ނަޒަރެއް ދެވުނުއިރު މާމަ އާއި ރީޝަމް އިނީ އަހަރެންނަށް ބަލަހައްޓައިގެންނެވެ. އެހެންކަމުން ވިއާނަށް ހިތްހަމަނުޖެހުމެއް ދައްކާކަށް ނުކެރުނެވެ.
"މަލް، ޑޯންޓް ޕެނިކް. ޒިޔާން އެއްވެސް ގޯހެއް ނަހަދާނެ. އެ ޔަގީންކަން އަހަރެން ދެން" އެހިސާބުން މަންމަގެ ފަހަތުން ވަދެގެން އައި ޒިޔާން އަހަރެންގެ ލޮލުގައި އަޅައިގަތެވެ.
އިސާހިތަކު ކައިވެނީގެ މަޖިލިސް ފެށިއްޖެއެވެ. މޭޒުމަތީގައި ހުރި ކައިވެނީގެ ސެޓްފިކެޓް ނޫން އެހެން އެއްވެސް ތަނަކަށް އަހަރެންގެ ކަޅި ނުހުއްޓެއެވެ. ގާޒީގެ އަޑުދަށުން ވިއާން ކިޔަންޖެހޭ އެއްޗެހި ކިޔަމުން ދިޔައިރު އަހަރެންގެ ހިތް އަވަސްވަމުން ދިޔައެވެ. ހިނދަކަށް ފަހު ހިނދެއް ހަށިގަނޑުގައި ދައުރުވަމުންދިޔަ ލޭ އަވަސްވަމުން ދިޔައެވެ. ހިތުގައިވަނީ ނުތަނަސްވަސް ކަމެވެ. އެންމެފަހު ވަގުތު ޒިޔާން ނުލަފާ ކަމެއް ނުކޮށްފިއްޔާ ރަނގަޅެވެ. މަންމަމެން މިއީ ކޮންކަހަލަ ބައެއް ހެއްޔެވެ؟ އެހާ އަވަހަށް ޒިޔާން ކުރި ނުލަފާ ކަންތައް ހަނދާން ނައްތާލީ ހެއްޔެވެ؟ ވިއާން ލިބުނު އަނިޔާއާ ސަލާމަތްވުމަށް ކުރި ހިތްވަރު އެހާ އަވަހަށް ހިތުން ފޮހެލީ ހެއްޔެވެ؟ ގައިމުން އަދި ހަށިގަނޑުގައި ހުރި ޒަހަމުތައް އެއްކޮށް ފަސޭހައެއް ނުވެއެވެ. އެއިން ޒަހަމެއް ފެންނަ ކޮންމެ ފަހަރަކު އަނިޔާ ދިން މީހާގެ މަތިން ހަނދާންވާނެކަން ޔަގީނެވެ.
"އަނބި ގަބޫލުކޮށްފިން" ހިތުގައި އުފެދުނު ނުތަނަވަސްކަމާއެކު ވިސްނުންތަކުން ސިކުނޑި އެންމެ ބޮޑަށް ބަރާވި ވަގުތު ކުއްލިއަކަށް އަހަރެންގެ ކަންފަތުގައި ޖެހުނީ ވިއާންގެ އަޑެވެ. އަހަރެންނަށް ވިއާންގެ މޫނަށް ބަލައިލެވުނީ ބޭއިހުތިޔާރުގައެވެ. އެވަގުތު އަހަރެންނަށް އިތުރަށް ޔަގީންކޮށްދިނުމަށް ވިއާން ބޯޖަހައިލިއެވެ. އަހަރެންގެ ހިތް ހީވީ އުފަލުން ބަންޑުންވިހެންނެވެ. އެއީ ވިއާންގެ ދުލުން އަހަރެން އެންމެ އަޑުއަހަން ބޭނުންވި ޖުމުލައެވެ. އެ ޖުމުލައެއް އަޑު އެހުމަށްޓަކައި މީގެ އެތަކެއް ދުވަހެއް ކުރިން އަހަރެން އެންމެ އިންތިޒާރުކުރި ޖުމުލައެވެ. އަހަރެންގެ ދެލޮލުން ވެއްޓުނީ އުފާވެރިކަމުގެ ކަރުނައެކެވެ. ވިއާން އަހަރެންގެ ކޮނޑުގައި ހިފައި ގެނެސް ގަޔާ ކައިރިކޮށްލިއެވެ.
"އަހަރެން ފިރި ވެސް ގަބޫލުކޮށްފިން" އަހަރެން ބުނީމެވެ. ހަމައެކަނި ވިއާނަށް އިވޭ ވަރަށެވެ.
ސައިގެ ކަންތައް ނިންމާފައި ކައިވެނިކޮށްދޭން އައި ބޭފުޅުން ނިކުމެގެން ދިޔުމުން އާއިލާ މީހުން އެކަނިވިއެވެ. އަހަރެން އަދިވެސް އިނީ ވިއާން ކައިރީގައި އިށީނދެގެންނެވެ. ރީޝަމް ފޮޓޯ ނަގަމުން ދިޔައެވެ. އިރުކޮޅަކުން ވަދެގެން އައީ ނަރުހުންނާ ޑޮކްޓަރުންގެ ޓީމެކެވެ. ކޮންމެ މީހެއްގެ އަތުގައި މާބޮނޑިއެއް އޮތެވެ. ކޮންމެ ޑޮކްޓަރެއް ވަކިވަކިން އަހަރެމެންނަށް މަރުހަބާ ކިއެވެ.
އެ ފަޅީގައި މަސައްކަތްކުރާ ނަރުހުންވެސް އެ އުފަލުގައި ބައިވެރިވިއެވެ. ކޮޓަރި ތެރެ ކޮންމެވެސް ވަރަކަށް ހަލަބޮލި ވިއެވެ. މަޖަލާއި ސަކަރާތުގައި ހުރިހާ މީހުން ވަގުތު ގުނަމުން ދަނިކޮށް އަހަރެންނަށް ބަލައިލެވުނު ގޮތަކުން މަންމަ ކައިރީގައި ކޮޅަށް ހުރި ޒިޔާން އަޅައިގަތެވެ. ބަލައިލުމާއެކު އެހެން ދިމާލަކަށް ނަޒަރު ބަދަލުކޮށްލަން އަހަރެން ދަތިވިއެވެ. ވާނީވެސް އެހެންތާއެވެ. އަނެއްކާވެސް އަހަރެންގެ ކުރިމަތިން ފެންނަން ހުރި ޒިޔާން ތަފާތެވެ. ދިގު އިސްތަށިގަނޑެއް ނެތެވެ. ހުދު ކުލައިގެ ގަމީހާ ކަޅު ފަޓްލޫނާއެކު މުށި ކުލައިގެ އޮފިޝަލް ބޫޓަކަށް އަރާފައި ހުރުމުން ހަރުދަނާ ވައްތަރު ޖަހައެވެ. ޒިޔާންގެ ނަޒަރުވެސް ހުރީ އަހަރެންނަށް ހުއްޓިފައެވެ.
އެނދުން ތެދުވަން ބޭނުންވުމުން އަހަރެން ވިއާނަށް އެހީވީމެވެ. ކުރިއަށް ވުރެ ރަނގަޅުހެން ހީވާތީ އޭނާއަށް މީހެއްގެ އެހީގައި ހިނގައި އުޅެވެއެވެ.
"ވިއާން އެނދުގައި އިނދެބަލަ. އަހަރެން ބޭނުންވާ އެއްޗެއް ގެނެސްދޭނަމޭ" އަހަރެން ބުނީމެވެ.
"ނޫނޭ. ދަރިފުޅާ. މިއަދުގެ އުފާވެރިކަން އެސޮރު އިހުސާސް ކުރިޔަ ދީބަލަ. ޑޮކްޓަރު ބުންޏެއްނު މަޑުމަޑުން ހިނގައި އުޅުނީމައޭ ރަނގަޅުވާނީ" މާމަ ވާހަކަދެއްކިއެވެ. އަހަރެން ހީކުރީ ވިއާން ދާނީ ކާއެއްޗެހިތަކާ ދިމާލަށް ކަމަށެވެ. އެހެންނަމަވެސް އަހަރެންނަށް ހައިރާންކަމެއް ލިބުނީ އާލިމްގެ އެހީގައި އޭނާ ގޮސް ޒިޔާން ކުރިމަތީގައި ހުއްޓުމުންނެވެ. އިރުކޮޅަކުން ފަހަތަށް އެނބުރިލާފައި އަހަރެންނަށް ބަލައިލާފައި އަތްދިއްކޮށްލިއެވެ. ލަސްލަހުން ހިނގާފައި ގޮސް އަހަރެން ވިއާންގެ އަތުގައި ހިފީމެވެ.
"ޒިޔާ، މިއީ މަލްހާ އިނގޭ. ބޭބެގެ އަންހެނުން" ވިއާން ބުނެލިއެވެ.
"މަރުހަބާ" ހީލާފައި ޒިޔާން ބުނެލިއެވެ. އަދި ވިއާންގެ ކޮނޑުގައި ޖަހައިލިއެވެ.
"މަންމަ އުންމީދުކުރަން ދާއިމަށް ތިދެކުދިން އެކަކު އަނެކަކާ ގުޅިގެން އުޅޭނެކަމަށް. ޒިޔާން ކުރި ކަންތައްތަކަށް ޒިޔާނަށް މައާފުކުރަން މަންމައަށް އަދިވެސް އުނދަގޫ. އެހެންނަމަވެސް ޒިޔާންގެ އެދުމަށް މިހުރިހާ ކަމެއް މަންމަ މިކުރީ" އިރުކޮޅަކުން އަހަރެމެން ކައިރީގައި އައިސް ހުއްޓުނު މަންމަ ވާހަކަދެއްކިއެވެ.
"މަންމާ، އޭނައަށް ކުރެވުނު ކަންތައް ދެން އޭނައަށް ހަނދާންކޮށް ނުދީބަލަ. އޭނަ މައާފަށް ނޭދެނީސް އަޅުގަނޑު އޭނައަށް މައާފުކޮށްފިން" ވިއާން ބުނެލިއެވެ. ޒިޔާން ބަހެއް ނުކިޔައި ހުއްޓެވެ. އޭނާގެ ތުންފަތުގައި ހިނިތުންވުމެއް ވިޔަސް ހިތުގައި އޮތީ ކީކޭ ކަމެއް ބުނާކަށް ނޭނގެއެވެ.
"ރީޝަމް، ފޮޓޮއެއް ނަގާބަލަ" އަހަރެމެން ދެމީހުންގެ މެދުގައި ޒިޔާން ބަހައްޓާފައި ވިއާން ބުނެލިއެވެ.
*******
އިޝާނަމާދު ފަސްވީއިރު ކޮޓަރި ތެރޭގައި ތިބީ ހަމައެކަނި އާއިލާއެވެ. ކޮޓަރީގައި ހުރި ހުރިހާ ކާއެއްޗެހިތަކެއް ހުސްވެފައި ހުރުމުން އެއްވެސް މީހަކު އިތުރަށް ރޭގަނޑުގެ ކެއުން ކާން ބޭނުން ނުވިއެވެ. މަންމަ އާއި މާމަ ގެއަށް ދިއުމުގެ ތައްޔާރީތައް ވަމުން ދިޔައިރު ޒިޔާންވެސް ހިމޭންކަމާއެކު އިނެވެ.
"މަލް ގެއަށް ގޮސްލަން ބޭނުންތަ؟" މަންމަ އެހިއެވެ.
"ލައްބަ. ހެދުން ބަދަލުކޮށްލަން ބޭނުން" އަހަރެން ބުނީމެވެ.
"މަންމަމެންނާއެކު މަލް ދާންވީނުން" ވިއާން ބުނެލިއެވެ.
"އޭރުން ވިއާން އެކަނިވެދާނެ" އަހަރެން ބުނީމެވެ.
"އަހަރެން އެކަންޏެއްނުވާނެ. މަލް އަންނަންދެން ޒިޔާން އިންނާނެ ބޭބެ ކައިރީގައި. އެހެންނޫނަސް އަހަރެމެން ދެމީހުން އެކަނިވެސް ވަގުތުކޮޅެއް ބޭނުންވާނެއްނު" ވިއާން ބުނެލިއެވެ. އަހަރެންނަށް ވިއާންގެ މޫނަށް ބަލައިލެވުނީ ހައިރާންވެފައެވެ. އެފަދަ އެއްޗެއް އެބުނީ ވިއާން ހެއްޔެވެ؟ އޭނާގެ ހިތުގައި ކުޑަވެސް ޖެހިލުންވުމެއް ނެތީ ހެއްޔެވެ؟ ވިއާން އެދުނަސް އެ ކޮޓަރީގައި ޒިޔާން އެކަނި ބައިންދާފައި އަހަރެން ދާނީ ކިހިނެއް ހެއްޔެވެ؟ އަހަރެން މަންމަގެ މޫނަށް ބަލައިލިއިރު މަންމަވެސް އިނީ ވިއާނަށް ބަލަހައްޓައިގެންނެވެ.
"އަހަރެން އެއްޗެހި ބަދަލުކުރާކަށް ބޭނުމެއް ނޫން" އަހަރެން ބުނީމެވެ. ވަގުތުން ގެއަށް ދިއުމުގެ ހިޔާލު އަހަރެން ދޫކޮށްލީމެވެ.
"އޯކޭ ދިޔަޔަސް. އަހަރެން މަޑުކޮށްލާނަން" އެންމެފަހުން ޒިޔާން ބުންޏެވެ. ނޭނގުމުގެ ތެރެއިން މާމައަށް ބަލައިލެވުނު ތަނާ މާމަ ލޮލުގެ އިޝާރާތުން ވާހަކަދައްކައިފިއެވެ. އަހަރެންނަށް މާމަ އެބުނި އެއްޗެއް ފަހުމުވިއެވެ. އެހެންކަމުން އިތުރަށް އެއްވެސް ވާހަކައެއް ނުދައްކަމެވެ.
"މަންމާ، އަޅުގަނޑުގެ ކޮޓަރި މިހާރު އެއީ ޒިޔާންގެ އެނގޭ. އޭނަ ބޭނުންވާ އެއްޗެހި ބަހައްޓާފައި ބޭނުންނުވާ އެއްޗެހި ނެރެދެއްޗެ ފަސޭހަ ގަޑިއަކުން" ހުރިހާ މީހުން ނިކުންނަން ހިނގައިގަތް ތަނާ ވިއާން ބުނެލިއެވެ.
*******
ގޭތެރެއަށް ވަނުމާއެކު މަންމަ މިސްރާބު ޖެހީ ކޮޓަރިއާ ދިމާލަށެވެ. އަހަރެންނަށް ދެވުނީ ސޯފާއާ ދިމާލަށެވެ. އިރުކޮޅަކުން މާމަ އައިސް އަހަރެން ކައިރީގައި އިށީނދެއްޖެއެވެ.
"މާމައަށް އެނގޭ މިވަގުތު ދަރިފުޅު ވިސްނާނީ ވިއާނާ ދޭތެރޭގައި ކަން. އެކަމަކު ތިއީ ބޭކާރުކަމެއް" މާމަ ބުނެލިއެވެ. އަހަރެން ފުންމައިގެން ކޮޅަށް ތެދުވެފައި ހިނގައިގަތީ ކޮޓަރި އާ ދިމާލަށެވެ. މާމަ ބުނި އެއްޗަކަށް ދޭނެ ޖަވާބެއް އަހަރެންގެ އަތަކު ނެތެވެ. ކޮޓަރިއަށް ވަދެ ބޭނުންވާ އެއްޗެހި ކޮތަޅަކަށް އަޅައިގެން ނިކުތްއިރު މާމަ ކޮޓަރި ދޮރުމަތީގައި ހުއްޓެވެ.
"މާމާ، ދަނީ" އަހަރެން ބުނީމެވެ.
"މަލް،" ހިނގައިގަތް ތަނާ މާމަ އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ.
"ހިތުގައި އެއްވެސް ކަމެއް ފޮރުވައިގެން ނުހުރޭ" މާމަ ބުނެލިއެވެ.
"އަޅުގަނޑުގެ ހިތުގައި އޮތީ އެއް ޝަކުވާއެއް. އެއް ބިރުވެރިކަމެއް. ވިއާން ކައިރީގައި އެތަނުގައި ޒިޔާން ބައިންދާފަ އަންނަން އެއްގޮތަކަށްވެސް އަޅުގަނޑު ނޭދެން. އެއްޗެއް ނުބުނެ އަޅުގަނޑު އައުން އެއީ އަޅުގަނޑުގެ މަޖުބޫރީ. މިހާރު އަޅުގަނޑު ބޭނުންވަނީ ދާން" އަހަރެން ވާހަކަދެއްކީމެވެ. ބަދަލުގައި މާމަ އަހަރެން ގައިގައި ބައްދާލާފައި ނިތުގައި ބޮސްދިނެވެ.
"މިވަގުތަކީ ދަރިފުޅު އެންމެ ހިތްވަރު ކުރަންވީ ވަގުތު. އަވަހަށް ދޭ" މާމަ ބުނެލިއެވެ.
*******
ހޮސްޕިޓަލުން އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު އަހަރެންގެ ސްޕީޑު އަވަސްވިއެވެ. ހިތުގައި ވަނީ ބިރުވެރިކަމެކެވެ. ބަޔަކު ޒިޔާނަށް އިތުބާރު ކުރިޔަސް އަހަރެންގެ ކުރިމަތީގައި އަދިވެސް އެއީ ހަމަ ސުމެކެވެ.
"ވިއާން" ކޮޓަރީގެ ދޮރު ހުޅުވާލިގޮތަށް އަހަރެންނަށް ވަރަށް ބާރަށް ވިއާނަށް ގޮވައިލެވުނެވެ. އަހަރެންގެ ސިކުނޑި އަހަރެންނަށް ދައްކައިދިނީ ތަފާތު މަންޒަރެކެވެ. އެކަމަކު ހަގީގަތަކީ އެއީއެއް ނޫނެވެ. ވިއާނާ ޒިޔާން ވަރަށް ހަމަޖެހިގެން ތިއްބެވެ. ދެލޯ ފެންކަޅިވެފައިވާ ހާލު އަހަރެންނަށް ދެވުނީ ވިއާނާ ދިމާލަށެވެ. އަތުގައި އޮތް ކޮތަޅު އެނދު މައްޗަށް އެއްލާލުމަށްފަހު އެނދުގައި އިން ވިއާންގެ ކުރިމަތީގައި ހުއްޓެވިއްޖެއެވެ. އަދި ވިއާންގެ މޫނުގެ ދެފަރާތުގައި ހިފައިލެވުނެވެ.
"މަލް، އޯލް އިޒް ވެލް" ވިއާން ބުނެލިއެވެ. އަހަރެންނަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ.
"ދަނީ، އެބަހުރިތަ ގެއަށް ގެންދަންޖެހޭ އެއްޗެއް؟" ގޮނޑިން ތެދުވަމުން ޒިޔާން އެހިއެވެ.
"ނެތް ދޯ މަލް" ވިއާން ބުންޏެވެ. އަހަރެން ބޯޖަހައިލީމެވެ.
ޒިޔާން ނިކުމެގެން ދިޔުމުން އަހަރެން ބަދަލުކުރަން ގެނައި ހެދުން ހިފައިގެން ގޮސް ވަނީ ފާހާނާއަށެވެ. ފެންވަރާލައިގެން ނިކުތްއިރު ވިއާން ފޯނަށް ބަލަހައްޓައިގެން އެނދުގައި އިނެވެ.
"ފަހުން ޑޮކްޓަރުން އައިތަ؟" އަހަރެން އެހީމެވެ. ވިއާން ފޯނު ބާއްވާފައި އަހަރެންނަށް ބަލައިލިއެވެ.
"ހަބަރެއް ނުވޭ. މާދަމާ ކަންނޭނގެ ޑޮކްޓަރުން އަންނާނީ" ވިއާން ބުނެލިއެވެ. ލޯޝަން ފުޅި ހިފައިގެން ގޮސް ވިއާން ކައިރީގައި ހުރި ގޮނޑީގައި އިށީނުމަށްފަހު ވިއާނަށް ބަލައިލީމެވެ.
"ޒިޔާނާ ދެމީހުން ކޮން ވާހަކައެއް ދެއްކީ؟" އަހަރެން އެހީމެވެ.
"ބޭބެއެއްގެ ހައިސިއްޔަތުން ވިސްނައިދިނީ. މަލް، އަހަރެމެން ދެމީހުން ދުރުކުރަން ޒިޔާން އެއްވެސް މަސައްކަތެއް ނުކުރާނެ. އެކަމަކު އަދި އޭނަ ވަރަށް އާކޮށް އެއުޅެނީ. ގޭތެރެއިން އޭނަ ހަމަޖެހިގެން ވާހަކަދެކެވޭނެ މީހަކަށްވެސް ހުރީ ހަމައެކަނި މަންމަ. އެކަމަކު މައާފަށް އެދުނީމަވެސް މަންމަ އޭނައަށް މައާފެއް ނުކުރި. ހުރިހާ މީހުންގެ އަޅާލުމާ ލޯބި ލިބިގެން އޭނަ އަލުން ހަރުދަނާ މީހެއްގެ ގޮތުގައި މުޖުތަމައަށް ނެރެވޭނީ. މަލްއާ ކުރިމަތިލާން އަދި އޭނައަށް އުނދަގުވާނެ. އަހަރެންނަށްޓަކައި މަލް އޭނައަށް އެއްވެސް ނަފުރަތެއް ނުކުރައްޗެ" ވިއާން ވާހަކަދެއްކިއެވެ.
"ހޫމް. ދެން އެނގިދާނެތާ ވިއާންގެ ތިބުނާ ކޮއްކޮއެއްގެ ހުރި ފެންވަރެއް" އަހަރެން ބުނީމެވެ. ލޯޝަން ފުޅި ދަބަހަށް ލާފައި އަހަރެން އަލުން އައިސް އިށީނދެފައި ޓީވީ ހުޅުވީމެވެ.
"މަލް، ތި ބުރުގާ ބާލަންވީނުން" ވިއާން ބުނެލިއެވެ.
އަހަރެން ހިތަށް އެރިއެވެ. ފަސްޖެހެންވީ ކީއްކުރަން ހެއްޔެވެ؟ މިއީ އަހަރެން ވިއާން ކުރިމައްޗަށް ބުރުގާ ނާޅާ ނިކުންނަ ފުރަތަމަ ފަހަރަށް ނުވާނެއެވެ. އެހެންކަމުން ތެދުވެގެން ގޮސް ދޮރު ލޮކްކޮށްލާފައި އަލުން އައިސް ގޮނޑީގައި އިށީނދެފައި ބުރުގާ ނެގީމެވެ.
"ހިތަށް އަރާ ކޮންއިރަކުންބާއޭ ގެއަށް ދެވޭނީ؟ މާދަމާ ޑޮކްޓަރު އައިމަ ބުނާނަން ގެއަށް ފޮނުވައިދޭށޭ. ބޭސްއަޅަން ހޮސްޕިޓަލަށް އާދެވޭނެއްނު" ވިއާން ބުނެލިއެވެ. އެއީ އަހަރެންވެސް އެދޭގޮތް ކަމަށްވާތީ އެކަމަށް އަހަރެންވެސް ވިއާނަށް ހިޔާލު ދިނީމެވެ.
"ވިއާން، އަހަރެން ވާހަކައެއް ބުނަންތަ؟" އަހަރެން ބުނީމެވެ. ވިއާން އަހަރެންނަށް ބަލައިލާފައި ބޯޖަހައިލިއެވެ. އަދި އަހަރެންގެ އަތްތިލައިގައި އުފުލާލުމަށްފަހު ބޮސްދިނެވެ.
"އަވަހަށް ބުނޭ އަނބިމީހާ" ވިއާން ބުނެލިއެވެ.
"މިހާރު ތިއީ އަހަރެންގެ ފިރިމީހާ. އަހަރެން ވިއާން އަތުގައި މި ހިފީ މިއަދު އެއްކޮށް އުޅެލާފައި މާދަމާ ވަކިވެގެން ދާކަށް ނޫން. ވިއާން އަތުގައި ހިފައިގެން ތާހިރު ދިރިއުޅުމެއް އުޅެންވެގެން. ހެޔޮ ލަފާ ދަރިފަސްކޮޅެއް އަލާކޮށް އާހިރަތަށްޓަކައި މަސައްކަތް ކުރަން. މި އަތުގައި ހިފައިގެން ހުންނަން އަހަރެން ބޭނުންވަނީ ހަމައެކަނި މިދުނިޔޭގައެއް ނޫން. ޖަންނަތުގައިވެސް އަހަރެން ބޭނުންވަނީ އަހަރެންގެ ފިރިމީހާ. އެހެންވީމަ އަހަރެން ބޭނުންވަނީ ހެޔޮކަންކަމުގައި އަހަރެންގެ ފިރިމީހާ މަސްއޫލުވާން. ދީނީ ކަންތައްތައް ގިނަކުރާން. ސުންނަތް ނަމާދުތައްކޮށް ރޯދަހިފައި ގުރުއާން ކިޔަވަން. އަދި އަހަރެން ބޭނުންވަނީ އަހަރެންގެ ފިރިމީހާއަކީ ހެޔޮ ކަންތައްތަކަށް އަނބިމީހާއަށް އަމުރުކުރާ ފިރިއެއް ކަމުގަވާން. އަހަރެންގެ ފުރަތަމަ ދިރިއުޅުން ރޫޅިގެން ދިޔައީ އޭރުގަ އަހަރެން ފިރިއެއްގެ މަގާމުގައި ހުރި މީހާއަށް މިކަންތައްތައް ވިސްނައިނުދެވުނީމަ ކަންނޭނގެ. އެ ދިރިއުޅުމުން ލިބުނު ފިލާވަޅުން އިބުރަތް ހާސިލުކޮށްގެން އަހަރެން ބޭނުމީ ވިއާނާ އެކު ކުރިއަށްދާން. އަހަރެންނަށް އިނގޭ ވިއާންގެ އަހަރެންނަށް ނޭނގޭ ސިއްރުތަކެއް ހުރިކަން. އަހަރެން އުންމީދުކުރަނީ އެކަންތައްތައްވެސް ދެން ލަހެއް ނުވެ އަހަރެންނަށް އެނގިދާނެ ކަމަށް" އަހަރެން ވާހަކަދެއްކިއިރު ވިއާން އަހަރެންނަށް ބަލަހައްޓައިގެން އިނެވެ.
"އަލްހަމްދުލިއްލާހް. އެކަލާނގެއަށް ހާސްފަށުން ޝުކުރު. ތިކަހަލަ އަންބަކު މީހަކަށް ލިބޭނީ މަދު ފަހަރަކު. ޔަގީނުންވެސް އެމީހަކު ވާނީ ނަސީބުވެރިޔަކަށް. މާތްﷲ އިރާދަފުޅުކުރެއްވިއްޔާ އަހަރެން ވާނީ މަލް ތި އުންމީދުކުރާ ފަދަ ފިރިއަކަށް. އެކަމަކު....." އެހިސާބަށް ބުނެފައި ވިއާން ހުއްޓައިލިއެވެ.
"އެކަމަކު ކިހިނެއްވީ؟" އަހަރެން އެހީމެވެ.
"މަލް އަހަރެންނަށް ކަމެއް ކޮށްދީފާނަން" ވިއާން ބުނެލިއެވެ. އަދި އެއް އަތުން އަހަރެންގެ އިސްތަށިގަނޑު ރީތިކޮށްލިއެވެ.
"އަހަރެން ކައިރީގައި މި އެނދުގައި އޮށޯވެދީފާނަންތަ؟" ވިއާން ބުނެލިއެވެ. ވަގުތުން އަހަރެންގެ މޫނު ލަދުން ރަތްވިއެވެ.
"ނަރުހެއް އައިސްދާނެ" އަހަރެން ބުނީމެވެ.
"ނާންނާނެ. އަޔަސް އަންނާނީ ފަތިހު. އެހެންނޫނަސް އެމީހުންނަށްވެސް އިނގެއެއްނު އަހަރެމެންގެ ފަސްޓް ނައިޓްކަން" ވިއާން ބުނެލިއެވެ. އޭނާގެ އަޑުގައިވީ ލާނެއް ކަމެވެ.
"ތިއީ ކިހާ ކުޑަ އެނދެއް. އަހަރެން އޮށޯތީމަ ވިއާނަށް ތަދުވެދާނެ" އަހަރެން ބުނީމެވެ.
"އަހަރެންނަށް ތަދެއްނުވާނެ. ވިޔަސް ހަށިގަނޑަށް އަރާމެއް އިހުސާސްވާނީ. ޕްލީޒް މަލް، ބަހަނާ ނުދައްކާ އެނދަށް އަރާބަލަ. މަލްއަށް އިނގޭތަ ތި ހަށިގަނޑުގެ ހޫނުކަމަށް އަހަރެން ބޭނުންވެފައިވާ މިންވަރު" ވިއާން ބުނެލިއެވެ.
ހަދާނެގޮތެއް ނޭނގިފައި އެނދު ކައިރީގައި ކޮޅަށް ހުއްޓައި ވިއާން އަހަރެންގެ އަތުގައި ހިފައި ގާތަށް ދަމައިލިއެވެ. ނުކެރިފައި ހުރެވެސް އެނދު ކައިރީގައި ފައިވާން ބަހައްޓާފައި އަހަރެން އެނަދަށް އެރީމެވެ. ދިމާ ސީދަލަށް ބުދެއްހެން ސީލިންގަށް ބަލަހައްޓައިގެން އޮތްއިރު އަހަރެންގެ ހިތުގެ ހިނގުން ވަނީ އަވަސްވެފައެވެ. ވިއާން އެއް ފަރާތަކަށް އިތްއިރު އޭނާގެ އެއްފައި ވަނީ އަހަރެންގެ ފަޔާ ގުޅުވާލައިފައެވެ.
"ތަދުވަންޏާ ބުނައްޗެ" އަހަރެން ބުނީމެވެ.
"ހީވޭތަ މަލް އޮވެގެން އަހަރެންނަށް ތަދުވާނެހެން" ވިއާން ބުނެލިއެވެ. އަހަރެންނަށް ލުއިލުއިކޮށް ހީލެވުނެވެ. ކުއްލިއަކަށް ދެލޮލުގެ އަލިކަން ދިޔަ ފަދަ އިހުސާސެއް ކުރެވުނީ ކޮޓަރިތެރޭގައި ދިއްލާފައި ހުރި ހުދު އަލި މަޑުވެގެން ދިޔުމުންނެވެ. ވިއާންގެ އެއް އަތުން ލައިޓްގެ އަލި ފަޑުކޮށްލިކަން އެނގުނީ ފަހުންނެވެ.
އިރުކޮޅަކުން ވިއާން އަހަރެންގެ މޫނުގައި ހިފާފައި އޭނާގެ މޫނާ ކައިރިކޮށްލިއެވެ. ދެ ނޭވާ އިހުސާސްވާހާ ކައިރިއަށެވެ. އަހަރެންނަށް ދެލޯ މަރައިލެވުނީ އެވަގުތު އުފާވެރިކަން ވިއާނަށް ފުރިހަމައަށް ހޯދައިދިނުމަށެވެ. އެވަގުތަށް ހުދު އަހަރެންނަށްވެސް އެދެވޭތީއެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ