އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތު ރާއްޖެއިން ބަލަހައްޓާނީ ފަހުރުވެރި ގައުމެއްގެ ގޮތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ބޮޑު އަޣްލަބިއްޔަތަކުން އިންތިހާބުވެވަޑައިގެންފަ އެވެ.

މިނިސްޓަރު ޝާހިދު އެ މަގާމަށް އިންތިހާބުވުމުން މަރުހަބާ ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތު، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ އަބްދުﷲ ޝާހިދު ބޮޑު އަޣްލަބިއްޔަތަކުން ކާމިޔާބު ކުރެއްވުމަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، އަދި ވަކިން ހާއްސަކޮށް ރައްޔިތުންގެ މަޖިލީހަށް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

އެކަމާ ގުޅިގެން މަޖިލީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތަށް މިނިސްޓަރު ޝާހިދު އިންތިހާބުވުމަކީ، ބައިނަލްއަގުވާމީ ދުނިޔެއަށް ރާއްޖެ ހުޅުވިގެން ދިޔަ ކަމެއް ކަމަށެވެ.

"ގައުމެއްގެ ހަޔާތުގައި އަންނާނެ ދަނޑިވަޅުތަކެއް، ހިނދުކޮޅުތަކެއް، އެގައުމު އެއް ހާލަތުން އަނެއް ހާލަތަށް ބަދަލުކުރާ ކަންތައްތަކެއް، ރާއްޖެ ބައިނަލްއަގުވާމީ އާއިލާއަކަށް ހުޅުވި، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް ބަލައިގަނެ، ޑިމޮކްރަސީގެ މަގުގަި ކުރިއަށްދާކަމީ ބައިނަލްއަގުވާމީ އާއިލާއިންވެސް ރާއްޖެ ބަލައިގަންނަ އެންމެ ބޮޑު އެއް ސަބަބު. އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތު ރާއްޖެއިން ބަލަހައްޓާނީ ފަހުރުވެރި ގައުމެއްގެ ގޮތުގައި." ރައީސް ނަޝީދު ވިދާޅުވި އެވެ.

އަބްދުﷲ ޝާހިދަކީ ހާރިޖީ އަދި ސިޔާސީ ދާއިރާގައި ފާހަގަކޮށްލެވޭ ފަހުރުވެރި ހިދުމަތްތަކެއް ކުރައްވާފައިވާ ކުޅަދާނަ ޑިޕްލޮމޭޓެކެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ، އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރަށް ރާއްޖެ އިންތިހާބުވުމަކީ، ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވާ ހުރިހާ ގައުމުތަކަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.