އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅެއް ހަމަޖައްސަން ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހަޅައި ބަހުސް ފަށައިފިއެވެ.

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ފޮނުވާފައިވާ މިބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއާށް ހުށަހެޅުއްވީ، މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރެވެ.

މި ބިލު ހުށަހަޅާ ސަބަބެއް ކަމަށް ބިލުގައި ބުނެފައި ވަނީ މިއީ ދައުލަތުން އުއްތަމަ ފަނޑިޔާރަށް ދެމުން އަންނަ ހިމާޔަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކޮށް، އެމަނިކުފާނު ދިރިއުޅުމަށްޓަކައި ހާއްސަ ކުރެވޭ ރަސްމީ ގެއެއް، ދައުލަތުން ހަމަޖައްސައި ދިނުމަށާއި އުއްތަމަ ފަނޑިޔާރަށް ދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން އެމްއެންޑީއެފުން ހަމަޖައްސައިދޭން ވާނެ ކަމަށް ކަނޑައެޅުމަށްޓަކައި ގާނޫނަށް ގެންނަ އިސްލާހެއް ކަމަށެވެ.

ބިލުގައި ބުނަނީ އުއްތަމަ ފަނޑިޔާރާއި އޭނާގެ އާއިލާ ދިރިއުޅޭނެ ރަސްމީ ގެއަކާއި އެ ގެއަށް ބޭނުންވާ އެކަށީގެން ވާ އަދަދެއްގެ މުވައްޒަފުންނާއި އެ ގެއަށް ހިނގާނެ ހަރަދު ދައުލަތުގެ ފަރާތުން ހަމަޖައްސައި ދޭންވާނެ ކަމަށެވެ.

އޭގެ އިތުރުން އުއްތަމަ ފަނޑިޔާރަށް ހަމަޖައްސައިދޭ ރަސްމީ ގެއަކީ، ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެ ފަދަ ގޮތަކަށް ހުރި ގެއަކަށް ވާން ޖެހޭނެ ކަމަށާއި އެ ގޭގެ ސެކިއުރިޓީ ބަލަހައްޓާނީވެސް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ކަމަށް ބުނެފައިވެއެވެ. އަދި އެ ގެއަށް ބޭނުން ވާ މުވައްޒަފުން ހަމަޖައްސާނީ ސުޕްރީމް ކޯޓުން ކަމަށްވެސް ބުނެފައިވެއެވެ.

ބިލުގައި އުއްތަމަ ފަނޑިޔާރުގެ އާއިލާ ކަމަށް ބުނެފައި ވަނީ އުއްތަމަ ފަނޑިޔާރާ އެކުގައި ދިރިއުޅޭ އޭނާގެ އަނބިމީހާ، ނުވަތަ ފިރިމީހާ އާއި ދަރިންނާއި މަންމަ އާއި ބައްޕައެވެ.

މިގާނޫނު ފާސްވެ ތަސްދީގުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރާ ދުވަހުން ފެށިގެން އަމަލު ކުރެވޭނެ ކަމަށްވެސް ބިލުގައިވެއެވެ.