މިފަހަރު ރިލީފް ލޯނެއްގެ ބަދަލުގައި ވިސްނުން ހުރީ ވިޔަފާރިތަކާ ވާހަކަދައްކައިގެން ވިޔަފާރިތައް ކޮޅަށް ޖެހޭނެ ގޮތެއް ހޯދައި، އެހީތެރިވުމަށް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކޮވިޑުގެ ރިލީފް ލޯނުގެ ގޮތުގައި ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން، މިދިޔަ އަހަރެކޭ އެއްގޮތަށް ލުއި ލޯނުތަކެއް ދިނުމަށް ވަރަށް އަވަހަށް ފަށާނެކަން އިއުލާންކުރައްވައިފައެވެ.
މިއަދު "ވަން"އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ މިފަހަރު ބަލަނީ ރިލީފް ލޯނަކަށް ވުރެ ބޮޑަށް ވިޔަފާރިތައް ތަރައްގީކުރެވޭނެ މެކޭނިޒަމަކަށް ކަމަށާއި މާގިނަ ދުވަހެއް ނުވެ، އެކަންކަން ފެށިގެންދާނެ ކަމަށެވެ.
"އަޅުގަނޑުގެ ވިސްނުން މިގެންގުޅެނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ތަންކޮޅެއް ގާތުން އެ ވިޔަފާރިތަކުގައި ހުރި ދަތިތަކާއި، ފަހަރެއްގައި ބައެއް ވިޔަފާރިތަކަކީ އަލުން އަރައިނުގަނެވޭނެ ވަރުގެ ކަންކަން ވެސް ހުރެދާނެ. މިދެންނެވީ އެ މާކެޓު ވެސް ގެއްލިފައި ހުރެދާނެ. އެހެންކަމަށް ވަންޏާ އަޅުގަނޑުމެން މަސައްކަތްކުރާނީ އެހެން ގޮތަކަށް އެ ވިޔަފާރި ޑައިވާސިފައި ކުރެވޭނެ ގޮތެއް ހުރިތޯ އާއި އެކަހަލަ ކޮންކޮން ކަންތައްތަކެއްތޯ އެ ވިޔަފާރީގައި ހުރީ. ކުރިން އަޅުގަނޑުމެން ދިނީ ނޭވާއެއް ލާން ރިލީފް ލޯނުތަކެއް. މިފަހަރު އެއަށްވުރެ ބޮޑަށް އަޅުގަނޑުމެން މި ޓާގެޓު ކުރަނީ ވިޔަފާރިތަކާ ވާހަކަދައްކައިގެން ކުލިނިކުތަކެއްގެ ތެރެއިން ކޮންސަލްޓަންޓުންތަކަކާ އެއްކޮށް އެ ވިޔަފާރިތައް ރިވިއުކޮށް، އެކްސްޕޭންޑް ކުރެވެން ހުރި ތަންތަނަށް ކޮންކޮން އެހީތެރިކަމެއްތޯ ދެވޭނީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ މަސައްކަތުގެ ތެރެއިން ވިޔަފާރިތައް ބަދަލުކުރަން ޖެހޭ ކަމެއް ފެނޭތޯ ބަލާނެ ކަމަށާއި އެގޮތަށް މަޝްވަރާގެ ތެރެއިން ވެވެން ހުރި އެހީތެރިކަމެއް ވެދީގެން މަޑުމަޑުން އަލުން ކޮޅަށް ޖެހުމަށް މަސައްކަތްކުރާނެ ކަމަށެވެ.
"އެހެންވީމާ މަޝްވަރާގެ ލެވެލްއެއްގައި ވާހަކަދައްކައިގެން، އެމީހުންގެ ވީކްނަސްއަކީ ކޮބައިތޯ، މުޅި މާކެޓުގައި ހުރި ވީކްނަސްއަކީ ކޮބައިތޯ ބަލާނަން. މިސާލަކަށް ކެފޭއެއް ކުރިއަށް ނުގެންގޮސް ބަންދުކުރުން މާ ރަނގަޅުވެދާނެ. އެ ދެބައި އެއްކޮށް ވާހަކަދައްކައިގެންނޭ އެކަންކަން ކުރާނީ. އެއަށްވުރެ ރަނގަޅު ކަމަކަށް އަޅުގަނޑުމެންނަށް އެހީތެރިވެވިދާނެތޯ ބެލިދާނެ. އެކަހަލަ ގޮތަކަށް ކުރިއަށްގެންދަން މިފަހަރު މި ގަސްދުކުރަނީ. އެ މަސައްކަތް ވަރަށް އަވަހަށް ފަށާނަން." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ފައްޔާޒް އިތުރަށް ވިދާޅުވީ ކުރިއަށްއޮތް އަހަރެއް، ދެ އަހަރު ދުވަހު ވެސް އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް މުޅި ދުނިޔެއަށް ވެކްސިނާއެކު އިގުތިސާދު ވެސް ރަނގަޅުވާނެ ކަމަށެވެ.
މިދިޔަ މަހު ކޮވިޑުގެ އަދަދުތައް އިތުރުވަމުން ދިއުމާ ގުޅިގެން ސަރުކާރުން ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމުން ވިޔަފާރިތަކަށް ވަނީ ގެއްލުންތަކެއް ވެފައެވެ. ބައެއް ވިޔަފާރިތަކުން ވަނީ އެކަމުގެ ކަންބޮޑުވުންތަކެއް ވެސް ފާޅުކޮށްފައެވެ.
ކޮވިޑުގެ އަދަދުތައް މިމަހު ވަނީ ދަށަށް ދާން ފަށައިފައެވެ. އަދަދުތައް ދަށަށް ގޮސް، އަންނަ މަހު ލުއިތައް ދެވޭނެ ކަމަށް ސިއްހީ މާހިރުން ލަފާކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު